ގެވެށި އަނިޔާ ފަދަ ކުށްތަކަށް އެމްޑީޕީއަށް ދެކޮޅު ހެދޭކަށްނެތް ކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "އެމްޑީޕީ އިންސާފޭ ކިޔަނީ ކޯއްޗަކަށްބާ؟" ވިދާޅުވެ ސުވާލު ކުރައްވައިފައެވެ. "ގެވެށިއަނިޔާފަދަ ކުށްތަކާއި އެޕާޓީއަށް ދެކޮޅުހެދޭކަށް ނެތް،" ޖަމީލް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރޭގައި އޮތް ސަގާފަތާއި ބައެއް ބައެއް ބާރުގަދަ ފިރިހެނުން ދިފާއު ކުރުން އަބަދުވެސް އެޕާޓީއަށް މާމުހިންމު ކަމަށެވެ. ޕާޓީގެ އަންހެން މެމްބަރުން ޢީސައާއެލު ތިބީ ވީހާލެއްގައި ވުމަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހެޅި އެމައްސަލަ ބަލަމުންދާ ވަގުތެއްގައެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވެ ޑރ. ޖަމީލް މިހެން ވިދާޅުވިޔަސް އެމްޑީޕީން ވަނީ އެޕާޓީގެ އެތެރޭގައި އަހުމަދު ޢީސާ އަދާކުރަމުންދާ ހުރިހާ ޒިންމާތަކުން އެކަހެރި ކޮށްފައެވެ.

މިމައްސަލާގައި ޢީސަ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް ވެސް އެދިފައިވެއެވެ. އެހެނަސް ކޯޓުން އެއަމުރު ނެރެދެއްވާފައެއް ނުވެއެވެ.