މަހަލްދީބް ފައުންޑޭޝަން އިން ތަރުބިއްޔަތަށް ޙާއްޞަކޮށް ކުރިއަށް ގެންދާ "ރެއިޒް " ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މި ކޯހަކީ ތަރުބިއްޔަތުކުރުމުގައި މައިންބަފައިންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ނަބަވީ އިރުޝާދު މައިންބަފައިންނަށް ކިޔާ ދިނުމާ ، ޕޮސިޓިވް ޕޭރެންޓިންގް އަދި އެކި އުމުރުފުރާގެ ކުދިން ތަރުބިއްޔަތު ކުރާނެގޮތް ކިޔާދީ ޢާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ފެށިގެން ދިޔަ ކޯހެއް ކަމަށް އެ ޖަމްއިއްޔާ އިން މައުލޫމާތުދެއެވެ.

މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރަނގަޅު މުޖުތަމައުއެއް ބިނާ ކުރުމުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ވިސްނަން ޖެހޭ އުސޫލުތަކާއި ގުޅޭގޮތުން މައިންބަފައިން ހޭލުންތެރި ކުރުން ކަމަށް އެޖަމިއްޔާއިން މައުލޫމާތުދެއެވެ.

މި ކޯސް ކުރިޔަށް ގެންދަވާނީ ވޭތުވެދިޔަ އަހަރުތަކުގައި ރެއިޒް ވޯކްޝޮޕް ކުރިޔަށް ގެންގޮސްދެއްވާފައިވާ، އަލްއުސްތާޛް މުހައްމަދު އަނީލެވެ. އުސްތާޛް އަނީލަކީ ދަރިން ތަރުބިއްޔަތު ކުރުމުގެ ދާއިރާއިން 100 އަށްވުރެ ގިނަ ސެޝަން ނަންގަވާދެއްވާފައިވާ، ހިރާ ސްކޫލުގެ ބޯރޑް މެމްބަރެކެވެ.

މި އަހަރުގެ ރެއިޒް ކޯށް އިތުރަށް ތަރައްޤީކުރެވި އަންނަނިވި، ބައިތަކަށް ބަލާލެވިގެންދާނެއެވެ.

ދެމަފިރިންގެ ގުޅުމާއި ހައްޤުތައް

ތަރުބިއްޔަތަށް ތަޢާރަފެއް

އެކި އުމުރުފުރާގެ ކުދިން، ހާއްސަކޮށް ޓީނޭޖް ކުދިން ތަރުބިއްޔަތު ކުރާނެ ގޮތް

ޕޮޒިޓިވް ޕޭރަންޓިންގް

އިންޓަނެޓް ސޭފްޓީ

އިންޓަނެޓަކީ ކުދިންނަށް އަމާން މާހާއުލަކަށް ހެދުމަށްޓަކައި އަމަލީގޮތުން ކުރެވިދާނެ ކަންކަން

ކުދިންނާ މުއާމަލާތު ކުރާނެ ގޮތް

ކުދިންގެ ތަރުބިއްޔަތަށް ހުރި ގޮންޖެހުންތައް

ކުދިން ތަރުބިއްޔަތު ކުރުމުގައި އާންމުކޮށް ހެދޭ ގޯސްތައް

ސްކްރީން ޓައިމް މަދުކުރެވިދާނެ ގޮތްތައް

ތަރުބިއްޔަތު ކުރުމުގައި ރަސޫލާ ގެންގުޅުއްވި އުސްލޫބު

އަނިޔާގެ ވަކިތަކުން ދަރިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަން

މި ކޯސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 3 ކްލާސް ކުރިޔަށް ދާގޮތަށް، އެއް މަސްދުވަހުގެ މުއްދަތަށް ކަމަށް މަހަލްދީބް ފައުންޑޭޝަނުން މައުލޫމާތުދެއެވެ.

މަހަލްދީބް ފައުންޑޭޝަނުން ބުނީ ކޯހުގެ ފީއެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ 975 ރުފިޔާ ކަމަށާ އަދި ކޯހުގައި ނަންނޯޓު ކުރުމަށް ހުޅުވާޅެވިފައިވާ މުއްދަތުގައި ތަފާތުއެކި ޑިސްކައުންޓްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. މީގެއިތުރުން ކަޕަލް ޑިސްކައުންޓް ގެ ގޮތުގައި %10 ޓީޗަރުންނަށް %15 ޑިސްކައުންޓް އަދި ގްރޫޕްކޮށް 3 މީހުނަށް ވުރެ ގިނައިން ބައިވެރިވާނަމަވެސް %10 ގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.

އެޖަމްއިއްޔާ އިން ވަނީ ރައްކާތެރިގޮތުގައި އިންޓަނެޓުގެ ބޭނުން ހިފުމަށް އަހުލުވެރިކުރުމަށްޓަކައި 10 އޮކްޓޫބަރު ވީ ހޮނިހިރު ދުވަހުގެ ރޭ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްޞަ ޓްރެއިނިންގް ސެޝަނެއް ކުރިޔަށް ގެންގޮސްފައެވެ. އެ ޓްރެއިނިންގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 20 ޖަމިއްޔާއިން ބައިވެރިވެފައިވާ ކަމަށް އެ ޖަމްއިއްޔާ އިން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި 12 ރަށަކުން 30 އަށް ވުރެ ގިނަ ފަަރާތުން ބައިވެރިވެފައިވާ ކަމަށް އެ ޖަމިއްޔާ އިން މައުލޫމާތުދެއެވެ.

2016 ވަނަ އަހަރުން ފެށިގެން މަހަލްދީބް ފައުންޑޭޝަންއިން، ދަރިން ތަރުބިއްޔަތު ކުރުމުގެ އުސްލޫބުތަކަށް ހާއްޞަކޮށްގެން ކުރިޔަށް ގެންދާ ކޯސް މީގެކުރިން ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި މިހާތަނަށް ކުރިޔަށް ގެންދެވިފައިވާ ކަމަށްވެސް އެޖަމިއްޔާ އިން މައުލޫމާތުދެއެވެ.