ފިރިހެނުން ދުވަސްވީ ވަރަކަށް، އެމީހުންގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަމުންދާއިރު، ވަކި ބާވަތެއްގެ ބަލިތައް އާންމުވަމުން އަންނައެވެ. 50 އަހަރުން މަތީގެ ފިރިހެނުންގެ ސިއްޙަތާ ގުޅޭގޮތުން އަނެއް މުހިންމު ކަމަކީ ރަނގަޅު ޔޫރޮލޮޖިކަލް ސިއްޙަތެއް ހުރުމެވެ. ޕްރޮސްޓޭޓް، ކިޑްނީ އަދި މުތްކުރީގެ މައްސަލަތައް ދެނެގަތުމަށް ގަވާއިދުން ޗެކްއަޕްތައް ހަދަންވާނެއެވެ. މިއީ ބަލިމީހާގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކޮށްފާނެ އެއްވެސް ކަމެއް އަވަހަށް ދެނެގަތުމަށްޓަކައެވެ. 50 އަހަރުން މަތީގެ ފިރިހެނުން މިފަދަ ޔޫރޮލޮޖިކަލް ޗެކްއަޕްތައް ހަދަންޖެހޭ ސަބަބާއި، އެކަމުން ތިބާގެ ދުރު މުސްތަޤުބަލުގެ ސިއްޙަތަށް ކޮށްފާނެ އަސަރުތަކާ ބެހޭގޮތުން ތިބާ އެނގެން ޖެހޭ ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.
ޕްރޮސްޓޭޓްގެ މައްސަލަތައް އަވަހަށް ދެނެގަތުންޕްރޮސްޓޭޓްގެ ސިއްޙަތަކީ ފިރިހެނުންގެ މެދުގައި އާންމު މައްސަލައެކެވެ. ޚާއްޞަކޮށް އެމީހުން ދުވަސްވީ ވަރަކަށެވެ. 50 އަހަރުން މަތީގެ މީހުންގެ މެދުގައި ޕްރޮސްޓޭޓްގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުޞަތު އިތުރުވެއެވެ. މީގެ ތެރޭގައި ބެނައިން ޕްރޮސްޓެޓިކް ހައިޕަރޕްލޭޒިއާ (ބީޕީއެޗް) އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ. ބީޕީއެޗް އަކީ ޕްރޮސްޓޭޓް ގްލޭންޑް ބޮޑުވެގެން ދިއުމުގެ ސަބަބުން ދިމާވާ ކަމެކެވެ. އަދި މީގެ ސަބަބުން ގިނަގިނައިން ކުޑަކަމުދިއުމާއި، ކުޑަކަމުދަން ފެށުމަށް އުނދަގޫވުމާއި، ކުޑަކަމުދާއިރު ބާރު ކުޑަވުން ފަދަ ނުރަނގަޅު އަލާމާތްތައް ފެންނަން ފަށައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޕްރޮސްޓޭޓް ކެންސަރަކީ ފިރިހެނުންގެ މެދުގައި އެންމެ އާންމު ކެންސަރުތަކުގެ ތެރެއިން އެއް ކެންސަރެވެ. އުފާވެރި ޚަބަރަކީ ޕްރޮސްޓޭޓް-ސްޕެސިފިކް އެންޓިޖެން (ޕީއެސްއޭ) ޓެސްޓާއި ޑިޖިޓަލް ރެކްޓަލް އެގްޒެމިނޭޝަން (ޑީއާރްއީ) ފަދަ ގަވާއިދުން ހަދާ ޔޫރޮލޮޖިކަލް ސްކްރީނިންގތަކުން ޕްރޮސްޓޭޓްގެ މައްސަލަތައް އަވަހަށް ދެނެގަނެވިދާނެކަމެވެ. އަދި މީގެ އިތުރުން، އަވަހަށް ދެނެގަތުމުގެ އުންމީދު އޮތުމާއެކު، ފަރުވާ ލިބިއްޖެނަމަ ފުރަތަމަ މަރުޙަލާގައި ފަސޭހައިން ރަނގަޅުކުރެވިދާނެއެވެ.
ކުޑަކަމުދިއުމާ ގުޅުންހުރި މައްސަލަތައް ހުއްޓުވުމާއި ބެލެހެއްޓުން50 އަހަރުން މަތީގެ ފިރިހެނުންގެ މެދުގައި އަނެއް އާންމު މައްސަލައަކީ ކުޑަކަމުދިއުމާ ގުޅުންހުރި މައްސަލަތަކެވެ. ޔޫރޮލޮޖީ ޗެކްއަޕްތަކުން މިފަދަ މައްސަލަތައް ހުއްޓުވުމަށާއި ބެލެހެއްޓުމަށް އެހީތެރިވެދެއެވެ. އުމުރުން ދުވަސްވީ ވަރަކަށް، މުތްކުރި އަދި ކުޑަކަމުދާ ހޮޅީގައި ހުންނަ މަސްތައް ބަލިކަށިވެ، އޭގެ ސަބަބުން ކުޑަކަމުދާ ނުހިފެހެއްޓުމާއި މުތްކުރި އާދަޔާ ޚިލާފަށް ހަރަކާތްތެރިވުން ފަދަ ކަންކަން ދިމާވެއެވެ. މި އަލާމާތްތަކަކީ ވަރަށް އުނދަގޫ އަލާމާތްތަކެކެވެ. އަދި މީގެ އިތުރުން، މިކަންކަމުގެ ސަބަބުން ތިބާގެ ދިރިއުޅުމަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
ގަވާއިދުން ހަދާ ޔޫރޮލޮޖީ ޗެކްއަޕްތަކުގައި ޑޮކްޓަރަށް ކުޑަކަމުދާ ނިޒާމާ ގުޅުންހުރި އެއްވެސް މައްސަލައެއް ހުރިތޯ ބެލޭނެއެވެ. އަދި ބޭސްފަރުވާ ނުވަތަ ފިޒިކަލް ތެރަޕީ ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން ފަދަ ފަރުވާތައް ދެވިދާނެއެވެ.
ކިޑްނީ ބަލީގެ ސްކްރީނިންގކިޑްނީގެ މައްސަލަތަކަކީ ގިނަފަހަރު އޭގެ އަލާމާތްތައް ނުފެނި ފޮރުވިފައި ހުންނަ ބައްޔެކެވެ. އެއީ ކިޑްނީ ހުންނަނީ ބަނޑުގެ އެތެރޭގައި ވަރަށް ފުންކޮށް ކަމަށްވުމާއި، އާންމު ގޮތެއްގައި އެއްވެސް ފާހަގަކުރެވޭފަދަ އަލާމާތެއް ނުދައްކާތީއެވެ. ކޮންމެ ޔޫރޮލޮޖީ އެޕޮއިންޓްމަންޓެއްގައިވެސް ކިޑްނީ ބަލީގެ ފުރަތަމަ އަލާމާތްތައް ދެނެގަތުމަށް ލޭ އަދި ކުޑަކަމުދާ ތަކެތީގެ ޓެސްޓްތައް ހެދިދާނެއެވެ. ކިޑްނީ ބަލި ޖެހެނީ ޑައިބެޓީސް އަދި ލޭގެ ޕްރެޝަރ މަތިވުން ފަދަ 50 އަހަރުން މަތީގެ ފިރިހެނުންގެ މެދުގައި އާންމުކޮށް ފެންނަ ބަލިތަކުގެ ސަބަބުންނެވެ. ޑޮކްޓަރުންނަށް ކިޑްނީ ބަލި އަވަހަލި އަވަހަށް ދެނެގަނެވި، އެއަށް ފަރުވާ ދިނުމަށް ނުވަތަ ބަލި އިތުރަށް ގޯސްވިޔަ ނުދިނުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމަށް ލަފާދެވިދާނެއެވެ.
ޖިންސީ ދުޅަހެޔޮކަންޔޫރޮލޮޖީއަކީ ބޭސްވެރިކަމުގެ ދާއިރާއެއްގެ ގޮތުގައި، 50 އަހަރުން މަތީގެ ފިރިހެނުންގެ މެދުގައި އަޅާނުލާ ދޫކޮށްނުލެވޭނެ ވަރަށް މުހިންމު ދާއިރާއެކެވެ. އެއީ ޖިންސީ ސިއްޙަތެވެ. އިރެކްޓައިލް ޑިސްފަންކްޝަން (އީޑީ) އަކީ ކުޑަކަމުދާ ނިޒާމާއި ހިތުގެ ލޭދައުރުކުރާ ނިޒާމުގެ މައްސަލަތަކާ ގުޅުން ހުރި ކަމެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ބެލެވެއެވެ. މި މައްސަލައިގެ ސަބަބު ދެނެގަތުމަށް ފުރިހަމަ މެޑިކަލް ޗެކްއަޕެއް ބޭނުންވެއެވެ. އަދި މިއީ ހޯމޯނަލް މައްސަލައެއްތޯ، ލޭ ދައުރުކުރުމުގެ މައްސަލައެއްތޯ، ނުވަތަ ނާރުތަކުގެ މައްސަލައެއްތޯ ބަލަންޖެހެއެވެ. އީޑީއަށް ބޭސްފަރުވާ، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނައުން، ނުވަތަ ތެރަޕީ ދެވިދާނެއެވެ. ނުވަތަ ސްޕެޝަލިސްޓަކާ މަޝްވަރާކޮށްގެން މި މައްސަލަ ޙައްލުކުރެވިދާނެއެވެ. މިކަމުން ފިރިހެނުންނަށް އާންމު އަދި ދުޅަހެޔޮ ޖިންސީ ދިރިއުޅުމެއް އުޅުމަށް އެހީތެރިވެދެއެވެ.
މުތްކުރީގެ ކެންސަރު މޮނިޓަރކުރުންމުތްކުރީގެ ކެންސަރަކީ ޕްރޮސްޓޭޓް ކެންސަރާ އަޅާބަލާއިރު ނިސްބަތުން މަދުން ފެންނަ ބައްޔެކެވެ. ނަމަވެސް، 50 އަހަރުން މަތީގެ ކޮންމެ ފިރިހެނަކުވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ސިނގިރެޓް ބުއިމަކީ މުތްކުރީގެ ކެންސަރު ޖެހުމުގެ މައިގަނޑު ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ. ނަމަވެސް، ސިނގިރެޓް ނުބޯ މީހުންގެ މެދުގައިވެސް އުމުރުން ދުވަސްވީ ވަރަކަށް މި ބަލި ޖެހުމުގެ ފުރުޞަތު އިތުރުވެއެވެ. އެންމެ މުހިންމު ކަމަކީ، ޔޫރޮލޮޖީ ޗެކްއަޕްތަކުގައި އާންމު ގޮތެއްގައި ކުޑަކަމުދާ ތަކެތީގެ ޓެސްޓެއް ހަދައެވެ. މި ޓެސްޓުން ކުޑަކަމުދާ ތަކެތީގައި ލޭ ހުރިތޯ ބެލޭނެއެވެ. މިއީ މުތްކުރީގެ ކެންސަރުގެ ފުރަތަމަ އަލާމާތްތަކުގެ ތެރެއިން އެއް އަލާމާތެވެ.
މުތްކުރީގެ ކެންސަރު އަވަހަށް ދެނެގަތުމުން ފަރުވާ ކާމިޔާބުވުމުގެ ފުރުޞަތު އިތުރުވެއެވެ. އެހެންކަމުން ގަވާއިދުން މޮނިޓަރކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ސިނގިރެޓް ބުއިމުގެ ތާރީޚެއް އޮތް ނުވަތަ ވަކި ބާވަތެއްގެ ކެމިކަލްތަކަށް ހާމަވެފައިވާ މީހުން ފަދަ އިތުރު ނުރައްކާތަކަށް ހުށަހެޅިފައިވާ މީހުންނަށް މިކަން މުހިންމެވެ.
https://www.nuhospitals.com/blog/the-importance-of-regular-urological-checkups-for-men-over-50/?fbclid=IwY2xjawIRcA1leHRuA2FlbQIxMQABHWUJGqzQI1wi5TIoEvO1sVkDvFF6Kc5POe-PWxEFnUSLbgZKtf1JPW-YIg_aem_KSW5OPD7VAfc95Ne99Eqhg