ރާއްޖޭގައި ކޮވިޑް19 ވެކްސިން ޖެހޭ އާބާދީގެ 30 ޕަސެންޓު މީހުން އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒް އެއް ޖަހާފައި ނުވާ ކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިހާރުވެސް ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓު މީހުން ވެކްސިންގެ އެއްވެސް ޑޯޒް އެއް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ރާއްޖެއިން ފުރިހަމަ ކުރި މީހުންގެ އަދަދު 136،205 އަށް ވަނީ އަރާފައެވެ. އެއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހި 258 މީހުންނާއި، އަތޮޅުތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރި 1،950 މީހުންނާ އެވެ.

އެޗްޕީއޭއިން ވަނީ ކޮވިޝީލްޑް ވެކްސިން ޖެހުން މިހާރު މެދުކަނޑާލައިފަ އެވެ. އެހެންނަމަވެސް މިވަގުތު ރާއްޖޭގައި ހުރި ކޮވިޝީލްޑްގެ މަދު ޑޯޒް ކޮޅު ބޭނުން ކުރެވެމުން އަންނަނީ ކުރީސަފުގައި މަސައްކަތް ކުރައްވަމުން އަންނަ މީހުންނަށާއި އެނދުމަތިވެފައިވާ މީހުންނަށެވެ.