ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުކަމުގައިވާ ޝަރުއީ ދާއިރާއަކީ، ރައްޔިތުން އިތުބާރުކުރާ ދާއިރާއަކަށް ހެދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު، މާތް ﷲގެ އިރާދަފުޅާއެކު، ރިޔާސީ ވައުދުފުޅާ އެއްގޮތަށް ގެންނެވުމުގެ މަސައްކަތް މިހާރު ފެށިފައި ވާ ކަމަށާއި، ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، ރަނގަޅު އިސްލާހުތަކެއް ގެނެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މި ފަދައިން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ޖިނާއީ އަދުލުގެ ނިޒާމު އިސްލާހުކޮށް ރައްޔިތުން އިތުބާރުކުރާ ހަރުދަނާ ނިޒާމަކަށް ހެދުމުގެ މަސައްކަތަކީ، ކޮންމެހެން އިސްކަންދޭންޖެހޭ، މުހިންމު މަސައްކަތެއްކަމުގައި ވިދާޅުވެ ބަޔާން ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ތަހުގީގުގައި ކުށަށް އިޢުތިރާފުވާ މީހުންގެ ތެރެއިން ކުދިކުދި ކުށް ކުރާ މީހުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެ މީހުންގެ މައްޗަށް ކުށުގެ ދައުވާކުރުމުގެ ބަދަލުގައި ނަސޭހަތްދީ، މައްސަލަ ނިންމޭ މިންވަރު އިތުރުކުރުން ވަރަށް މުހިންމުކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. މިނިޒާމު ހަރުދަނާކުރުމަށް ތަހުގީގުކުރާ ފުލުހުންނާއި ދައުލަތުގެ ވަކީލުންނާއި އަދި ދިފާޢީ ވަކީލުންނަށް ހާއްސަ ތަމްރީންތައް ދިނުން ފަދަ ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުން ކޮށްދެވެންހުރި ހުރިހާކަމެއް ކޮށްދެއްވާން ގަސްތުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށްވެސް ރަނގަޅު އިސްލާހުތަކެއް ގެނެވޭނެ ކަމަށާ، ވަކިވަކި ދާއިރާތަކުން މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ހާއްސަ ކޯޓުތައް، މާތް ﷲގެ އިރާދަފުޅާ އެކު، ގާނޫނީ ނިޒާމުގެ ތެރެއިން ތަޢާރުފު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މިނިވަން ޑިމޮކްރެޓިކް މުޖުތަމައު ތަކުގައި ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތައް ހައްލުކުރަނީ ނަސޭހަތުގެ އެއްބަސްވުމާއި އިޢުތިރާފުގެ އެއްބަސްވުމުގެ އެހީގައިކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ، ކިތަންމެ ގިނަ ކޯޓުރޫމްތަކެއް ހަދައި، ޤާޟީންގެ އަދަދު ކިތަންމެ ގިނަ ކުރި ކަމުގައި ވީ ނަމަވެސް، މި ދެނިޒާމް ރަނގަޅަށް ނުހިންގާ ޖިނާއީ އަދުލުގެ ނިޒާމަށް އެކަށީގެންވާ ޙައްލެއް ލިބެން ނެތް ކަމަށެވެ. އެހެންކަމުން، ނަސޭހަތުގެ އެއްބަސްވުމާއި، އިއުތިރާފުގެ އެއްބަސްވުން ހެދުމުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްކުރަން ގަސްތުކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ޕަބްލިކް ޑިފެންޑަރސް އޮފީހެއް ގާއިމުކުރައްވައި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ، އެކަމަށް ތަޚްޞީޞް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށާއި، މިއަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑަރސް އޮފީސް ގާއިމުކުރުމާބެހޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، މި ނިޒާމް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަމުގައި ރައީސްގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ. މިއާއެކު ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. އެ މަސައްކަތް ނިމުމާ ހިސާބަށްވެސް، ކްރިމިނަލް އަދި ޑްރަގް ކޯޓަށް ޖާގަ ތަނަވަސް އިމާރާތެއްގެ ބޭނުން ޖެހިފައި އޮތްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، ޖާގަ ތަނަވަސް އުމާރާތަކަށް އެ ދެ ކޯޓު ބަދަލު ކުރެއްވުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ.
ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ޤައުމުގެ ކަންކަން ރަނގަޅުކުރުމަށްޓަކާ ރައްޔިތުންގެ މަޖިލީހަށް 35 ބިލު ހުށަހެޅި، 30 ބިލެއް ފާސްކޮށްދެއްވާފައި އޮތްކަން ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. ހަމަ މި މޭރުމުން، މިއަހަރު މަޖިލީހަށް ހުށަހެޅުއްވުމަށް ގަސްދުކުރައްވާ ބައެއް ބިލްތައްވެސް ރައީސް ބަޔާންކޮށްދެއްވިއެވެ. އެ ގޮތުން، ގާނޫނުއަސާސީއަށް ގެނައުމަށް ގަސްދުކުރައްވާ މުހިންމު ބައެއް އިސްލާހުތަކުގެ ތެރޭގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރެއްވުމާއި، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ބަދަލުކުރުމާއި ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭގޮތަށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާގޮތް އިސްލާހުކުރުން ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ކަމުގައިވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އަދި ބޯހިޔާވަހިކަމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާނެކަން ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސްގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީގެ ބިލު މިފެށޭ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައިވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.