އޭނާގެ ފިލްމުތައް ފްލޮޕްވުމުން ދެން ކުރިއަށް އޮތް ފިލްމް ކާމިޔާބު ފިލްމަކަށް ހެދުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރަން ހިތްވަރު ލިބޭ ކަމަށް ބޮލީވުޑް ސުޕަރސްޓާރ ސަލްމާން ޚާން ބުނެފިއެވެ.
ސަލްމާން އެންމެ ފަހުން ފެނިގެން ގޮސްފައިވާ ފިލްމު ރާދޭ އިންނެވެ. އެ ފިލްމުވީ ފްލޮޕަކަށެވެ.
ޑައިރެކްޓަރ ޕްރަބޫދޭވާ ޑައިރެކްޓުކޮށްފައިވާ ފިލްމު ރިލީޒްކޮށްފައިވަނީ އީދު ދުވަހުއެވެ. ކޮވިޑްގެ ދެވަނަ ބޮޑު ރާޅާއެކު ގިނަ އަދަދެއްގެ މީހުން އިންޑިއިން ކޮވުޑަށް ޕޮޒިޓިވް ވަމުން ދާތީ އެ ފިލްމު އިންޑީއާގައި ރިލީޒްކޮށްފައިވަނީ ޑިޖިޓަލްކޮށްނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަލްމާން ޚާން ބުނެފައިވަނީ އޭނާއަށް ބުރަކޮށް މަސައްކަތް ކުރުމަށް ހިތްވަރު ލިބެނީ މި ދާއިރާގައި ކުރިއަރަމުން އަންނަ ތަރިންތައް އޭނާގެ މަސައްކަތްތައް ގާތުން ބަލަމުންދާކަން އެނގޭތީ ކަމަށެވެ. އޭނާގެ ގެ އުމުރުން 55-56 ގައި އެ ކުރަނީ އުމުރުން 14-15 ގައި ކޮށް އުޅުނު ފަދަ ކަންކަން ކަމަށެވެ. އެހެނީ މިދާއިރާގައި ކުރި އަރަމުންދާ ޖީލުގައި ޓާއިގާ ޝްރޮފް، ވަރުން ދަވަން، ރަންވީރު ސިންގް އަދި އަޔުސް ޝަރުމާ ހިމެނޭތީ ސަލްމާންމެންނަށް ވަނީ ބުރަކޮށް މަސައްކަތް ކުރަން ޖެހިފައި ކަމަށް ސަލްމާން ބުނެއެވެ.
މީގެ އިތުރުން ސަލްމާން ބުނެފައިވަނީ ބެލުންތެރިން ބަލައިގަންނަނީ ފިލްމުތަކުގައި ކުރެވޭ ބުރަ މަސައްކަތް ކަމަށެވެ. '' ކޮން ފިލްމެއް ކާމިޔާބު ވާނީ؟ ކޮން ފިލްމެއް ފްލޮޕަކަށް ވާނީ؟ މީހުން ދެކެނީ މީއީ 9-5 ގެ ވަޒީފާއެއް ކަމަށް އެކަމަކު އެހަރެން މިކަން ނަގާފައިވަނީ އެއަށްވުރެން މާބޮޑުކޮށް. އަހަރެން ހަމަ މަސައްކަތް ކުރަނީ އެއް ފިލްމު ފްލޮޕް ވެއްޖެ ނަމަ އަނެއް ފިލްމު ރަނގަޅު ކާމިޔާބު ފިލްމަކަށް ހެދުމަށްޓަކައި. އަހަންނަށް އިހުސާސްވި ބުރަ މަސައްކަތް ކޮށް ދާ އޮހޮރުވާއިގެން ކުރޭވޭ އެންމެ ފުރިހަމައަށް މަސައްކަތް ކުރުމުން ބެލުންތެރިންއެ މަސައްކަތް ބަލައިގަނެ އަގުވަޒަންކުރާ ކަން،" ސަލްމާން އިތުރަށް ބުނެފައިވެއެވެ.
ސަލްމާންގެ ފިލްމު ރޭސް 3 އަށް 180 ކުރޯޑް އިންޑިއަން ރުޕީޒް އާއެކު އިންޑިއަން ބޮކްސް އޮފީހުގަ ޓޭޕްޑް ކުރެވުނު ފަހުން ސަލްމާން ބުނެފައިވަނީ އެ ފިލްމަކީ ފްލޮޕެއް ކަމުގައި ނުބެލޭނެ ކަމަށެވެ. ޕްރެސް އިވެންޓެއްގައި ވާހަކަ ދައްކަމުން ސަލްމާން ބުނެފައިވަނީ ކުރިމަތިވަމުން ދިޔަ ގޮންޖެހުމާއެކުވެސް އެ ފިލްމު ރަނގަޅަށް ކުރިއަށް ދިޔަ ކަމަށެވެ. އެ ނުކުތާ ތަކަށް އަލިއަޅުވާލަމުން އެ ފިލްމު ޑައިރެކްޓަރ ރެމޯ ޑިސޫޒާ ބުނެފައިވަނީ ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ބަލާއިރު އޭނާ ގަބޫލު ކުރާ ގޮތުގައި 180 ކުރޯޑް ރުޕީޒް އެއީ ގޯސް އަދަދެއް ނޫން ކަމަށާއި އެހެން މީހުންގެ ފިލްމުތަކަށް 120 ނުވަތަ 130 ކުރޯޑު ވަރު ލިބޭއިރު އެ ފިލްމު ބްލޮކް ބާސްޓާރ އަކަށް ވާއިރު އޭނާގެ ފިލްމަށް 180 ކުރޯޑު ލިބުނު ނަމަވެސް މީހުން ގަބޫލު ކުރަނީ އެއީ ކާބިޔާބު ފިލްމެއް ގޮތުގައި ނޫން ކަމަށް ވެސް އޭނާ ބުނެއެވެ.