ރަންދީރު ކަޕޫރު ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނުތާ ދުވަސްތަކެއް ފަހުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އެހެންނަމަވެސް އެއްވެސް މީހަކާ ބައްދަލުކުރުމުގެ ހުއްދައެއް އޭނާއަށް ނެތެވެ. އާއިލާ މީހުންނާ ވެސް ބައްދަލު ކުރުން ޑޮކްޓަރ ވަނީ މަނާކޮށްފައެވެ.

"ކުޑަ ދުވަސްކޮޅެއް ވަންދެން އެއްވެސް މީހަކާ ބައްދަލު ނުކުރަން ޑޮކްޓާރުން އަހަންނަށް ވަނީ ނަސޭހަތައްވެރިވެފައި. މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާ ވެސް އަހަރެން އެހެން މީހުންނާ ބައްދަލުކޮށް އެކީ އުޅޭނަން،" ރަންދީރު ބުނެފައިއެވެ.

ރަންދީރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ މީގެ ދުވަސްތަކެއް ކުރިން ކުޑަކޮށް ބަލިވެގެން ކޮވިޑަށް ޓެސްޓު ހެދުމުން ނަތީޖާ ޕޮޒިޓިވް ވުމުންނެވެ. އޭރު އޭނާ ބުނެފައިވަނީ ހާލަތު ގޯސް ނުވާ ކަމަށާއި އެކްސިޖަން ގުޅަން ނުޖެހޭ ކަމަށާއި ނޭވާލުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާ ކަމަށެވެ. ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ދުވަސްވަރުގައި އެތަނުގެ ނަރުހުންނާއި ޑޮކްޓަރުންނާއި އެންމެހާ ސްޓާފުން އޭނާއަށް ވަރަށް ރަނގަޅު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެކަމަށްޓަކައި އޭނާ ވަނީ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.