އައްޑޫ ފްލައިން ސްކޫލުގެ މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. މި ސްކޫލުން ދަރިވަރުންނަށް އިހުމާލުވާކަމަށް ކުރެވޭ ޝަކުވާތައްވެސް ގިނައެވެ.
އައްޑޫ މީދޫ މެމްބަރު ރޮޒެއިނާވެސް ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރާ މިކަމުގައި ބައްދަލުކުރައްވައި ދަރިވަރުންގެ ނުތަނަވަސްކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މިކުދިން ކޮށްފައިވާ މައިގަނޑު ޝަކުވާއަކީ، އިމްތިހާނުތައް ހަދައި ޕްރެކްޓިކަލް ހަދަން ޖެހޭއިރު އެކަމަށް އެމީހުންނަށް ފުރުސަތު ނުލިބުމެވެ.
ފްލައިން ސްކޫލުގެ މެނޭޖްމަންޓާއެކު މިދިޔަ އޮގަސްޓް މަހު ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ދަރިވަރުންގެ ޝަކުވާއަކީ ސައްހަ ޝަކުވާއެއް ނޫންކަމަށް ބުނެފައިވާތީ އެކަން ސާބިތުކޮށްދޭ ލިޔުންތައް ހުށަހެޅުމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އޭޝިއަން އެކަޑެމީ އޮފް އެރޮނޮޓިކްސް އިން މިލިޔުންތައް ލިބިފައެއް ނުވެއެވެ.