ކޮވިޑްގެ ދެވަނަ ރާޅާއެކު އިންޑިއާއަށް ވަނީ އޮކްސިޖަން ބޭނުންވެފައެވެ. މުހިންމު ބޭސްތަކާއި އެނދާއި އަދިވެސް އެހެން ތަކެތި ބޭނުންވެފައެވެ. މިހާލަތުގައި ސޯނޫ ސޫދު މިވަނީ އަނެއްކާ ވެސް އިންޑިއާ ގެ ރައްޔިތުންނަށް އެހީވުމަށްޓަކައި އަތުކުރި އޮޅާލާފައިއެވެ.
ސޯނޫ ސޫދު މިދިޔަ އަހަރު ލޮކް ޑައުން ތެރޭ ވަނީ އަވަށަށް ނުދެވި ހާލުގައި ޖެހިފައިތިބި އިންޑީއާގެ ރައްޔިޔުން އެމީހުންގެ އަވަށްތަކަށް ފޮނުވައި ދީފައިއެވެ. މިފަހަރު އޭނާ ވަނީ އިންޑިއާގައި އޮންނަ އަވަށެއް ކަމުގައިވާ ނީމްޗް ގެ ރައްޔިތުން އަށް ކާބޯތަކެތި ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައިއެވެ.
ސޯނޫ ސޫދު އަށް މިހިޔާލު ލިބުނީ ދުވަސްތަކެއް ކުރިން ކަލާޒް އިން ގެނެސްދޭ ޑާންސް ރިއަލީޓީ ޝޯ ކަމަށްވާ ޑާންސް ދީވާނޭގެ ސެލެބްރިޓީ ޖަޖެއްގެ ހައިސީއްޔަތުން ބައިވެރި ވުމުން، އެ ޝޯގެ ބައިވެރިއަކު ކަމުގައިވާ އުދޭ ސިންގު އެނާގެ އަވަށް ކަމުގައިވާ ނީމަޗް ގެ މިހާރުގެ ހާލަތު ހުރި ގޮތް ކިޔާއިދިނުމުންނެވެ. ނީމަޗް ގެ ރައްޔިތުން އުޅޭ ހާލު އެނގުމުން ސޯނޫ ވަނީ އިންޑިއާގެ ލޮކްޑައުން އުވާލަންދެން އެ އަވަށުގައި އެހީ މިވަގުތު އެންމެ ބޭނުންވާ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ނިންމާފައިއެވެ.
ސޯނުގެ މި ހިތްތިރި އަމަލާ ބެހޭގޮތުން އިންޑިއާގެ ނޫހަކުން އަހާލުމުން ސޯނޫ ބުނެފައިވަނީ އޭނާ އަށް ވަނީ ކާބޯތަކެތި ނުލިބި މީހުން ހާލުގައި ޖެހިފައިވާ މަންޒަރުތައް ފެނިފައި ކަމަށާއި ލޮކް ޑައުން ތެރޭ އެންމެ ގެއްލުން ލިބެނީ ކޮންމެ ދުވަހަކު މަސައްކަތް ކޮށްގެން އެދުވަހު ލިބޭ އާމްދަނީއަށް ބަރޯސާ ވާ މީހުންނަށް ކަމަށެވެ.
"އެމީހުންގެ މަޖޫބޫރީ ހިޔާލަށް ގެނެސްބަލަ. އެއްވެސް އާމްދަނީއެއް ނުލިބި، އެމީހުންނާއި އެމީހުންގެ އާއިލައަށް ބޭނުންވާ މުހިއްމު ތަކެތީގެ އިތުރުން ކާބޯތަކެތި ވެސް ނުގަނެވޭ. މިކަމަކީ އެއް މަހުގެ ކަމެއް، ހަމަހުގެ ކަމެއް ނުވަތަ އެއް އަހަރަށް ދެމިގެންދާ ކަމަކަށްވީ ނަމަވެސް ލޮކްޑައުން އުވާލަންދެން އަހަރެން މިވަނީ ނީމަޗް ގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ވައުދުވެފަ. ނީމަޗް ގެ ރައްޔިތަކު މި ސްޓޭޖްގައި ހުށަހެޅުމެއް ހުށަހަޅަދީ އޭނާ މިވަނީ އޭނާގެ އަވަށުގެ މީހުންނަށް ކާބޯތަކެތި ލިބޭނެ މަގެއް ހޯދައިދީފައި. މިއީ އޭނާ ހުނަރުގެ އިތުރުން މި ޕްލޭޓް ފޯރމް އިން އޭނާ ހާސިލްކުރި ކާމިޔާބީ،" ސޯނޫ ސޫދު ބުނެފައިވެއެވެ.
މީގެ އިތުރަށް ސޯނު ބުނެފައިވަނީ އޭނާގެ ޓީމުން މިހާރު ދަނީ އެ ޕްލޭން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި އެމީހުންވަނީ ކާބޯތަކެތީގެ ކިޓެއް ތައްޔާރުކޮށްފައި ކަމަށާއި އެ މީހުންނަށް އެމީހުންގެ ބަދިގޭ ހިންގާލެވޭނެ ގޮތަށް އެ ކިޓްގައި ކިރު، މުގު، ހަނޑޫ، މަސާލާ، ތެޔޮ އަދި މީނޫން އިތުރު ތަކެތި ހިމެނޭނެ ކަމަށެވެ. އަދި އޭނާގެ ޓީމުން ދަނީ އެ ތަކެތި އެމީހުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މި އަވަށަކީ ދަންނަ އަވަށެއްތޯ އެހުމުން ސޯނޫ ބުނެފައިވަނީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމުގައިވާ އެކްޓަރ ޕީޔުޝް ނިސްބަތްވަނީ މި އަވަށަށް ކަމަށެވެ. އަދި ޕީޔުޝް އޭނާގެ އަވަޝާއި ބެހޭގޮތުން ވާހަކަ ދައްކާނެ ކަމަށާއި، ޝޯގެ ބައިވެރިޔާ އުދޭގެ ވާހަކަތަކުން އޭނާއާއި އެ ރަށާއި ގުޅުމެއް އުފެދިއްޖެ ކަމުގެ އިހުސާސް ކުރެވުނީ ކަމަށް ވެސް ސޯނޫ ބުނެއެވެ.
މިއަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު ޕްރިތުވިރާޖް ގެ ޝޫޓީން ނިންމާލުމަށްފަހު ސޯނޫ ގިނަ ވަގުތު އުޅެނީ މި ދަތި ހާލަތުގައި އިންޑިއާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކުރެވިދާނެ ކޮންމެވެސް ކަމެއްގައި އަބަދުވެސް މަސްއޫލުވެގެންނެވެ.