އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާކޮށްފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓް ރައްޔިތުންގެ މަޖިލީހުން އާންމުކުރި އެ ލިސްޓްގައި ވާގޮތުން މަހުލޫފްގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގުކޮށް ނިންމާ، ވަނީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފިނުވުމުގެ މަރުހަލާގައެވެ.

މަހްލޫފް މިއަދު ފޭސްބުކްގައި އާންމުކުރެއްވި މެސެޖެއްގައި ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ އެސްއޯއެފްގެ ޗެކުގެ މައްސަލާގައި 2019 ވަނަ އަހަރު ރައީސް އިބްރާހީމް ސޯލިހް ފިޔަވަޅު އެޅުއްވި ކަމަށެވެ. އެގޮތުން އެމަނިކުފާނު ސަސްޕެންޑް ކޮށް އަދި ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތް ކަމަށް އޭރު ނިންމުމުން މަގާމުގެ މަސްއޫލިއްޔަތު އަލުން ހަވާލުކުރީ ކަމަށްވެސް ވިދާޅުވި އެވެ.

‎”ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ‎މައްސަލަ އާއި ސީދާ ގުޅުންނެތް އެތައްބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއްގައި ނަންއޮތުމަކީ ކުށްވެރިވުމެއްނޫން އަދި އެކަމުގައި ބައިވެރި ވުމެއްވެސް ނޫން. އެހެން ނަމަވެސް އަޅުގަނޑުގެ މައްޗަށް‎ދައުވާއެއް ކޮށްފިނަމަ މި މަގާމުގަ އެންމެދުވަހަކުވެސް ނުހުންނާނަން.” މަހްލޫފް ވިދާޅުވިއެވެ.

ލިސްޓްގައި މަހްލޫފްގެ ނަން ހިމެނިފައިވީ ނަމަވެސް އެ މައްސަލާގައި މިހާތަނަށް އެމަނިކުފާނު އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ އާންމުން އަންނަނީ ފާޑު ކިޔަމުންނެވެ.

އެމްއެމްޕީއާރްސީގެ ފައިސާ މަހުލޫފްގެ އެކައުންޓަށް ޖަމާވެފައިވާކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން މަހުލޫފް ބުނެފައިވަނީ އޭނާ ހިންގާފައިވަޏީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ.