ގައުމާ މުޚާތަބު ކުރައްވަމުން ނޭޕާލްގެ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ ކޮވިޑްއާ ދެކޮޅަށް ނޭޕާލުން ކުރާ ހަނގުރާމައިގައި އިންޓަރނޭޝަނަލް އެހީއަށް އެދި ގޮވާލައްވާފައެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވީ މެއި 14 އާ ހަމައަށް ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރު ނޭޕާލުން ހުއްޓާލާފައިވާ ކަމަށެވެ.

މިބައްޔަކީ އެއްވެސް މީހަކަށް އެއިން ސަލާމަތެއް ނެތް ބައްޔެއްކަމަށް ވިދާޅުވެ، އޯލީ ވަނީ ރައްޓެހިގައުމުތަކާއި އަވަށްޓެރި ގައުމުތަކުން ނޭޕާލަށް އެހީވުމަށް އެދިވަޑައިގެންފައެވެ. އޭނާ އެދިވަޑައިގަތީ ވެކްސިންއާއި އޮކްސިޖަން ސާމާނާއި ބޭހާއި ޑައެގްނޯސްޓިކް ކިޓްތަކަށެވެ.

މި ސްޕީޗްގެ ފަހުބައި އޭނާ ފުރިހަމަ ކުރެއްވީ އިނގިރޭސި ބަހުންނެވެ.

ނޭޕާލް ރައްޔިތުންވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެހީތެރިވުމަށް އޭނާ އެދިވަޑައިގަތެވެ. އަދި ދުވަހުގެ ހަރަކާތްތަކުގައި މީހުން ފަރުވާތެރިވުމަށްވެސް އެދިވަޑައިގަތެވެ.

ނޭޕާލްގެ 77 ޑިސްޓްރިކްޓްގެ ތެރޭން 41 ޑިސްޓްރިކްޓެއް ވަނީ ބަންދުކޮށްފައެވެ.

އޯލީގެ މި ޚިތާބު އައިސްފައިވަނީ ނޭޕާލް ސިޔާސީ ހަމަނުޖހުމެއްގައި ވަނިކޮށެވެ. މިމަހު 10 ގައި އޭނާގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ޕާލަމެންޓްގައި ވޯޓަށް އެހުމަށްވެސް ނިންމާފައި ވެއެވެ.

ނޭޕާލްގައި ދުވާލަކަށް 7500އެއްހާ މީހުން ޕޮޒިޓިވް ވެއެވެ. އަދި ސާޅީހަކަށް މީހުން މަރުވެއެވެ. ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު ތިންލައްކަ ފަންސާސްހާހާ ގާތް ކުރެއެވެ.