އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާގެ ކޮންޓްރޯލް ހޯދުމަށް ހުށަހެޅުއްވި ހުށަހެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ދެކޮޅު ހަދައިފައެވެ. ބުދަ ދުވަހު ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކަށް އީޔޫއިން "ނޯޓް" ކުރި ނަމަވެސް، ދެ ދައުލަތުގެ ހައްލަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްހައަށް އޮތް "އެކަނި މަގު" ކަމަށް އަލުން ކަށަވަރުކޮށްދީފައިވެއެވެ.

އީޔޫގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި "ޣައްޒާއަކީ މުސްތަގްބަލުގެ ފަލަސްތީނުގެ ދައުލަތެއްގެ މުހިންމު ބައެއް" އެވެ. މި ބަޔާނުން ދޭހަވަނީ ޣައްޒާއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ދެމި އޮންނަން ޖެހޭނެ ކަމަށް އީޔޫއިން ދެކޭކަމެވެ.

ޓްރަމްޕްގެ ޣައްޒާ "ހިފުމުގެ ވާހަކައިގެ" ޕްލޭނަށް ޔޫރަޕްގެ ބައެއް ލީޑަރުން ވަނީ ހަރުކަށި އިބާރާތުން ދެކޮޅު ހަދައިފައެވެ. ޖަރުމަނުގެ ފޮރިން މިނިސްޓަރު އަނާލީނާ ބާބޮކް ވިދާޅުވެފައިވަނީ "ޣައްޒާ ފަދަ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ މީހުންނަށް ނިސްބަތްވާ ތަނެއްކަން ސާފު" ކަމަށެވެ. އަދި އާންމު އާބާދީ އެއް ގަދަކަމުން ބޭރުކޮށްލުމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އިތުރު ނަފްރަތު އުފެއްދުމަށް ކުރާ ކަމެއް ކަމަށް އިންޒާރު ދެއްވިއެވެ.

ފްރާންސްއިން ވެސް ވަނީ ޓްރަމްޕްގެ ހުށަހެޅުމަށް ދެކޮޅު ހަދައިފައެވެ. އެ ގައުމުން ބުނެފައިވަނީ "ޣައްޒާގެ ފަލަސްތީނުގެ އާބާދީ މަޖުބޫރުކޮށްގެން ގެދޮރު ދޫކޮށް ދިއުމަށް އެއްވެސް ގޮތަކަށް ފްރާންސްއިން ތަކުރާރު ކޮށް ދެކޮޅު ހަދާ" ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމަރ ވިދާޅުވެފައިވަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް "ގެއަށް ދާން ހުއްދަ ދޭން ޖެހޭނެ، އަލުން ބިނާ ކުރުމުގެ ހުއްދަ ދޭން ޖެހޭނެ" ކަމަށެވެ. އަދި "ދެ ދައުލަތުގެ ހައްލަކަށް ދާ އިރު އެތަން އަލުން ބިނާކުރުމުގައި އަޅުގަނޑުމެން އެމީހުންނާ އެކު ތިބެން ޖެހޭނެ" ކަމަށް ވެސް ވިދާޅުވިއެވެ.

ސްޕެއިން އަދި އެހެނިހެން ޔޫރަޕިއަން ޤައުމުތަކުން ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުމާ މެދު ނުރުހުން ފާޅުކޮށްފި އެވެ.

ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ވަނީ ޣައްޒާގެ މައްޗަށް އެމެރިކާ ކޮންޓްރޯލް ކުރުމުގެ ޚިޔާލު ހަރުކަށި އިބާރާތުން ދެކޮޅު ހައްދަވާފައެވެ. އޭނާ ވިދާޅުވީ "ޣައްޒާއަކީ ފަލަސްތީނުގެ ބިމެއް. ފަލަސްތީނުގެ ރައްޔިތުން ޣައްޒާގައި ދިރިއުޅެންޖެހޭނެ" ކަމަށެވެ. އަދި ސްޕެއިނުން ވަނީ މުސްތަޤުބަލުގައި ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރުމަށް ތާއީދުކުރާ ކަމަށާއި، އެ ދައުލަތުގެ ބައެއްގެ ގޮތުގައި ޣައްޒާ ހިމެނޭނެ ކަމަށް ވެސް ބަޔާންކޮށްފައެވެ.

ޕޮލެންޑްގެ ނައިބު ޚާރިޖީ ވަޒީރު އަންޑްރޭޖް ސެޖްނާ ވަނީ ދެ ދައުލަތުގެ ހައްލަކަށް ތާއީދުކުރައްވާ ކަމަށާއި، ސުލްހައިގެ މަރުހަލާގައި ފަލަސްތީނުން ބައިވެރިވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ސްލޮވޭނިއާގެ ޚާރިޖީ ވަޒީރު ޓަންޖާ ފަޖޮން ވަނީ ޓްރަމްޕްގެ ހުށަހެޅުމާ މެދު ފާޑުވިދާޅުވެފައެވެ. ލުބުނާނުގައި ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވީ މިފަދަ ހުށަހެޅުންތަކުގެ ސަބަބުން އިތުރު ހަމަނުޖެހުންތަކާއި އަނިޔާވެރިކަން އުފެދޭނެ ކަމަށާއި، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމުގެ ޚިޔާލާ މުޅިން ދެކޮޅު ހައްދަވާ ކަމަށެވެ.

ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރު ޖޯން ސްވިނީ ވެސް ވަނީ ފަލަސްތީނުގެ ރައްޔިތުން ގެދޮރު ދޫކޮށްލުމުގެ އެއްވެސް ހުށަހެޅުމަކީ "ގަބޫލު ނުކުރެވޭ އަދި ނުރައްކާތެރި ކަމެއް" ކަމަށް ވިދާޅުވެ އެ ހުށަހެޅުން ކުށްވެރި ކުރައްވާފަ އެވެ

ސްވިޒަލޭންޑްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަގްވާމީ ވާހަކަތައް ބައްޓަން ވަމުންދާ ގޮތާއި ހާއްސަކޮށް އަލަށް އިންތިހާބުވެފައިވާ އެމެރިކާގެ ވެރިކަމުގެ ފަރާތުން ބޭރުކުރާ ބަޔާންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ."

މެދުއިރުމައްޗާ ގުޅޭގޮތުން، ޚާއްސަކޮށް ދެ ދައުލަތުގެ ހައްލަކާ ގުޅޭގޮތުން ސްވިޒަލޭންޑްގެ މަގާމު ސާފުކޮށް ދީފައިވާނެ" އެ މިނިސްޓްރީން ބުންޏެވެ. ބެލްޖިއަމްގެ ފޮރިން މިނިސްޓްރީން ބުނީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި އާބާދީތައް މަޖުބޫރުކޮށްގެން ގެދޮރުން ބޭރުކޮށްލުމަކީ "ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ހިލާފުވުމެއް" ކަމަށެވެ.