މިނިސްޓަރ އޮފް ފޮރިން އެފެއަޒް ޢަބްދުﷲ ޝާހިދު، ފަލަސްތީނުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އެންޑް އެކްސްޕެޓްރިއެޓްސް ރިޔާދް މާލިކީއާ ބައްދަލުކުރައްވައިފިއެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި ނިއުޔޯކުގައި ރޭ އޮތް އދ. ގެ އާއްމު މަޖިލީހުގެ ބަހުސްގެ ހަވާސާގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރި އަދި އަޚުވަންތަ ގުޅުމުގެ މައްޗަށް ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، ހައްޤުތައް ހޯދުމަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކޮށް ތާއީދުކުރާނެކަން ތަކުރާރުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްއާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުގައި ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރަށް މިނިސްޓަރ ޝާހިދު ދެންނެވި ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާދް އަލް މާލިކީގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދެންނެވި ހެޔޮ ބަސްތަކަށް ޝުކުރު އަދާކުރައްވައި، މި ދަތި ދަނޑިވަޅުގައިވެސް ދިވެހި ރައްޔިތުންގެ ކިބައިން ފަލަސްތީނުގެ ރައްޔިތުން ހިތްވަރު ލިބިގަންނަކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހި ސަރުކާރުން ދެކޭ ގޮތް ބަދަލުނުވާނެކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލައި ކުރާނެކަމުގެ ޔަޤީންކަން ރިޔާދް މާލިކީއަށް އަރުވާފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ފަލަސްތީނާއި މެދުއިރުމަތީގެ މައްސަލައިގައި އދ. ގެ އާއްމު މަޖިލީހުގައި ރޭ ބޭއްވި ބައްދަލުވުމުގެ ފަހުން، ޙަމަލާ ބަދަލުކުރުން ހުއްޓާލާނެކަމަށް އިސްރާއީލުން ހާމަކުރުމާ ގުޅިގެން، އެކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި މި ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން އިހުނަށްވުރެ ބޮޑަށް ބޭނުންވާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ފަލަސްތީނުގެ ޚާރިޖީ ވަޒީރާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ ރޭ ބޭއްވި އދގެ އާއްމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެހެން ބައެއް އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު ވަކިވަކިން ބައްދަލުކުރައްވާފައެވެ. އެގޮތުން އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލްސާފާދީ، އަލްޖީރިއާގެ ޚާރިޖީ ވަޒީރު ސަބްރީ ބުޤަދޫމް، ކުވައިތުގެ ޚާރިޖީ ވަޒީރު ޑރ. އަހްމަދު އަލް ނާސިރް އަލް މުޙައްމަދު އަލް ސަބާޙް، ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝޮލޫ، އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު ރެޓްނޯ މަރްސޫދީ އަދި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރޭޝީއާއި މިނިސްޓަރ ޝާހިދު ރޭ ބައްދަލުކުރެއްވިއެވެ.

މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައިގައި މަޝްވަރާކުރުމަށް، އދގެ އާއްމު މަޖިލީހުގެ ރައީސް ބޭއްވެވި ބައްދަލުވުމުގައި ފަލަސްތީން، ސަޢޫދީ ޢަރަބިއްޔާ، އަލްޖީރިއާ، އިންޑޮނީޝިއާ، އުރުދުން، ކުވައިތު، ޕާކިސްތާން، ޤަތަރް، ޓިއުނީޝިއާ އަދި ތުރުކީގެ ޚާރިޖީ ވަޒީރުންނާއެކު މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި، އިސްރާއީލުން އިރުމަތީ ޤުދުސްއާއި ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދިޔަ ޢުދުވާންތައް ކުށްވެރިކުރައްވައި މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ.