މިޒަމާނުގެ ބޯޓުފަހަރަކީ އެކި ސިފައަށް އެކި ސައިޒުގަ އެކި ބޭނުންތައް ކުރުމަށް ފަރުމާކޮށްފައިވާ އުޅަނދުތަކެކެވެ. މި އަދަދުގައި މި ބަލައިލަނީ ވިޔަފާރީގެ ގޮތުގައި އެންމެ އާންމުކޮށް މިހާރު ގެންގުޅޭ ބައެއް އުޅަނދުތަކަށެވެ.

"ކާގޯ" ނުވަތަ ވިޔަފާރީގެ ގޮތުގައި އުފުލާ މުދަލުގެ ބާވަތްތަކަކީ ކޮބާކަން ދެނެގަންނަން ޖެހެއެވެ. އެކިގޮތްގޮތަށް އެ ބާވަތްތައް ބެހިދާނެއެވެ. މި ލިޔުމުގެ ބޭނުމަށް، ކާގޯ ބަހާލާނީ މައިގަނޑު ތިން ގިންތިއަކަށެވެ. އެއީ ހިކި (ޑްރައި)؛ ދިޔާ (ލިކުއިޑް)؛ އަދި ހާއްސަ (ސްޕެޝަލައިޒްޑް) ކާގޯ އެވެ. މިއިން ކޮންމެ ގިންތިއެއްގައި އިތުރު ބައިތައް ހިމެނޭނެއެވެ. ޑްރައި ކާގޯގެ ތެރޭގައި "ބަލްކް"؛ "ޖެނެރަލް"؛ އަދި "ބްރޭކްބަލްކް"؛ ކޮންޓެއިނަރު؛ "ރީފަރ"؛ އަދި ރޯރޯ ހިމެނެއެވެ. ލިކުއިޑް ކާގޯ އަކީ މައިގަނޑުގޮތެއްގައި ތެލުގެ ބާވަތްތަކެވެ. ނަމަވެސް ބައެއް ކެމިކަލް ތަކާއި ދިޔާކޮށްފައިވާ ގޭސް ވެސް ހިމެނެއެވެ. ސްޕެޝަލައިޒްޑް ކާގޯގައި ފަސިންޖަރުން، ޖަނަވާރު، އަދި އާދަޔާހިލާފަށް ބިޔަ/ބަރު އެއްޗެތި ހިމެނެއެވެ.

ޑްރައި ކާގޯ އުޅަނދުފަހަރު

މިއީ ޒަމާނުއްސުރެ ކަނޑުގައި ދުއްވާ ވިޔަފާރި އުޅަނދުފަހަރުގެ ބޮޑުބައެއް ހިމެނޭ ބާވަތުގެ އުޅަނދުފަހަރެވެ. ޖެނެރަލް ކާގޯ ވެސެލް (އާންމު މުދާ އުފުލާ އުޅަނދު) ގެ ގޮތުގައި ނަންދެވި، އެ އުޅަނދުތަކަކީ އަމިއްލަ "ގިޔަރ" ހަރުކޮށްފައިވާ އުޅަނދުތަކެކެވެ. މާނައަކީ އޭގައި މުދާ އަރުވާ ބޭލުމަށް ސޭލައެއް (ކުރޭނެއް ނުވަތަ ވިންޗުލީ ދަނޑިއެއް) ހަރުކޮށްފައި ހުރެއެވެ. މުދާ ބަރުކޮށް ރައްކާކުރާނީ ބޮޑެތި ވަތް ތަކެއްގައެވެ. ހޯލްޑް ގައެވެ.

ބަލްކް ކެރިއަރ

ޑްރައި ކާގޯ (ހިކި މުދާ) ގެ ތެރޭގައި ހިމެނެނީ އޭގެ އަގު، އޭގެ ކޮޑީގެ ނިސްބަތުން ހެޔޮ މުދަލެވެ. އެއީ ބޯޓުދެލި، ގޮވާން، މައުދަން ނެރޭ ވެލި، ފަދަ މުދަލެވެ. އެފަދަ ބާވަތްތަކުގެ މުދާ އުފުލުމަށް އެންމެ ފައިދާ ބޮޑީ އެއްފަހަރާ ގިނައިން އުފުލުމެވެ. ބަލްކް ކެރިއަރ އަކީ އެފަދަ މުދަލަށް ހާއްސަކޮށް ފަރުކޮށްފައިވާ އުޅަނދުގެ ބާވަތެކެވެ. މި އުޅަނދުފަހަރު ހުންނަނީ ވަރަށް ބިޔަކޮށް ހަދާފައި، އެކި ބައިބަޔަށް ބަހާލާފައެވެ. މުދާ ބަރުކުރަނީ ޕޯޓުގައި ހުންނަ ހާއްސަ އާލާތެއްގެ އެހީގައެވެ. އެއީ ކޮންވޭޔަރ ބެލްޓެއް ނުވަތަ ހޮޅިއަކުން އޮއްސުން، ނުވަތަ ބޮޑު ދަތްގަނޑެއްލީ ކުރޭނަކުންނެވެ. ބައެއް ބަލްކް ކެރިއަރގައި ކުރޭން ހަރުކޮށްފައިވެސް ހުރެއެވެ.

މުދާ ހުސްކުރުމަށް އާންމުކޮށް ބޭނުންކުރަނީ ބޮޑު ދަތްގަނޑެއްލީ ކުރޭނެވެ. ނަމަވެސް ބައެއް ފަހަރު އެނޫންވެސް ކަމަށް ހާއްސަ އާލާތް ބޭނުންކުރެއެވެ.

ޖެނެރަލް ކާގޯ ވެސެލް

ޖެނެރަލް ކާގޯ ބޯޓެއް

ކުރިން އެންމެ ގިނައިން ބޭނުންކުރި ބާވަތުގެ އުޅަނދެއް ކަމަކު، މިހާރު ޖެނެރަލް ކާގޯ ވެސެލް ގެ ގިނަ މަސައްކަތް ވަނީ ބަލްކް ކެރިއަރ އާއި ކޮންޓެއިނަރު ބޯޓުފަހަރަށް ބަދަލުވެފައެވެ. އެހެންނަމަވެސް އަދިވެސް މިބާވަތުގެ އުޅަނދު ދުނިޔޭގެ ހުރިހާ ދިމާއެއްގައި ބޭނުންކުރެއެވެ. ޖެނެރަލް ކާގޯ އާންމު ގޮތެއްގައި ހުންނަނީ ޕެލެޓުގައި ޖައްސާފައެވެ. ނުވަތަ ގޯނިއަށް ނުވަތަ ޖަންބޯ ބޭގްސް އަށް އަޅާފައެވެ. މިފަދަ ކާގޯ އަށް ކިޔަނީ "ބްރޭކްބަލްކް" އެވެ. އާންމުކޮށް އެފަދަ މުދާ ބޯޓަށް ބަރުކޮށް ބާލާ ހަދަނީ ކުރޭނެއްގެ އެހީގައި ބެލްޓުއަޅުވައިގެންނެވެ. ނުވަތަ ސަލިންގުޖަހައިގެންނެއެވެ. ނުވަތަ ނެޓެއް (ދާގަނޑެއް) ބޭނުންކޮށްގެންނެވެ. ބައެއްފަހަރު ކުދި ދާގީނާތައް ކޮނޑަށްލައިގެންވެސް ގެންދެއެވެ.

ކޮންޓެއިނަރު ބޯޓު

ކޮންޓެއިނަރު ބޯޓެއް

ފެކްޓަރީ ތަކުންނާއި އެހެނިހެން ގޮތްގޮތުން އާންމު ބޭނުންތަކަށް އުފައްދާ މުދާ އުފުލުމަށް މިހާރު ދުނިޔޭގައި އެންމެ އާންމު ގޮތަކީ ކޮންޓެއިނަރުގައި ބަންދުކޮށްގެންނެވެ. ކޮންޓެއިނަރު އުފުލުމަށާއި ބޯޓަށް ބަރުކުރުމަށާއި ބޭލުމަށް މިހާރު ހުންނަނީ ހަމަތަކެއްގެ މައްޗަށް ފަރުމާކޮށް އުފައްދާފައިވާ އާލާތްތަކެކެވެ. އޭގެ ސަބަބުން ބޯޓަށް މުދާ ލޯޑުކުރުމައި އަންލޯޑު ކުރުމަކީ ވަރަށް ހަލުވި އޮޕަރޭޝަނެކެވެ. ކޮންޓެއިނަރު ތެރެއަށް ލާ މުދަލުގެ ތެރޭގައި ކާބޯތަކެއްޗާއި ކަރަންޓު ސާމާނާއި ކާރުވެސް ހިމެނެއެވެ. އަދި ގޯނިގައި ބަންދުކޮށްފައި ހުންނަ މުދަލާއި ޕެލްޓުގައި ޖައްސާފައިހުންނަ މުދާވެސް ހިމެނެއެވެ. އަދި ފިނިކުރި ނުވަތަ ގަނޑުކުރި މުދާވެސް ހިމެނެއެވެ.

އާންމު ހަމައަށް ފެތޭ (ސްޓޭންޑަޑް) ކޮންޓެއިނަރެއްގެ މިންތަކަކީ 20 ފޫޓު ދިގު، 8 ފޫޓު ފުޅާ އަދި އުސްމިނުގައި ½8 ފޫޓެވެ. މިއީ 20 ފޫޓު ކޮންޓެއިނަރެކެވެ. ނުވަތަ އެއް ޓީއީޔޫ އެވެ. 40 ފޫޓު ކޮންޓެއިނަރަކީ ދެ ޓީއީޔޫ އެވެ. މިއީ އެންމެ ގިނައިން ބޭނުންކުރާ ދެ ސައިޒެވެ. އެ ނޫންވެސް އެހެން ސައިޒުތަކުގެ ކޮންޓެއިނަރު ހުރެއެވެ. އެކަމަކު އެއީ ވަރަށް މަދުން ބޭނުންކުރާ ތަކެއްޗެވެ.

ކޮންޓެއިނަރު ބޯޓަކީ ކޮންޓެއިނަރުގެ ސައިޒާ ދިމާވާގޮތަށް ކޮޅަށް ޖަހާފައި ހުންނަ ގިއުގަނޑެއްލާފައިވާ ބޯޓެކެވެ. އެ ގިއުގަނޑުގެ ތެރެއަށް ކޮންޓެއިނަރު ޖައްސާފައި ހުންނަނީ މަތިމައްޗަށެވެ. އަދި ދިގަށާއި ހުރަހަށް އޭގެ އިތުރު ބަރިތަކެއް ހުންނަގޮތަށެވެ. ހެޗުތެރޭގައިވެސް އަދި ޑެކުމަތީގައިވެސް ކޮންޓެއިނަރު ޖައްސާފައި ހުރެއެވެ. ކޮންޓެއިނަރުތައް ހުންނަނީ ވަރަށް ރަނގަޅަށް ބޯޓަށް ބަނދެފައެވެ. އަދި އެކަތިއަނެކައްޗަށް ވެސް ބަނދެފައެވެ. ކޮންޓެއިނަރު ބޯޓަށް ބަރުކުރުމަށާއި ބޭލުމަށް ބޭނުންކުރަނީ އެކަމަކަށް ހާއްސަ ކުރެވިފައި އެއްގަމުގައި ހަރުކޮށްފައި ހުންނަ ކުރޭނަކުންނެވެ. ބައެއް ޕޯޓުތަކުގައި މިއީ އިންސާނެއްގެ އެހީއާ ނުލާ އޮޓޮމެޓިކުން ހިންގާ ހަރަކާތެކެވެ.

ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި ބޯޓުފަހަރުގެ ތެރޭގައި ކޮންޓެއިނަރު އުޅަނދުތައް ހިމެނެއެވެ. ދާދިފަހުން ސުއޭޒު ކެނާލުގައި ތާށިވީ އޭގެ ތެރެއިން އެންމެ ބޮޑު އެއް ބޯޓެވެ. އެއީ 20،000 ޓީއީޔޫ އެއް ފަހަރާ އުފުލޭ އުޅަނދެކެވެ. އެންމެ ބޮޑު ކޮންޓެއިނަރު ބޯޓަށް 23،964 ޓީއީޔޫ އެރުވެއެވެ. މި ބޯޓުފަހަރުގެ ދިގު މިނުގައި 399 މީޓަރު ހުރެއެވެ.

ރީފަރ ބޯޓު

ފިނިކުރި މުދާ އުފުލުމަށް ހާއްސަކުރެވިފައިވާ އުޅަނދަކީ ރީފަރ ބޯޓުފަހަރެވެ. ފިނިކޮށްގެން އުފުލަން ޖެހޭ މުދަލަކީ ތާޒާ ކާބޯތަކެއްޗާއި، ގަނޑުކޮށްފައި ބަހައްޓަންޖެހޭ ކާބޯތަކެއްޗާއި، ބައެއް ބޭސްބޭހާއި ބައެއް ކެމިކަލް އެވެ. ކާގޯ ބަރުކޮށްފައި ހުންނަ ހޯލްޑުތަކަކީ ފިނިކޮށްފައިވާ ވަތްތަކެކެވެ. ފެންގަނޑުވާ މިންވަރަށްވުރެ 40 ޑިގުރީ ދަށުގައި ބައެއްފަހަރު އެ ހޯލްޑުގެ ފިނިހޫނުމިން ބަހައްޓަންޖެހެއެވެ.

ރީފަރ ބޯޓު ފަހަރަކީ މިހާރު ނެތިގެންދާ ބާވަތެކެވެ. އޭގެ ބަދަލުގައި، މިހާރު އެފަދަ މުދާ ބަރުކުރަނީ ރީފަރ ކޮންޓެއިނަރަށެވެ.

ރޯރޯ ބޯޓުފަހަރު

ރޯރޯ ބޯޓެއް

"ރޯލް-އޮން-ރޯލް-އޯފް" ނުވަތަ ރޯރޯ އުޅަނދަކީ އޭގެ ނަމުން ދޭހަވާ ފަދައިން، ދުއްވާ އަރާފައިބާ ގޮތަށް ހަދާފައިވާ އުޅަނދެވެ. އެއީ ވެހިކަލް ފެރީ، ކާ ކެރިއަރ، ނުވަތަ މުދާއުފުލާ ލޮރީފަހަރު އުފުލާ އުޅަނދެކެވެ. މި އުޅަނދުފަހަރު ހުންނަނީ ފޮއްޓެއްގެ ސިފައިގައެވެ. އެތެރޭގައި ހުންނަނީ އެތައް ބުރިއަކަށް ނަގާފައިވާ ޕާކިންގް އިމާރާތެއްފަދަ ޑެކުތަކެކެވެ. ކޮންމެ ވެހިކަލް އެއް އަމިއްލަ ދުއްވާފައި އަރާފައިބާ ގޮތަށެވެ. ރޯރޯ ބޯޓުފަހަރުގައި 8,000 ކާރު ވެސް އުފުލައެވެ.

ލިކުއިޑް ކާގޯ އުޅަނދުފަހަރު

ދިޔާ މުދާ އަރުވާ ބޯޓުފަހަރަށް ކިޔަނީ "ޓޭންކަރު" އެވެ. ޓޭންކަރުގައި އެކި ބާވަތުގެ ދިޔާތަކެތި އުފުލައެވެ. އެންމެ ފުރަތަމަ ޓޭންކަރު ބޭނުންކުރީ 19 ވަނަ ގަރުނުގައި ދަނގަޑުން ބޯޓުފަހަރު ބަންނަން ފެށުމުންނެވެ. ދިޔާ ކާގޯވެސް އުފުލުމަށް އެންމެ ފައިދާ ބޮޑީ އެއްފަހަރާ ގިނައިން އުފުލުންކަމުގައި ވާތީ، ޓޭންކަރުތައް ހަދަމުން ދަނީ ވަރަށް ބޮޑެތިކޮށެވެ. ދުނިޔޭގައި ދުއްވާ އެންމެ ބޮޑެތި އުޅަނދަކީ ޓޭންކަރެވެ. އެންމެ ބޮޑެތި ޓޭންކަރުގެ ޑެޑްވެއިޓުގައި 500،000 ޓަނު ހުރެއެވެ.

ޓޭންކަރ

ޓޭންކަރު ބެހިގެންވަނީ ޓޭންކުތަކަކަށެވެ. ކާގޯ ބަރުކުރަނީ ޕަންޕުކޮށްގެންނެވެ. މުދާ ބަރުކޮށްފައި އޮންނަ އިރު، ޓޭންކަރުއޮންނަނީ ވަރަށް ބޮޑަށް ފެތިފައެވެ. ނަމަވެސް ހުސްޓޭންކަރު ފެނުންމައްޗަށް އުފުލޭތީ، މިހާރުގެ ޓޭންކަރުތަކުގައި، ބޯޓު އަޑިއަށް ފައްތާފައި ބޭއްވުމަށް ހާއްސަ ބަލާސްޓު ޓޭންކަށް ލޮނުބަރުކުރެއެވެ. އަދި ތެޔޮ ހުސްކުރުމުން ބޯޓުގެ ހޯލްޑުގައި އުފެދޭ ގޭހުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ދިމާވިޔަ ނުދިމަށް، "އިނަރޓް" ގޭހެއް އަޅައެވެ.

ކްރޫޑް ކެރިއަރ

ކްރޫޑް ކެރިއަރ

VLCC އާއި ULCC އަކީ ދުނިޔޭގައިވާ އެންމެ ބޮޑެތި ބޯޓުފަހަރެވެ. އެއީ ކްރޫޑު އޮއިލް އުފުލުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދުފަހަރެވެ. ކްރޫޑް އޮއިލް އަކީ ބިމުގެ އަޑިން ނަގާ ތެލަށް ކިޔާ ނަމެވެ. އޭގައި ތެލުގެ ހުރިހާ ބާވަތެއް ހިމެނިފައިވެއެވެ. ކްރޫޑް ކެރިއަރ ތަކަކީ ބަނދަރަށް ވެއްދޭވަރަށް ވުރެ ބޮޑެތި ބޯޓުފަހަރުކަމަށް ވާތީ، ޓޭންކަރު އަޅަން ހުންނަނީ ބަނދަރުން ބޭރުގައި ބޮއި ހަރުކޮށްފައެވެ.

ޕްރޮޑަކްޓް ކެރިއަރ

މިއީ ކްރޫޑް ކެރިއަރ އަށް ވުރެ ކުޑަ އުޅަނދެކެވެ. މި އުޅަނދުގެ މައިގަނޑު މަގުސަދަކީ ކްރޫޑް އޮއިލް ބޭނުންކޮށްގެން ބޭނުންތެރި އެކި ބާވަތުގެ ތެޔޮ އުފެއްދުމުން އެ ތެޔޮ އެކި ތަންތަނަށް އުފުލުމެވެ. އޭގެ ތެރޭގައި ޕެޓްރޯލް، ޖެޓް ފިއުލް، ޑީސަލް، ކަރާސީނު ތެޔޮ ހިމެނެއެވެ. ބިމުއަޑިން ނަގާ ތެލާ ގުޅުންނެތް ބާވަތްތަކުގެ ދިޔާ ކަގޯ އުފުލަނީ ވެސް މިފަދަ ޓޭންކަރުގައެވެ. އޭގެ ތެރޭގައި ޕާމް އޮއިލް އާއި މޮލާސަސް ހިމެނެއެވެ.

ކެމިކަލް ކެރިއަރ

ކެމިކަލް ކެރިއަރ

މިއީ 5،000 ޓަނާއި 40،000 ޓަނާއި ދެމެދުގެ ޑެޑްވެއިޓު ހުންނަ އުޅަނދެކެވެ. އޭގައި ކަމަށް ހާއްސަކުރެވިފައިވާ ވަރަށް ގިނަ ނިޒާމުތައް ހުރެއެވެ. އޭގެ ތެރޭގައި ހޫނުކުރުމުގެ، ފިނިކުރުމުގެ، ޕްރެޝަރު ހިފެހެއްޓުމުގެ ނިޒާމުތައް ހިމެނެއެވެ. އަދި ކާގޯ ބޭލުމަށް ފަހު، އަމިއްލައަށް ސާފު ކުރުމުގެ ނިޒާމުވެސް ހަރުކޮށްފައި ހުރެއެވެ، މި ހުރިހާ އާލާތެއްގެ ބޭނުމަކީ އުފުލާ ކެމިކަލްތައް ރައްކާތެރި ކަމާއެކު އުފުލުމާއި، އޭގެ ސަބަބުން ގެއްލުމެއް ލިބުނަ ނުދިނުމެވެ.

ލިކުއެފައިޑް ގޭސް ކެރިއަރ

LNG ކެރިއަރ

މި ބާވަތުގެ ބޯޓުފަހަރު އެންމެ ފުރަތަމަ އުފެއްދީ ތެޔޮ ޓޭންކަރެއް ބަދަލުކޮށްގެންނެވެ. ނަމަވެސް މިހާރު މިއީ ކަމަށް ފަރުމާކުރެވިފައިވާ ވަރަށް ހާއްސަ އުޅަނދުތަކެކެވެ. މި އުޅަނދުތައް ފަރުމާކުރެވިފައިވަނީ ލިކުއެފައިޑް ޕެޓްރޯލިއަމް ގޭސް (LPG) ނުވަތަ ލިކުއެފައިޑް ނަޗުރަލް ގޭސް (LNG) އުފުލުމަށެވެ. އެއީ ދިޔާކޮށްފައިވާ ގޭހެވެ. އެ ގޭސް ރައްކާކޮށްފައި ހުންނަން ޖެހެނީ ވަކި ޕުރެޝަރެއްގައެވެ. ގޭސް އެޅުމަށް ބޯޓުގައި ހުންނަނީ ވަށް ބޯޅައެއްގެ ސިފައިގާ ހަދާފައި ހުންނަ ޓޭންކުތަކެކެވެ. LNG ކެރިއަރ ތަކަކީ އާންމުކޮށް ވަރަށް ބޮޑެތި އުޅަނދުފަހަރެވެ. އޭގެ ތެރޭ ހިމެނޭ Q-Flex ގިންތީގެ އުޅަނދުގައި 266،000 ކޮޑި މީޓަރުގެ ގޭސް އުފުލައެވެ.

ސްޕެޝަލައިޒްޑް ކާގޯ

ގިނަ ބާވަތްތަކުގެ މުދަލަކީ ސްޕެޝަލައިޒްޑް ކާގޯ ކަމުގައި ބުނެވިދާނެއެވެ. އެއީ އެ ބާވަތު މުދާ ބޯޓަށް އެރުމާއި ބޭލުމަށް އަދި ރައްކާކުރުމަށް ކަނޑައަޅާފައިވާ ހާއްސަ އާލާތާއި އުސޫލުތަކެއް ވާތީއެވެ. ނަމަވެސް މިއިން ގިނަ މުދަލަކީ ވަރަށް ފަސޭހަކަމާއި އެކު އުފުލޭ މުދަލަށް ވާތީ "ސްޕެޝަލައިޒްޑް ކާގޯ" އޭ ބުނަނީ މިހާރު ތަފާތު މާނައެއްގައެވެ. މި ލިޔުމުގެ ބޭނުމަށް އެއީ ތަކުލީފުތަކަކާ އެކު، ވަކި ކަހަލަ ގޮތަކަށް ނޫނީ ނުއުފުލޭ ހިކި ނުވަތަ ދިޔާ މުދަލެވެ. އެފަދަ މުދާ އާންމުކޮށް ގެންގުޅުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތި ކުރުވައެވެ.

ޕަސެންޖަރ އުޅަނދުފަހަރު

ޕެސެންޖަރ ލައިނަރ

އެންމެ ދިހަ މީހުން ކޮޅަށް ތިބެގެން ކޯރެއް ހުރަސްކުރުމަށް ބޭނުންކުރާ އުޅަނދުން ފެށިގެން 9،000 މީހުންނާއެކު ދަތުރުކުރާ ފަސިންޖަރު ލައިނަރު މިގިންތީގައި ހިމެނެއެވެ. މިއީ ސްޕްޝަލައިޑް ކާގޯގެ ތެރޭގައި ހިމެނޭ އެންމެ ހާއްސަ ބަވަތެވެ! އެހެނީ ފަސިންޖަރުންނަކީ އެކިއެކި ބޭނުންތަކާއި ޒަރޫރިޔަތުތައް ފުދިފައި ތިބެންޖެހޭ ބަޔެކެވެ. އޭގެ ސަބަބުން މި ޒަމާނުގެ ފެރީތަކާއި ކްރޫޒް ޝިޕް ތައް ފަރުމާކޮށްފައިވަނީ އެފަދަ އެންމެހާ ކަންކަމަށް ބަލާފައެވެ.

މިހާރު ފެރީތަކުގައި ވެސް އެކިއެކި ކެފޭ ތަކާއި ލައުންޖް ތަކާއި ރެސްޓޯރަންޓުތައް ހުރެއެވެ. ފެރީގައި ހޭދަ ކޮށްލާ ދެތިންގަޑިއިރަކީ މުނިފޫހި ފިލާވަރުގެ ވަގުތުކޮޅަކަށް ހަދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވެއެވެ. އޭގެ އިތުރުން، ފެރީތައް މިހާރު ސައިޒުގެ ގޮތުން ވަރަށް ބޮޑެވެ. މިސާލަކަށް ވޭލްސްގެ ހޮލީހެޑުން އަޔަލަންޑުގެ ޑަބްލިން އަށް މިހާރު ދަތުރުކުރާ ފެރީގައި 1،300 ކާރާއި 2،000 ފަސިންޖަރުން އުފުލެއެވެ.

ލައިވްސްޓޮކް ކެރިއަރ

ލައިވްސްޓޮކް ކެރިއަރ

ލައިވްސްޓޮކް ގެ މާނައަކީ ދިރޭ ޖަނަވާރެވެ. މިއި ދިރޭ ޖަނަވާރު އުފުލުމަށް ހާއްސަ އުޅަނދުފަހަރެވެ. އެންމެ ފުރަތަމަ މި ބާވަތުގެ އުޅަނދުފަހަރު އެންމެ ފުރަތަމަ ބޭނުންކުރީ އެހެންކޮންމެވެސް ބާވަތެއްގެ އާގުބޯޓަކަށް ބަދަލު ގެނެސްގެންނެވެ. މި ބޯޓުފަހަރުގައި ހުންނަނީ ޖަނަވާރު ލުމަށް ބޮޑެތި ކޮށިހަދާފައެވެ. ދިރޭ ޖަނަވާރަކީ ވެސް ސްޕެޝަލައިޒްޑް ކާގޯއެކެވެ. އެހެންކަމުން ހާއްސަ އަހަންމިއްޔަތެއް ދޭންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. ވައި ދައުރުވާގޮތަށް ހުރުމާއެ، ކާނާ އާއި ފެން ލިބުމާއި، އަރުވާ ބާލާ ޕޯޓުގައި އެފަދަ ކާގޯއެއް ބެލެހެއްޓުމުގެ ގާބިލުކަން ހުރުމަކީ ޖަނަވާރު އުފުލުމުގައި ހާއްސަ އަހަންމިއްޔަތު ދޭންޖެހޭ ބައެއް ކަންކަމެވެ. ނިއުޒިލެންޑާއި އޮސްޓްރޭލިއާއިން މެދުއިރުމައްޗަށް ދަތުރުކުރާ ލައިވްސްޓޮކް ކެރިއަރ އެއްގައި އެއްފަހަރާ 120،000 ކަންބަޅިބަކަރި އުފުލައެވެ.

ލައިވްސްޓޮކް ކެރިއަރއެއްގެ އެތެރެ

ހެވީ-ލިފްޓް / ޕްރޮޖެކްޓް ކާގޯ އުޅަނދުފަހަރު

މިއީ ކަމަށް-ހާއްސަ ކޮށް ފަރުމާކުރެވި އުފައްދާ އުޅަނދުފަހަރެވެ. މި އުޅަނދުފަހަރުގައި އުފުލަނީ، އެހެން ބާވަތެއްގެ އުޅަނދެއްގައި ނުއުފުލޭ ވަރުގެ ބޮޑެތި ނުވަތަ ބަރު ކާގޯ އެވެ. އެއީ ބައެއް ފަހަރު އެހެން އުޅަނދެކެވެ. ރާއްޖެއިންވެސް މިފަދަ އުޅަނދެގެ ހަރަކާތް ފެނިފައިވެއެވެ. އެއީ ސިނަމާލެ ބުރިޖު ހެދުމަށް ގެނައި ކުރޭންބާޖުތައް ހިފައިގެން އައި އުޅަނދެވެ. އެއީ އަމިއްލައަށް ކަނޑަށް ފެތިގެން އޭގައި ވާ އުޅަނދުތައް ކަނޑަ ދޫކޮށްލާގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ. މިފަދަ ބައެއް އުޅަނދުގައި ވަރަށް ބޮޑެތި ކުރޭނުހަރުކޮށްފައިވެސް ހުރެއެވެ.

ޕްރޮޖެކްޓް ކާގޯ އުޅަނދަކީ ވަކި ޕްރޮޖެކްޓަކަށް ބޭނުންވެގެން ފަރުމާކޮށް ބަންނަ އުޅަނދެކެވެ. ވައިން ހަކަތަ އުފެއްދުމަށް ބޭނުންކުރާ ވިންޑް ޓަރބައިން އާއި ބަނދުމަތީގައި ހުންނަ ކީކުރޭނާއި، ސިނާއީ ބައެއް މެޝިނުތައް އެފަދަ ކާގޯތެރޭގައި ހިމެނެއެވެ.

އެހެނިހެން އުޅަނދުފަހަރު

ބަޔާން ކުރެވިފައި އެވާ ބާވަތްތަކުގެ އިތުރުންވެސް ވަރަށް ގިނަ ބާވަތްތަކުގެ އުޅަނދުފަހަރު ހުރެއެވެ. މި ލިޔުމުގައި ހިމަނާފައި އެވަނީ ވިޔަފާރި މުދާ އުފުލުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އުޅަނދުފަހަރުގެ ބާވަތްތަކެވެ.