އިންޑިޔާގައި ކޮވިޑް-19 ގެ ނުރައްކާތެރި މިޙާލަތުގައި ފޭކު ބޭސްތައް ވިއްކާ މީހުން ކުށްވެރިކޮށް ބޮލީވުޑްގެ ތަރި ފަރުޚާން އަޚުތަރު ޓްވިޓް ކޮށްފިއެވެ.
ފަރުޚާން އަޚުތަރުގެ ޓްވީޓްގައި ވަނީ މިހާރު ބައެއް ފަރާތްތަކުން ފޭކު ބޭސް ތައްޔާރުކޮށްގެން ކޮވިޑް 19 އަށް ފަރުވާ އެއް ލިބޭ ބޭހެކޭ ކިޔާފައި ވިއްކަމުން އެބަ ގެންދެއެވެ. މިފަދަ މީހުންނަކީ ޚާއްޞަ ވައްތަރެއްގެ "މޮންސްޓަރ" ތަކެއް ކަމަށް މި ތަރީ ގެ ޓްވިޓް ގައި ވެއެވެ.
ކޮވިޑް 19 އަށް ފަރުވާ ލިބޭ ބޭހޭ ބުނެ އިންޑިޔާގެ ބައެއް ފަރާތްތަކުން ފޭކު ބޭސް ވިއްކަމުން ދާތީ މި ކުރި ޓްވިޓަށް ވަރަށް ގިނަ ފަރާތް ތަކުން ކޮމެންޓް ކޮށްފާ ވެއެވެ. އެގޮތުން ބައެއް ފަރާތްތަކުން ހިއްސާ ކޮށްފައިވާ ކޮމެންޓް ތަކުގައި އޮކްސިޖަން އާއި ބޭސް މިހާރު ރަނަށްވުރެ އަގުބޮޑުކޮށް ވިއްކަމުން ދާކަމަށް ލިޔެފައި ވެއެވެ. އަދި ބައެއް ފަރާތް ތަކުން ލިޔެފައިވާ ގޮތުގައި ޕެރެސެޓް މޯލް އިންޖެކްޝަންވެސް އެހާ އަގުބޮޑުކޮށް ވިއްކަމުން އެބަ ދެއެވެ. މީގެ އިތުރަށް މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ގެންދިއުމަށް އެންބިއުލާންސްތަކުންވެސް ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުން ދާކަމަށް ކޮމެންޓް ކޮށްފައިވެއެވެ. މިގޮތުން މީހަކު ލިޔެފައިވާ ކޮމެންޓެއްގައި ވަނީ އެއްބަޔަކު ފޭކު ބޭސް ތައްޔާރު ކުރަނީއެވެ. އަނެއް ބަޔަކު ބްލެކް މާރކެޓްގައި ތެމޯމީޓަރ ފަދަ ތަކެތި ވިއްކަނީ އެވެ. އަނެއްބަޔަކު އެތައް ގުނައެއް އަގުބޮޑުކޮށް ކުރުނބާ ފެން ވިއްކަމުން ދަނީއެވެ. މީގެ އިތުރަށް ބައެއް މީހުން ހިއްސާ ކޮށްފައިވާ ލިޔުން ތަކުގައި ލިޔެފައިވަނީ ބައެއް މީހުން މިދުވަސްވަރު ބަލަމުން ދަނީ އެގޮތް މިގޮތުން މީހުން އަތުން ފައިސާ ހޯދުމެވެ. ނުވަތަ ލޫޓު ވުމެވެ.
ފަރުޚާން އަޚުތަރުގެ އިތުރަށް މިގޮތަށް ފޭކު ބޭސް ވިއްކަމުން ދާތީ އެކަމާ ދެކޮޅަށް ބޮލީވްޑްގެ ތަރި އާރު މަދަވަން ވެސް ޓްވިޓް ކޮށްފައި ވެއެވެ.