ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އެމްޑީޕީމް އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ބުނެފައިވަނީ ޢީސައަށް ތުހުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް އަވަހަށް ހިންގަވައިދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) އިން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލާ ކަމަށް ވެސް ބުނެފައިވެއެވެ.

ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ ޢަމަލުތަކަކީ އެމްޑީޕީން އެއްގޮތަކަށް ވެސް ތަހައްމަލް ކުރާނޭ ޢަމަލުތަކެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

"އަޙްމަދު ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލާގައި މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން މިއަދުވަނީ، އެ މައްސަލައިގެ ޖިނާޢީ ތަޙްޤީޤު ނިމެންދެން، މި ޕާރޓީގެ ޤައުމީ މަޖިލީހުންނާއި، ޕާރޓީގެ އެތެރޭގެ ކޮމެޓީތަކުގެ މުޤައްރިރުކަމުން އޭނާ އެކަހެރިކުރުމަށް ނިންމާފައެއެވެ." އެމްޑީޕީން ބުނެފައިވެއެވެ. އަޙްމަދު ޢީސާ މިހާރުވަނީ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުޤައްރިރުކަމުން އިސްތިއުފާ ވެސް ދެއްވައިފައެވެ. އޭނާ ވިދާޅުވެފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އަމަލެއް އޭނާ ހިންގައިފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު ކުރައްވާ ކަމަށާއި ތަހުގީގަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާއި ޖިނާޢީ ތަޙްޤީޤު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމްޑީޕީ ގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައިވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ.