އޮޑިދޯނިފަހަރުގައި އިންޖީނުއަޅާފައި އާންމުކޮށް ހުންނަނީ އެ އިންޖީނުން ނިކުންނަ ޝާފުޓު ދަގަނޑު (ގިޔަރ ބޮކްސް ތެރެއިންލާފައި) އުޅަނދުގެ ފަހަތުން ސީދާ އެއް ރޮނގަކަށް ބޭރާށް ދިއްވެފައި، އޭގެ ކޮޅުގައި ބުރަފަތި ހަރުކުރާ ގޮތަށެވެ. އެއީ އިންބޯޑު އިންޖީނެވެ. ހައިސްޕީޑު ލޯންޗުފަހަރުގައި ތިން ބާވަތެއްގެ އިންޖީނު ހުރެއެވެ. އެއީ އިންބޯޑު އިންޖީނާއި، އައުޓްބޯޑު އިންޖީނާއި "ސްޓަރންޑްރައިވް" (ނުވަތަ އިންބޯޑު/އައުޓްބޯޑު) އިންޖީނެވެ. އައުޓްބޯޑު އިންޖީނަކީ މުޅި އިންޖީނު އުޅަނދުގެ ބޭރުގައި ހަރުކޮށްފައި ހުންނަ އިންޖީނެކެވެ.

އިންބޯޑު އިންޖީނަކީ، ބުރަފައްޗާ ދިމާވާގޮތަށް، ވޯޓަރލައިން އަށް ވުރެ ތިރީގައި ހަރުކުރަންޖެހޭ އެއްޗެކެވެ. އެފަދަ އިންޖީނެއް އަޅާފައިވާ އުޅަނދުތަކުގައި، ދަތުރުނުކުރިޔަސް، ބިލްޖް ޕަމްޕް (ބިލިޖިސް ޕަންޕު) ގެ އެހީގައި ފެން ބޭރުކުރުމަކީ 24 ގަޑިއިރު ދާއިމީކޮށް ކުރަންޖެހޭ ކަމެކެވެ. އެ ޕަންޕު ހަލާކުވެއްޖެނަމަ، އިންޖީނާ ހަމައަށް ފެން ނުވަތަ ލޮނު އަރާ އިންޖީނު ގެނބޭނެއެވެ. އެއީ ވަރަށް ގެއްލުން ހުރި ކަމެކެވެ. އައުޓްބޯޑު އިންޖީނާއި ސްޓަރންޑްރައިވް އިންޖީނު ހަރުކޮށްފައި ހުންނަނީ ވޯޓަރލައިން އަށް ވުރެ މަތީގައެވެ. އެ އުޅަނދުފަހަރުގެ ބިލްޖު ޕަމްޕް ހަލާކުވެގެން އިންޖީނަށް ގެއްލުމެއް ނުލިބޭނެއެވެ.

ސްޓަރންޑްރައިވް އިންޖީނު އެޅި އުޅަނދުގައި، މައި އިންޖީނު ހަރުކޮށްފައި ހުންނަނީ އުޅަނދުގެ އެންމެ ފަހަތުގައި، ވޯޓަރލައިންއަށް ވުރެ މަތީގައި، އުޅަނދުގެ އެތެރޭގައެވެ. އެ އިންޖީނާ ބޭރުގައިވާ "އައުޓްޑްރައިވް" ޔުނިޓާ ގުޅުވައިދެނީ ޝާފުޓެކެވެ. އެކަމަކު އެ ޝާފުޓަކީ ބުރަފައްޗާ ގުޅިފައިވާ ދަގަނޑެއް ނޫނެވެ. އެ ދަގަނޑުގެ އަނެއްކޮޅުގައިވަނީ އައުޓްޑްރައިވްގެ މަތީ ބައިގާވާ ގިއަރ ބޮކްސްއަކަށެވެ. އަދި އެ ގިޔަރ ބޮކްސް އިން އޮލަނބަށް ތިރިއަށް ފައިބާ ދަގަނޑެއް ގޮސް ގުޅެނީ 90 ޑިގުރީއަށް އަނބުރާލާ ގިޔަރު ބުރެއް މެދުވެރިކޮށް ބުރަފައްޗާއެވެ. މި ނިޒާމަށް ބޭނުންވާ ޖާގައަކީ އިންބޯޑު އިންޖީނަކާ އަޅާބަލާއިރު ކުޑަ ޖާގައެކެވެ.

އައުޓްޑްރައިވް ގެ އެތެރެ

މިތިން ބާވަތުގެ އިންޖީނުގެ ތެރެއިން އައުޓްބޯޑު އިންޖީނަކީ ހަމައެކި ކުދި އުޅަނދުފަހަރަށް އެކަށީގެންވާ ބާވަތެކެވެ. އިންބޯޑު އިންޖީނަކީ ޒަމާނުއްސުރެ އާގުބޯޓުފަހަރާއި އެހެނިހެން ބޯޓުފަހަރުގައި އަޅާބާވަތުގެ އިންޖީނެއެވެ. އިންބޯޑު އިންޖީނެއް އެޅުމަށް ނަގާ ޖާގަ އަކި ބޮޑެތި އުޅަނދުފަހަރުގައި ވަރަށް ބޮޑު ޖާގައެކެވެ. އަދި ގިޔަރ ބޮކްސް އަކީ ވެސް ވަރަށް ޖާގަ ނަގާ އެއްޗެކެވެ. ޖާގައިގެ އިތުރު، މި ތިން ބައި: އިންޖާނު؛ ގިޔަރ ބޮކްސް؛ ބުރަފަތި؛ ހުންނަން ޖެހެނީ ތަރުތީބުން އެކަތިފަހަތުގައި އަނެކަތި އެއް ސަފަކަށް އެތުރިފައެވެ. މިއީ އުޅަނދުފަހަރު މޮޅެތި ގޮތްގޮތަށް ފަރުމާކުރުމަށް ލިބޭ ހީނަރުކަމެކެވެ. އުޅަނދު ދުއްވުމުގެ ނިޒާމު ހަރުކުރުމަށް ބޭނުންވާ ޖާގަ އަކީ، އެޖާގައިގާ އެހެންކަމެއް ކުރުމަށް ނުލިބޭ ޖާގައެކެވެ.

ގިޔަރ ބޮކްސް ނެރެ އައުޓްޑްރައިވް އަށް ލުމުން އެ ޖާގަ ސަލާމަތްވާނެއެވެ. ނަމަވެސް ބޮޑެތި ބޯޓުފަހަރުގައި އައުޓްޑްރައިވް ޔުނިޓުވެސް ހުންނަން ޖެހެނީ ކަމަށް އެކަށީގެންވާ ފެންވަރަކަށް ވަރުގަދަކޮށް ހަދާފައެވެ. "އެޒިމަތް ތްރަސްޓަރ" އަކީ ބޮޑެތި ބޯޓުފަހަރަށް އަމާޒުކޮށްގެން އުފައްދާ އެފަދަ ޔުނިޓެވެ. އެޒިމަތު ތުރަސްޓަރު ހަރުކުރުމުން ބޯޓުގެ އެތެރެއިން ބޮޑު ޖާގައެއް ސަލާމަތްވުމުގެ އިތުރުން، ހުންގާނު (ރަޑަރ) ވެސް ނެތިގެންދެއެވެ. ސަބަބަކީ، އެޒިމަތު ތުރަސްޓަރަކީ މިސްރާބު ބަދަލުކުރުމަށް، އޭގެ އޮލަނބު ދަނޑީގެ ވަށައިގެން 360 ޑިގުރީ ވަށާ އެނބުރޭ އެއްޗެކެވެ. އޭގެ ޖޯޑެއް ހަރުކުރުމުން، ބޯޓުފަހަރު ދުވާނީ "ރިޒަލްޓަންޓް ވެކްޓަރ" އޮންނަ ދިމާލަށެވެ. އަރިއަށް (ބިތަށް ހުރަހަށް) ވެސް ދުއްވޭނެއެވެ. އެފަދަ ބޯޓުފަހަރު މަގަތުފާލާ ކައިރިކުރަން ޓަގުބޯޓުގެ އެހީ ބޭނުމެއްނުވެއެވެ.

އެޒިމަތް ތްރަސްޓަރ

ހުންގާނާއި ބުރަފަތި އެއްކޮށްލުމުގެ ހިޔާލު އެންމެ ފުރަތަމަ ގެންގުޅުނީ 1859 ގައި ފްރެންސިސް ރޮނަލްޑްސް އިނގިރޭސި އީޖާދުކުރާ މީހެކެވެ. މިހާރު ގެންގުޅޭ "ޒެޑް-ޑްރައިވް ޓްރާންސްމިޝަން" އެޒިމަތު ތުރަސްޓަރަކީ ޖަރުމަގައި ޖޮސެފް ބެކަރ 1951 ގައި އުފެއްދި އާލާތެކެވެ.

އެޒިމަތު ތުރަސްޓަރުގެ ސަބަބުން ލިބުނު ފައިދާތަކުގެ މައްޗަށް، ފަންނިއްޔާތު މިހާރުވަނީ އިތުރު ކުރިއެރުމެއް ހޯދާފައެވެ. އެޒިމަތު ތުރަސްޓަރު ހަރުކުރާއިރުވެސް، ބޯޓުގެ އިންޖީނު އަޅަންޖެހެނީ އޭގެ ފަހަތުގައެވެ. އިންޖީނަކީ މުޅި ބޯޓުގައިވާ އެންމެ ބަރު އެއްޗެވެ. ބޮޑެތި ބޯޓުފަހަރުގެ އިންޖީނު ބަރުދަން އެތައް ސަތޭކަ ޓަނަށް އަރާއިރު، އެފަދަ ބަރު އެއްޗެއް ބޯޓުގެ ފަހަތުގައި ހަރުކުރުމަކީ ބައެއް ގޮންޖެހުންތައް ކުރިމަތި ކުރުވާ ކަމެކެވެ. ވަކިން ހާއްސަކޮށް މުދާ އުފުލާ އާގުބޯޓުފަހަރު އޭގެ މުދާ ހުސްކުރުމުން، ބޯޓުގެ ކުރީކޮޅު ލުއި ވެފައި، ފަހަތުކޮޅުގައި އިންޖީނު ހުރުމުން، ބޯޓުގެ ރަހަ ގެއްލި، ބޯޓު އޮންނާނީ ކުރިޔަށް ހިއްލިފައެވެ.

ބޯޓުގެ އިންޖީނު ބޯޓުގެ ފަހަތުގައި އެޅުމުގެ ބަދަލުގައި ބޯޓުގެ މެދުގައި އެޅިއްޖެނަމަ މިކަން ހައްލުވާނެއެވެ. އަދި އެނޫންވެސް އެކިއެކި ފައިދާތައް ލިބޭނެއެވެ. ބޯޓު ފަރުމާކުރުމުގައިވެސް، އޭގެ ފަހަތުގައި އިންޖީނު ހައްޔަރުވުމުގެ ބަދަލުގައި ބޭނުން ދިމައެއްގައި ބެހެއްޓޭނަމަ، ފަރުމާކުރުމަށް ލިބޭ މިނިވަންކަމަކީ އޭގެ ފައިދާ އެހެނިހެން ގޮތްގޮތުން ލިބިގެން ދާނެކަމެކެވެ.

ފަންނިއްޔާތުން މިކަމަށް ގެނައި ހައްލަކީ ބޯޓުފަހަރުގެ އިންޖީނަކީ ބޯޓުފަހަރު ދުއްވުމަށް ބޭނުންކުރާ އާލާތަކުން އެހެން ބޭނުމަކަށް ބޭނުންކުރާ އާލާތަކަށް ބަދަލުކޮށްލުމެވެ. އެއީ ކަރަންޓު އުފައްދަން ބޭނުންކުރާ އެއްޗަކަށް ހެދުމެވެ. ޝާޕްޓް ދަގަނޑު ކުރިން ގުޅިފައިވަނީ ގިޔަރާއެވެ. މިހާރު އެ ދަގަނޑު ވަންނަނީ ޑައިނަމޯއަކަށެވެ. އެއިން އުފައްދާ ކަރަންޓު، ކޭބަލާއި ވައިރުގެ އެހީގައި ބޯޓުގެ ކޮންމެ ތަނަކަށްވެސް ގެންދެވޭނެއެވެ. އެކަމަކު ބޯޓު ދުއްވުމަށް ކަރަންޓު ވައިރަކުން ނުފުދޭނެއެވެ.

ފަންނިއްޔާތުން ގެނެސްދީފައިވާ ހައްލަކީ "އިލެކްޓްރިކް ޕޮޑް" އެވެ. ކުރިން ބޭނުންކުރި އެޒިމަތު ތުރަސްޓަރުގެ ބަދަލުގައި، ހަމައެގޮތަށް، އަމިއްލަ ޒާތުގައި ވަށައިގެން އެނބުރޭގޮތަށް ހެދީ، ކަރަންޓު މޯޓަރެއްގައި ބުރަފަތި ހަރުކޮށްފައިވާ ޔުނިޓެކެވެ. އެއީ "ޕޮޑް" އެކެވެ.

ޕޮޑް ޑްރައިވް ޔުނިޓް އެއް

ޕޮޑް ޑްރައިވް ޔުނިޓަކީ ވަރަށް ސައިޒު ކުޑަ ބާރުގަދަ އާލާތެކެވެ. ބޯޓެއްގައި ކިތަން ގިނަ ޕޮޑެއްވެސް ހަރުކުރެވިދާނެއެވެ. ފަހަތުގައި އެކަންޏެއްނޫނެވެ. މެދުތެރޭގައާއި ކުރީކޮޅުގައިވެސް ހަރުކޮށްފައި ހުރެއެވެ. ޕޮޑް ގިނަ ކުރުމަކީ ދުއްވުމަށް އިތުރު ބާރު ބޭނުންކުރުމަށާއި، އަނބުރާ ހެދުމަށް ފަސޭހަ ކުރުމަށެވެ. އަދި ހުއްޓާފައި އޮންނަ އިރު، ނަގިލި ނުލާ، އެއް ޕޮއިންޓެއްގައި (ޖީޕީއެސްގެ އެހީގައި، އޮޔާއި ވަޔާ ދެކޮޅަށް މަސައްކަތްކޮށްގެން) އޮތުމަށް ބޭނުންކުރުމަށެވެ.

ކުޑަ ޔޮޓެއްގެ މެދުގައި ޕޮޑް ހަރުކޮށްފައި

އިންޖީނުން ކަރަންޓު އުފެއްދުމާއި، ދުއްވުމަށް ޕޮޑް ހަރުކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މިހާރު ބަންނަ އެންމެ ބޮޑެތި ޕަސެންޖަރ ލައިނަރ ތަކުގައި ހުންނަނީ އެ ނިޒާމެވެ. ބޮޑެތި ބޯޓުފަހަރުގެ އިތުރުން، ކުދި އުޅަނދުފަހަރުގައި ވެސް އެނިޒާމު މިހާރު ހަރުކުރުމަކީ އިތުރުވަމުން އަންނަ ކަމެކެވެ. މެދު ސްޕީޑާއި މަޑުން ދުއްވާ އުޅަނދުފަހަރުގެ މުސްތަގުބަލަކީ ޕޮޑް އިން ދުއްވާ ނިޒާމެވެ.