އިރުމަތީ ގުދުސްގައި އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކަށް ދެމުންދާ ހަމަލާތައް ރާއްޖެއިން މިއަދު ކުށްވެރިކޮށްފިއެވެ.
ގުދުސްގެ އަލް އަގްސާ މިސްކިތް ހުންނަ ސަރަހައްދުގައި ހަމަނުޖެހުންތައް ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އެތައް ހާސް ބަޔަކު އެ މިސްކިތަށް ނަމާދަށް ހާޒިރުވެފައިވަނިކޮށެވެ. އެގޮތުން އެ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލް ފުލުހުން ވަނީ ފަލަސްތީނުގެ އާންމުންނަށް ރަބަރު ވަޒަނާއި ސްޓަން ގްރެނޭޑުން ހަމަލާދީފައެވެ.
އެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 205 މީހަކަށް އަނިޔާވިއިރު އިޒްރޭލްގެ 17 އޮފިސަރަކަށް ވެސް ވަނީ އަނިޔާވެފައެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ޑިސްޓްރިކްޓުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ބޭރު ކުރަން އުޅޭ އުޅުމާއި އަދި އަގްސާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
އަދި މިފަދަ ކަންކަމަކީ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހިޔަނި އެޅޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަދިނުމާއެކު އެގައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުން ކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.