އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެއްވެސް ވަރަކަށް ލިބިފައެއް ނުވާ ކަމަށް ސަންފްރޮންޓުން ބުނެފިއެވެ.

ސަންފްރޮންޓުން މިހެން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އެ ކުންފުނި ހިމެނޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށް ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ވަނީ މީސް މީީޑީއާގައި ދަރުވަމުންދާ ލިސްޓުގައި ސަންފްރަންޓަށް ދެ ލައްކަ އެމެރިކާ ޑޮލަރު ދިން ކަމަށް ބަޔާން ކޮށްފައިވުމަކީ އެކަމުގެ ހަގީގަތް ސާފުވާ ގޮތަށް ކޮށްފައިވާ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަަށެވެ.

"އެ ލިސްޓުގައި ހިމެނިފައިވާ އަބްދުﷲ ރަފީއުގެ އަތުން ދެފަރެއްގެ މަތިން ދެ ލައްކަ ޔޫއެސް ޑޮލަރު ގަތުމަށްޓަކައި ބީއެމްއެލްގައި މިކުންފުނިން އޮޕަރޭޓް ކުރަމުންދާ ރުފިޔާ އެކައުންޓުން އެ ދެ ލައްކަ ޑޮލަރަށްވާ ޖުމްލަ ފައިސާ ދެފަހަރެއްގެ މަތިން އަބްދުﷲ ރާފިއުއަށް ދީފައިވެއެވެ. އަދި މި ކުންފުންޏަށް އޭނާ ވިއްކި ދެ ލައްކަ ޑޮލަރު، ބީއެމްއެލްގައި އޮންނަ މި ކުންފުނީގެ ޔޫއެސް ޑޮލަރު އެކައުންޓަށް އޭނާ އަމިއްލައަށް ޖަމާކުރުމަށްފަހު އެ ފައިސާ ޖަމާކުރި ދެ ސްލިޕް ކޮޅު މި ކުންފުންޏަށް ދީފައިވެއެވެ." ބަޔާނުގައި ވެއެވެ.

ސަންފްރޮންޓުން ބުނީ އެމްއެމްޕީއާރުސީގެ ފައިސާ ރޯލްކުރި ކަމަށް ބުނާ އެސްއޯއެފް ކުންފުންޏާ އެކު އެއްވެސް ކަހަލަ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށާއި ވައްކަމާއި ހިޔާނާތުން ހޯދާފައިވާ ފައިސާއެއް އެ ކުންފުނީގައި އަދި އެ ކުންފުނީގެ ވެރިންގެ އަތުގައި ވެސް ނުހުންނާނެ ކަމަށެވެ. އަދި ފައިސާ ލިބުނު ގޮތާއި އެ ފައިސާގެ ތާހިރުކަން ސާފުކޮށް ބުނެނުދެވޭނެ އެންމެ ލޯ ލާރިއެއް ވެސް އެ ކުންފުންޏާއި އެ ކުންފުނީގެ ވެރިންގެ އަތުގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ސަންފްރަންޓުން ބުނެއެވެ.