އާސަންދައިން ފޯރުކޮށްދޭ ބޭހަކީ، އެކި ފިހާރައިން އެކި އަގު ޖަހައިގެން، ނަހަމަ ގޮތުގައި އެއިން ވިޔަފާރިކޮށް، ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.
ރައީސްގެ ވާހަކަފުޅުގައި، އާސަންދަ ނިޒާމުން ނާޖާއިޒު ގޮތުގައި ބަޔަކު ފައިދާ ނަގަމުން ދިޔަކަން ސަރުކާރަށް ޔަގީންކުރެވިފައިވާ ކަމަށާއި އެހެންކަމުން އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ނިމިދިޔަ އަހަރު ވާނީ މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފައި ކަމުގައި ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ކަމަކަށް ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފަށައި، ބޭހުގެ ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފު، ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ކޮންޓްރޯލް ކުރެވިފައިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބަދަލުތަކާއެކު، ބައެއް ފަރާތްތަކުން ކަންކުރަން ފެށި ގޮތުން، ޢާއްމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި ނަމަވެސް، އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން، އެކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި، އަދި މިއަހަރުގެ ތެރޭގައި މިގޮތުން އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވީ އާސަންދައިން ހޭދަކުރެވޭ ކޮންމެ ރުފިޔާއަކީ، ދިވެހި ލޮބުވެތި ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ ހޭދައަކަށް ބަދަލު ކުރައްވާނެކަމަށެވެ.
ޤައުމެއް ބިނާކުރުމުގައި އެބައެއްގެ ޞިއްޙީ ދުޅަހެޔޮކަމަކީ އެންމެ އިސްކަންދޭން ޖެހޭ އެއް އަސާސް ކަމަށާއި، ޞިއްޙީ ފަރުވާއަށް ބޭނުންވާ މީހުންނަށް، އިތުބާރާއެކު ޞިއްޙީ ފަރުވާ ލިބޭނެ ނިޒާމެއް، ޤާއިމުވެފައި އޮތުން ވަރަށް މުހިންމު ކަމުގައި ރައީސް ވިދާޅުވިއެވެ. އެގޮތުން ޞިއްޙީ ދާއިރާއާ ރައްޔިތުން އެންމެ ބޮޑަށް ގުޅިފައިވާ އާސަންދަ ނިޒާމު، ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ބައެއް މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އާސަންދަ ނިޒާމަކީ ހުރިހާ ދިވެހި ރައްޔިތުންނަށް ޞިއްޙީ ފަރުވާ، ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިންގަމުންދާ، ކޮންމެހެން ދަމަހައްޓަން ޖެހޭ ނިޒާމެއް ކަމަށާއި، އެ ނިޒާމުގެ އަދުލުވެރިކަމާއި އިންސާފުވެރިކަން ކަށަވަރުވާން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން އިރާދަކުރެއްވިޔާ ކަށަވަރުކުރައްވާނެ ކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި، އެންމެ އިންސާފުވެރި ގޮތް، ސަރުކާރުން އަބަދު ވެސް އިސްކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.