ރިޔާ ނެގި އުޅަނދުފަހަރަކީ ދަތުރުކުރުމަށް ވައި ބޭނުންކުރާ އުޅަނދުފަހަރެވެ. އެންމެ ފުރަތަމަ ރިޔާ ނެގި އުޅަނދު ގެންގުޅެފައިވަނީ މީގެ 8000 އަހަރު ކުރިން މެސޮޕޮޓޭމިއާ (މިހާރު އިރާގާއި ކުވޭތު އަދި އީރާނާއި ސީރިއާ އާއި ތުރުކީވިލާތުގެ ބައެއް) ގައެވެ.
ދުނިޔޭގައި އުފެދުނު ހުރިހާ ބޮޑެތި ވެރިކަންތަކުގައި ރިޔާނެގި އުޅަނދު ބޭނުންކޮށްފައިވެއެވެ. އުޅަނދުފަހަރުގައި އިންޖީނު އަޅަންދެން ރިޔަލަކީ ބޮޑެތި އުޅަނދުފަހަރު ދުރަށް ދަތުރުކުރުމަށް ބޭނުންކުރުން ލާޒިމު އެއްޗެކެވެ. ދެތިން ގަރުނެއްވައްދެން އިންޖީނު އެޅި ބޯޓުފަހަރުގައި ރިޔާ ނުނަގައި ދުއްވުމަށްފަހު، ރިޔާ ނެގުމަކީ ތިމާވެއްޓާ ރައްޓެހި ހަކަތައެއްގެ ބޭނުން ކުރެވޭނެ ގޮތަކަށްވާތީ، މިހާރު އަނެއްކާވެސް ރިޔާ ނެގުން އަނބުރާ އަތުވެއްޖެއެވެ.
ރިޔާ ނަގައިގެން ދުއްވާ އުޅަނދުގެ ބާވަތްތައް އެހާގިނަ އިރު، ރިޔަލަކީވެސް އެކި ބައްޓަމަށް، އެކި ސައިޒުގައި، އެކި ގޮތްގޮތަށް ނަގާ، އެހާމެ ބާވަތްތައް ގިނަ އެއްޗެކެވެ. ދިވެހިރާއްޖޭގައި އެންމެ އާންމު ރިޔަލަކީ ކަތިރިޔާ އެވެ. ނަމަވެސް ހަތަރެސްކަން ރިޔާވެސް ބޭނުންކުރިއެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި، އެނޫންވެސް އެހެން ބާވަތްތަކުގެ ރިޔާ ބޭނުންކޮށްފައިވެއެވެ. ރިޔަލުގެ ބާވަތަކީ ހަމައެކަނި އޭގެ ބައްޓަމުން ތަފާތުކުރާ އެއްޗެއްނޫނެވެ. ރިޔާނަގާ ގޮތާއި، ކުނބުގެ އަދަދާއި ތަރުތީބާއި ދިގުމިނާއި، ފަރުމާނުގެ ސިފަތަކަކީ ރިޔަލުގެ ބާވަތް ކަނޑައެޅުމުގައި މުހިންމު ސިފަތަކެވެ.
ރިޔަލަކީ ވައިރޯޅީގެ އެހީގައި އެކަނި ދުއްވުމަށް ބޭނުންކުރާ އެއްޗެކެވެ. އެކި ދުވަސްވަރު އެކި ކަހަލަ ތަރައްގީ ގެނެވިފައިވާ އެއްޗެކެވެ. ފަންނީ ގޮތުން ކުރިއެރުންތަކެއް ގެނެވިފައިވާ އެއްޗެކެވެ. އެންމެ ފުރަތަމަ ފަރުމާނެއްގައި ބަނދެ އެލުވާލާފައި އޮންނަ ހަތަރެސްކަން ހަމަ ސަތަރިއެއްގެ ބައްޓަން އެކިއެކި އެހެން ބައްޓަމަށް ބަދަލުކުރެވި، ވައިޖެހޭ މިސްރާބާއި ބާރުމިން ބަދަލުވުމުން، ކުނބުގެ ވަށައިގެން ފަސޭހަކަމާއެކު، އަމިއްލަ ޒާތުގައި އެނބުރޭގޮތަށް ބަދަލުވެފައިވެއެވެ. މި ހުރިހާ ކުރިއެރުމެއްގެ މައިގަނޑު މަގުސަދަކީ ދުވެލި ހަލުވި ކުރުމުވެ. އުޅަނދެއް ދަތުރުކުރާނީ ވައިޖެހޭ ދިމާލާއި އުޅަނދުގެ ހުންގާނު އަނބުރާފައިވާ ދިމާލާ ދެމެދުގައިވާ މިސްރާބަކަށެވެ. ރިޔާނެގުމަށް ގެނެވިފައިވާ ތަރައްގީތަކުގެ ސަބަބުން، އުޅަނދުފަހަރު ވައިމައްޗަށް ދަތުރު ކުރެވޭގޮތަށްވެސް ކުރިއެރުންތަކެއް ލިބިފައިވެއެވެ. ރިޔާ ފަރުމާ ކުރުމުގައި މަޑު ވައިރޯޅީގެ ފުރިހަމަ ބޭނުން ހިފުމަށާއި ވައިގަދަވެގެން ގެއްލުމެއް ނުލިބޭގޮތަށް ސަމާލުކަމެއް ދެވިފައިވެއެވެ.
"ރިޔާ" ގެ މާނައަށް ބަލާއިރު، އެއީ އުޅަނދުފަހަރުގައި ވައިއަޅުވަން ނަގާ ފޮތިގަނޑެކެވެ. ރިޔާ ފަހަން ޖެހެނީ ގަދަވަޔާއި އަތްވާއި ލޮނުގައި ހަލާކުނުވާ، ކަމަށްހާއްސަ ފޭރާމަކުންނެވެ. ފޮތީގެ ބަދަލުގައި އެހެނިހެން މާއްދާތައްވެސް ބޭނުންކުރެވިދާނެއެވެ. މިޒަމާނުގައި "ރިޔާ" ކަމުގައި ބޭނުންކުރާ ބަހުގެ މާނައިގެ ތެރެއަށް ފަންނިއްޔާތުގެ ކުރިއެރުންތަކާއެކު އުފައްދާ އާލާތްވެސް ހިމަނަންޖެހެއެވެ. އެއީ ފޮތިގަނޑަކަށް ނުވިނަމަވެސް، އެފަދަ އާލާތްތަކަކީ ވައިއެޅުވުމަށްފަހު އޭގެ ބާރުގައި ދުއްވުމަށް ބޭނުންކުރާ އެއްޗެތިއެވެ.
އެގޮތުން އެންމެ މަޝްހޫރުވެފައިވަނީ، ކަނޑުގެ ދިރާސާތަކުގައި އެންމެ ފުންނާބުއުސް ރޯލެއް އަދާކުރެއްވި ފަރަންސޭސީ އެކްސްޕްލޯރަރ ޖެކް ކޫސްޓޯއު ގެ އީޖާދު "ޓަރބޯ ސެއިލް" އެވެ. އެ އާލާތް އަޅާފައިވަނީ "އެލްސިއޯން" ކިޔާ 103 ފޫޓު ދިގު ޔޮޓުގައެވެ. ޓަރބޯސެއިލް ގެ ސަބަބުން އޭގައިވާ ޑީސަލް އިންޖީނުތަކުން ހަކަތައުފެއްދުމުގެ ސަމަކާރައަށް 40% އިތުރު ވެގެން ދިޔައެވެ.
ރިޔާނެގުމުގެ ރަން ޒަމާނަކީ ދެތިން ގަރުނު ކުރިއެވެ. އިންޖީނު އެޅުން އާންމު ވުމުގެ ކުރިން، ދުނިޔޭގައި އިސްތިއުމާރުގެ ރޫހާއި ވާދަވެރިކަން އެންމެ ބޮޑަށް އޮތް ދުވަސްވަރު ބަނދެފައިވާ އުޅަނދުފަހަރުގައި އެކި ވަރު، އެކި ގިންތީގެ ރިޔާ އަޅާފައިވެއެވެ. ބައެއް ނާފަހަރުގައި ފަސް ކުނބު ހުއްޓެވެ. އެއިން ކޮންމެ ކުނބެއްގައި އެތައްބައިވަރު ރިޔާ ނަގާފައިވެއެވެ. އެ ޒަމާނުގެ ނާފަހަރަކީ ކަނޑުދުއްވާ އުޅަނދުތަކުގެ ތެރެއިން ރީތިކަމަށާއި ހައިބަތަށް ފާހަގަ ކޮށްލެވޭ އުޅަނދުތަކެކެވެ.
ވިހި ވަނަ ގަރުނުގައި ފަންނިއްޔާތުތައް ކުރިއެރުމާއެކު، ރިޔާ ނަގާ ގޮތްތަކަށް ވެސް އޭގެ އަސަރު ފޯރާފައިވެއެވެ. ޔޮޓުފަހަރާއި ބޮޑެތި ނާތަކުގައި ރިޔާ ނެގުމަށް އޮޓޮމެޓިކް ވިންޗާއި މޯޓަރުތަކުގެ ބޭނުން ކޮށްފައިވެއެވެ. އަދި އެއްވެސް މީހެއް އެހީއާ ނުލާ ފަސޭހަކަމާއެކު ރިޔާ ނެގޭ ގޮތަށް ފަރުމާކޮށްފައިވެއެވެ. "މޯލްޓީސް ފެލްކަން" އަކީ އެގޮތުން ފާހަގަކޮށްލެވޭ އެއް އުޅަނދެވެ.
މިހާރު ރިޔާ ނަގާ އެންމެހައި އުޅަނދުފަހަރުގައި އިންޖީނު ބަހައްޓާފައި ހުރެއެވެ. ރިޔާ ނެގުމުގެ ބޭނުމަކީ އިންޖީނުން ތެޔޮ އަންދާ މިންވަރު މަދުކުރުމާއި، ދުވެލި ހަލުވި ކުރުމެވެ. ބޮޑެތި މަހުޖަނުންނަށް ހާއްސަކޮށްގެން ބަންނަ ސުޕަރ ޔޮޓުފަހަރުގައިވެސް ރިޔާ ނަގާފައި ހުރެއެވެ.
ފަހުގެ ތާރީހެއްގައި ބަނދުފައިވާ ރިޔާނެގި އެންމެ ބޮޑު އުޅަނދަކީ ކްރޫސް ޝިޕް އެކެވެ. އެއީ "ރޯޔަލް ކްލިޕަރ" އެވެ. 2018 ގައި ބަނދެފައިވާ 439 ފޫޓު ދިގު "ރޯޔަލް ކްލިޕަރ" އަކީ އިހުގައި ބަނދެފައިވާ ރިޔާނެގި އެންމެ ބޮޑު ނާ، "ޕްރޯއިސިން" ނަމޫނާއަކަށް ބަލައިގެން ބަނދެފައިވާ ޒަމާނީ އުޅަނދެކެވެ.
ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން ތެޔޮ ނޫން އެހެން ގޮތްގޮތުން ހަކަތަ ހޯދުމަކީ ފަންނީ ދިރާސާތަކުގައި އެންމެ އިސްކަންދީފައިވާ ކަމެކެވެ. ވަޔާއި އަތްވަކީ ހިލޭ ލިބޭ ހަކަތައެވެ. އެފަދަ ހަކަތަ ބޭނުންކުރުމުން ހަރަދުވެސް ކުޑަވެއެވެ. ރިޔާ ނެގުމުގެ ފަންނިއްޔާތު މިހާރު ތަރައްގީވެފައިވާ މިންވަރުން، ބޮޑެތި އާގުބޯޓު ފަހަރުގައިވެސް ރިޔާ ނެގުމުގެ ހިޔާލަކީ މިހާރު ހިޔާލަކަށްވުރެ ބޮޑަށް ހަގީގަކާ ގާތްވެފައިވާ ކަމެކެވެ. ސްވީޑްންގައި ބަންނަމުންދާ "wPCC" އަކީ 7000 ކާރާއެކު އެޓްލާންޓިކު ކަނޑު ހުރަސްކޮށް ދަތުރުކުރުމަށް ބަންނަ 650 ފޫޓު ދިގު، 130 ފޫޓު ފުޅާ، އަދި 330 ފޫޓު އުސް، ރިޔާނެގި "ކާ ކެރިއަރ" އާގުބޯޓެކެވެ. އެ އުޅަނދު ބޭލުމަށް ހަމަޖެހިފައިވަނީ 2024 ގައެވެ. މިއީ މިބާވަތުގެ އެއް މިސާލެވެ.
ރިޔާ ނަގައިގެން ދުއްވާ ބޮޑެތި ބޯޓުފަހަރު ދަނީ ބަނދެވެމުންނެވެ. އެއީ ކުރިޔަށް އޮތް އަހަރުތަކުގައި ފެނިގެންދާނެ ހަގީގަތެކެވެ. ރިޔާ ނެގުމުގެ ރަން ޒަމާން މާޒީވެ ހިނގަޖެއެވެ. ނަމަވެސް ރިޔާ ނެގި އާގުބޯޓުފަހަރު ވެގެންދާނީ އޭގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާއާއި، ހަރަދުކުޑަކަމުން އޮޕަރޭޓަރުންނަށް ލިބޭ ފައިދާގެ ސަބަބުން ރިޔާނެގުމުގެ ޕްލެޓިމަމް ޒަމާނެއް ކަމުގައެވެ.