ބޭނުންވާ ތަކެތި

1 ކުކުޅު

3 މޭޒުމަތީ ސަމުސާ ކޮތަނބިރި

½ 1 މޭޒުމަތީ ސަމުސާ ދިރި

½ 1 މޭޒުމަތީ ސަމުސާ ދަވިއްގަނދު

1 ބޮޑު ކާށީގެ ހުނި

1 އިންޗި އިނގުރު

1 ލޮނުމެދު

6 ހިކިމިރުސް

4 ހިކަނދިފަތް

4 ކާފޫރުތޮޅި

2 އިންޗީގެ ފޮނިތޮށި

4 އިންޗި ރާނބާފަތް

4 ފިޔާ

½ ޖޯޑު ކަނަމަދު

2 މޭޒުމަތީ ސަމުސާ ހިކި މޭބިސްކަދުރު

1 މޭޒުމަތީ ސަމުސާ ހަކުރު

3 މޭޒުމަތީ ސަމުސާ ތެޔޮ

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

ކާށިން ހުނި ގޭނުމަށްފަހު ހަވާދުގެ ހުރިހާ އެއްޗެއެއް އަޅައިގެން ހަވާދު ހަނާކޮށްލާށެވެ. 2 ކާފޫރު ތޮޅިއާ ފޮނިތޮށީގެ އެއްބައިވެސް އަޅަންވާނެއެވެ. ހަވާދު ހަނާކުރަން 1 ފިޔާ ކޮށާލާށެވެ. ދެން 2 ފިޔާ ކޮށާލާފައި ތެއްލާލާށެވެ. މޭބިސްކަދުރާއި ކަނަމަދުވެސް ތެއްލާށެވެ. އެއަށްފަހު ކުކުޅު ސާފުކޮށްފައި ލޮނުކޮޅަކާއި ލުނބޯހުތް ކޮޅެއް ގިރާލާފައި އުނގުޅަލާށެވެ. ދެން ހަވާދު ހިމުންކޮށް މިކްސަރުން މުގުރާލާށެވެ.

އެއަށްފަހު ބާކީ އޮތް ފިޔާ ކޮށާލާފައި ތެއްޔެއް އުނދުންމައްޗަށް އުދުމަށްފަހު ތެޔޮފޮދެއް އަޅައިގެން ރަތްކޮށްލާށެވެ. ފިޔާ ރަތްކުރާއިރު ހިކަނދިފަތް ރާނބަފަތް ފޮނިތޮށި ކާފޫރު ތޮޅި އަޅަން ވާނެއެވެ. އެއަށްފަހު ހަވާދުކޮޅު އަޅާ ކައްކާލާށެވެ. ދެން ހަވާދުގެ އެއްބައި ތައްޓަކަށް ނަގާށެވެ. އެއަށްފަހު ތެއްލާފައި ހުރި ފިޔަ އާއި ކަނަމަދު މޭބިސްކަދުރު ހަވަދާއެކު މޮޑެލާށެވެ. ދެން އެ ހަވާދު ކުކުޅުގެ ބޭރުގަޔާއި އެތެރޭގައި އުނގުޅާށެވެ. އެއަށްފަހު ރާނބާފަތުން ނޫނީ ރޮދިން ނޫނީ ސިލޯނުވަކައިން ކުކުޅުގެ އަތާފައި ބަނދެލާށެވެ. އެއަށްފަހު ކުރިން ހަވާދު ހަނާކުރި (ހަވާދުގެ ބާކީބައި ހުރި) ތެއްޔަށްލާށެވެ. ދެން ބާކީ ހުރި ހުނިން ބޯކިރު ނެގުމަށްފަހު ކުކުޅު ކައްކަން އުދި ތެއްޔަށް އަޅާށެވެ. އެއަށްފަހު ހަކުރު ކޮޅެއް އަޅައިގެން މަޑުގިނިމަތީގައި މަތިޖަހައިގެން ކުކުޅު ރޯފިލުވާލާށެވެ. ރޯފިލުވާއިރު ދޭފަތުން ފުށުން ޖަހަންވާނެއެވެ.