ބައްޕަގެ ސިޓީ

ލޯބިވާ ސައުސަންއަށް

ހެޔޮދުއާ ސަލާމް.

ދަރިފުޅާ ސައުސަން އެވެ. ދަރިފުޅުގެ ދޮށްޓަށް ހުރި ބޭބެ އިބުރާހިމާއި ހަގަށް ހުރި ކޮއްކޮ ޔަޒީދު މި ބައްޕަ ލޮލުގެ ކޮއިފަދައިން ބަލައި ބޮޑު ކުރީ ހާދަ އުންމީދެއްގައެވެ. ތިޔަކުދިންގެ މަންމަ މިދުނިޔެއާއި ވަކިވެގެން ދިޔައީ ތިޔަކުދިން ހާދަ ކުޑައިރުގައެވެ. މިއަދު ބައްޕަ ބަލިއެނދުގައި އޮންނަ އިރު ހާދަ ގިނަ އިހުސާސް ތަކެއް އެބަކުރެވެއެވެ. ކޮންމެ ދުވަހަކު އެތައް އިރެއް ވާންދެން އަޑު ނީއްވާ ރޮމެވެ. ބައެއް ރޭރޭ މުޅި ހަތަރު ދަމު ނުނިދި ދަރިފުޅުމެންގެ ހަނދާނުގައި ބައްޕަ އޮންނަމެވެ.

ބައްޕަ އިތުރު ކައިވެންޏެއް ނުކޮށް މުޅި އުމުރު ހޭދަ މިކުރެވުނީ ދަރިފުޅުމެންނަށް ޓަކައެވެ. ބުރަ ބަހެއް ބަދު ބަހެއް އެހެން މީހެއްގެ ފަރާތުން އިވެން ބައްޕަ ބޭނުން ނުވާތީއެވެ. އަދި ދަރިފުޅުމެންނާއި ބައްޕައާއި ދެމެދަށް އެހެން މީހެއްގެ ހިޔަނި އެޅިދާނެތީއެވެ.

އަހަރެމެންގެ އުފަން ގައުމު ދޫކޮށް ދަރިފުޅުމެން ދިރި އުޅެމުން ތިޔަ ދަނީ ދުނިޔޭގެ މާއްދިއްޔަތަށް ގޮސް ހުސްވެފައިވާ ތަންތަނުގައެވެ. ދަރިފުޅު ދިރިއުޅެމުން ގެންދާ ސްވިޑްންއަކީ ވެސް އެފަދަ ތަނެކެވެ. މުސްލިމުން އެހެން ދީންތަކަށް ވައްދަމުން ދާ ގައުމެކެވެ. މި ދިވެހިރާއްޖޭގެ ބައެއް ކުދިން ދީން ބަދަލުކޮށް ތިޔަތާނގައި ދިރި އުޅެމުން ދާކަމަށް އަޑުއިވެއެވެ. އެފަދަ އަނދިރިކަމެއްގެ ތެރެއަށް ދަރިފުޅު ނުދާނެކަމަށް މިބައްޕަ ޔަގީން ކުރަނީ ހެޔޮ ދުއާއާ އެކުގައެވެ.

ލޯބިވާ ދަރިފުޅާ އެވެ. ބައްޕަގެ ވިޔަފާރި ނަގާ ކޮޅަށް ޖަހާ އާރާސްތު ކުރުމުގެ މުގުލުގައި މިއަދު ތިބެންވީ ތިޔަ ކުދިންނެވެ. ބައްޕަ ބަލިއެނދުގައި އޮންނަ އިރު އެކަން މިހާރު ކުރަމުން އެގެންދަނީ އެކަމާއި ގުޅުމެއް ނެތް ބައެކެވެ. ތިޔަ ކުދިންގެ ހަލާލު މުދާ ތިޔަކުދިންނަށް ނޫނީ ނުދިރުވޭނެއެވެ. ދަރިފުޅަކީ ވިޔަފާރީގެ ރޮނގުން މަތީ ތައުލީމު ލިބިގެން ހުރި ކުއްޖެކެވެ. ދެން ތިބި ދެކުދިންނަކީ ވެސް ވިޔަފާރިއާއި ގުޅުން ހުރި ދާއިރާތަކުން ކިޔަވާފައި ތިބި ކުދިންނެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ ފިރިމީހާ މުހައްމަދު ޑޭވިޑް، ބައްޕައަށް ހީކުރެވޭ ގޮތުގައި މަތިމަތިން އިސްލާމް ވެލައިގެން ދަރިފުޅާ ކައިވެނި ކޮށްގެން ސްވިޑްންއަށް ހިޖުރަ ކުރިތާ މިހާރު ދިހަ އަހަރު ވީއެވެ. އޭނާއަށް ނަމާދު ކުރާށާއި ޤުރުއާން ކިޔަވަން ބާރު އަޅައްޗެވެ. އަދި ދަރިފުޅުގެ ދެކުދީންނަށް ވެސް މިކަން ގަދަ އަޅާ ދަސްކޮށް ދެއްޗެވެ. މިދުނިޔެއަކީ ކުޑަ ދުވަސް ކޮޅެއްގެ މަންޒިލެކެވެ. އާޚިރަތަކީ ނިމުމެއް ނެތް ދުނިޔެއެވެ. ކާފަ ކުދިންގެ ފޮޓޯއެއް ނޫނީ ބައްޕައަކަށް ނުފެނެއެވެ. އަދި ބޭބެގެ ކުދިންވެސް ބައްޕަގެ ހަމަ ލޮލަކަށް ނުފެނެއެވެ. ފެންނަނީ އެކުދިންގެ ވެސް ފޮޓޯ އެވެ.

ލޯބިވާ ދަރިފުޅާއެވެ. އުފަންވި ގައުމާ މެދު ހަމަ ލޯބީގެ ކަންފުޅެއް ވެސް ނެތީ ހެއްޔެވެ؟ މިތާނގައި ކުޑަދުވަހާއި ޒުވާން ދުވަސްވަރު ހޭދަ ކުރިގޮތުގެ ހަނދާންތައް ފިލީ ހެއްޔެވެ؟ އެކުވެރިންނާއި ރައްޓެހިންގެ މަތީން ހަނދާން ނެތުނީ ހެއްޔެވެ؟ މިބައްޕައާއެކު ކުޅެ މަޖާކޮށް މޫދަށް އެރި ދުވެ ސަކަރާތް ޖެހި ހަނދާން ނެތީ ހެއްޔެވެ؟ ބައްޕަގެ ސައިކަލުގައި ސްކޫލަށްދާ ހަނދާން އާވޭ ހެއްޔެވެ.؟ ދަރިފުޅުގެ މަންމަ ނިޔާވި ދުވަހު ދަރިފުޅު ކިހާ އިރަކު ރުއިން ހެއްޔެވެ؟ ކިތަންމެ ދުވަހަކު މަންމަގެ ފޮޓޯ ބަލާފައި ރޯން އިންނަމު ނޫން ހެއްޔެވެ؟ މިހިތްގައިމު ދޮންވެލީގެ ގޮނޑުދޮށްތަކުގައި ބީހިލަން އާދެބަލާށެވެ. ސާފު މޫދާއި ސާފު ވައިގައި ޖެހިލަން އާދެ ބަލާށެވެ. މިބައްޕަގެ އަތުގައި ހިފާލަން އާދެ ބަލާށެވެ. މިބައްޕަގެ ގައިގައި ފިރުމާލަދޭން އާދެ ބަލާށެވެ. މިބައްޕައާއެކުގައި ކާލައި ހީނ ސަމާސާ ކޮށްލަން އާދެބަލާށެވެ. ބައްޕަގެ ލޮލުން ތިޔަކުދިންނަށް ޓަކައި ހާދަ ކަރުނައެއް އެބަ އޮހޮރެ އެވެ. ކޮންމެ ކަރުނަތިއްކެއްގައި ވަނީ އެތައް ހަނދާންތަކަކާއި އެތައް ވާހަކަ ތަކެކެވެ. މި ބައްޕަގެ ދުލުން އެ ވާހަކަތައް ކިޔައެއް ނުދެވޭ ނެއެވެ. ބައްޕަގެ އާދޭހުގެ އަޑު މި ސިޓީން ދަރިފުޅަށް އިވޭނެ ކަމަށް ހީކުރަނީ ހިތުގެ އެންމެ ފުންމިނުން ނެވެ. ކުޑަވެސް ލޯތްބެއް ދެވިފައި އޮތްނަމަ ބައްޕަގެ މި އާދޭހުގެ އަޑަށް އިޖާބައެއް ދީބަލާށެވެ.

އަބަދުގެ އަބަދަށް ދަރިފުޅަށް އިންތިޒާރުކުރާ

ލޯބިވާ ބައްޕަ