އެކްޓު ކުރަން ފެށުނީއްސުރެން ފިލްމު އިންޑަސްޓްރީން ގެންދިޔައީ އޭނާ ފަލަކަމަށް ބުނެ މަލާމާތް ކުރަމުން ކަމަށް ބޮލީވުޑްގެ ބަތަލާ ޒަރީން ޚާން ބުނެފިއެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އޭގެ ކުރިން ދުވަހަކު ވެސް އޭނާގެ ބަރުދަނާ ބެހޭގޮތުން ބަޔަކު މަލާމާތް ކޮށްފައި ނެތް ކަމަށެވެ. އޭނާ ކޮލެޖުގައި އުޅުނު ދުވަސްވަރު އޭނާގެ ބަރުދަން 100 ކިލޯއަށް ވުރެން މަތި ކަމަށް ވެސް ބުނެފައިވެއެވެ.
ޒަރީން ފިލްމީ ދާއިރާއަށް ނުކުމެފައި ވަނީ 2010 ވަނަ އަހަރު ނިކުތް ސަލްމާން ހާންގެ ފިލްމު ވީރު އިންނެވެ. އޭގެ ފަހުން ރެޑީ, ހައުސްފުލް 2 އަދި 1912 ފަދަ ގިނަ ފިލްމުތަކުން ޒަރީން ވަނީ ފެނިގެން ގޮސްފައެވެ.
ބޮޑީ ޝޭމިން އާ ގުޅޭގޮތުން އިންޑިއާގެ ނޫހަކާ ވާހަކަ ދައްކަމުން ޒަރީން ބުނެފައިވަނީ ސްކޫލް އަދި ކޮލެޖް ގައި އުޅުނު ދުވަސްވަރު ދުވަހަކު ވެސް މީހަކު އޭނާގެ ބަރުދަނާ ގުޅޭގޮތުން މަލާމާތް ކޮށްފައި ނުވާ ކަމަށެވެ. މަލާމާތާއި ކުރިމަތިލާން ޖެހުނީ ބޮލީވުޑަށް ނިކުތް ފަހުން ކަމަށް ޒަރީން ބުންޏެވެ. އަދި އޭނާގެ ބަރުދަނުގައި 100 ކިލޯއަށް ވުރެން މަތިކޮށް ހުރިއިރު ރައްދު ނުވި މަލާމާތެއް (މިހާރު އެތައް ކިލޯއެއް ލުއިކޮށްފައިވާއިރު) ކުރާތީވެ ހައިރާންވާ ކަމަށް ވެސް ބުނެފައިވެއެވެ. އޭނާ ބުނީ ކިތަންމެ މަލާމާތެއް ކުރިޔަސް އެކަމުން އޭނާއަށް އަސަރެއް ނުކުރާނެ ކަމަށެވެ. "އަހަންނަކީ އެކްޓަރެއް އަހަރެނެގެ އެކްޓިންއަށް ފަޑު ކިޔާ، އަހަރެންގެ ބަރަދަނާ ހަމުގެ ކުލަ ނުވަތަ އަހަރެންގެ އިސްކޮޅަށް ފާޑު ނުކިޔާ،" އޭނާ ބުނެފައިވެއެވެ.
ފިލްމު އިންޑަސްޓްރީގައި ބޮޑީ ޝޭމިންއާ ދެކޮޅަށް ވާހަކަ ދައްކާ ބައެއް އެބަތިބި ކަމަށާއި އެހެންނަމަވެސް ފިލްމެއް ކުޅެން ވުމުން އެމީހުންގެ ފިލްމުގައި ހިމަނަން ބޭނުންވަނީ ޒީރޯ ސައިޒްގެ އަންހެން ކުދިން ކަމަށާއި ފިލްމް އިންޑަސްޓްރީގައި ކަންދެއްކުމާއި ޑަބަލް ސްޓޭންޑަރޑްގެ އަމަލުތައް ވަރަށް ގިނަ ކަމަށް ވެސް ޒަރީން ބުނެފައިވެއެވެ.
ޒަރީންގެ ފުރަތަމަ ފިލްމު ވީރު ނިކުތް ދުވަސްވަރު އެތައްފަހަރަކު އޭނާއާއި ބަތަލާ ކެޓްރީނާއާ އަޅާކިޔާފައިވެއެވެ. އޭނާވަނީ ބޮޑީ ޝޭމިންގް އާއި ތަފާތުކުރުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފައެވެ.
ވިރް ކުޅުނު އިރު އޭނާ ހުރި ވަރަށް ކޮންފިއުޒް ވެފައި ކަމަށާއި އެނާ ފަލަވާން ޖެހުނު ކަމަށާއި ޑައިރެކްޓަރުންނާއި އެންމެން އޭނާގާތު ބަރުދަން އިތުރު ކުރަން އެދުނު ކަމަށް ޒަރީން ބުނެއެވެ. އެހެނީ އޭނާ އެ ފިލްމުގައި ކުޅުނީ 18 ވަނަ ގަރުނު ގެ ރާނީއެއްގެ ރޯލު ކަމަށްވެފައި ޑައިރެކްޓަރުން ބޭނުންވީ އެ ފިލްމު އަސްލާއި އެއްގޮތަށް ގެންނަން ކަމަށް ވާތީއެވެ. ނަމަވެސް އެ ނިންމުން ވެގެން ދިޔައީ ގޯސް ނިންމުމެއް ކަމަށާއި އޭނާއަށް "ފެޓްރީނާ" ގެ ނަމުން މީހުން ގޮވަން ފެށިކަމަށް ވެސް ޒަރީން ބުނެއެވެ.