ބޯހިޔާވަހިކަން ނެތުމުގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި، އެކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ ގޮތުން ހިނގަމުންދާ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް ކަނއަޅާފައިވާ ތާރީހީ ބަޖެޓުން، ރައްޔިތުންނަށް ނަފާވެގެންދާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމުގެ މައްސަލައަކީ ހިތާމަވެރި އަދި ގައުމީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި، އެއީ ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކުގެ ތެރެއިން ވަކިން ހާއްސަކޮށް، ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރެއިން ހައްލުކޮށްދެއްވަން އެމަނިކުފާނު އެންމެ އިސްކަންދޭ މައްސަލަކަމަށް ވިދާޅުވިއެވެ.
އެގޮތުން، ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅައި، އެ ތާރީޚީ ބަޖެޓުގެ ޒަރީއާއިން، ވެރިރަށް މާލެ ނުހިމެނޭހެން، 12،940 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އުތުރުތިލަފަޅު އަދި ފުށިދިއްގަރުފަޅުން މާލޭ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންނަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިކޮށްދިނުމުގެ ގޮތުން، އަމިއްލަ ގޯތީގައި އިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީއާ ހުއްދަކުރާ ލޯނު ދިނުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޖުލައި މަހުން ފެށިގެން މި ފެސިލީޓީގެ ބޭނުން ރައްޔިތުންނަށް ފަހިވެގެންދާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ، ރައްޔިތުންގެ އުމްރާނީ ތަރައްގީއާއި ގުޅިފައިވާ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތްފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން، ފެނާއި ނަރުދަމާގެ މަސައްކަތާއި، ލަފާފުރުން ފަސޭހަކުރުމަށް ބަނދަރުގެ މަސައްކަތާއި، މަގުހެދުމުގެ މަޝްރޫއުތަކާއި، އަސާސީ ހިދުމަތްތަކުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ކުރިއަށްދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހުރިހާ ބާވަތެއްގެ މަޝްރޫއުތައް ހިމެނޭހެން، ހުއްޓިފައިވާ މަޝްރޫއުތައް ފެށުމާއި، ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދިއުމާއި، އަލަށް ފަށާ މަޝްރޫއުތަކާއެކު ޖުމްލަ 1043 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށް ގެންދެވޭނޭކަމުގައި ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބައިބޯ ދެ ސިޓީ ކަމަށްވާ، މާލެ ސިޓީގެ ތިލަމާލެ ބްރިޖާއި އައްޑޫ ސިޓީގެ ލިންކް ރޯޑްގެ މަސައްކަތް މިއަހަރު ހަލުވި ސްޕީޑްގައި ކުރިއަށް ގެންގޮސް، ކަނޑައެޅިފައިވާ ތާރީހަށް ނިންމޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް މިއަދު ރައީސް ދެއްވިއެވެ.