ޑެންމާކްގެ ކޯޕަންހޭގަންގެ މަގެއްގައި 67 ސަންދޯއް ބަހައްޓައިގެން އަސަރުގަދަ އިހުތިޖާޖެއް ކޮށްފިއެވެ.

މިކަމުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައި ވެއެވެ.

67 ސަންދޯއް ރަމްޒުކޮށްދެނީ އިސްރާއީލުން ޣައްޒާއަށްދިން 11 ދުވަހުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ 67 ކުޑަކުދިންނެވެ.

67 ކުދި ސަންދޯއް ހަދައި، ހުކުކުލަ ލައި މަގުމަތީގައި ތަރުތީބުން އަތުރާފައި ހުރިއިރު، އެއިން ކޮންމެ ސަންދޯކެއްގެ ކަރީގައި، އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ކޮންމެ ކުއްޖެއްގެ ނަން ޖަހާފައިވާ ފޮޓޯއެއް ބަހައްޓާފައި ހުއްޓެވެ.

މިމަންޒަރުތަކުގެ ފޮޓޯ ނެގުމަށް އެތައްބަޔަކު އެ ސަރަހައްދަށް ޖަމާވިއެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ގިނަ ކުޑަކުދިން ޝަހީދުވެފައިވަނީ، އެކުދިން އާއިލާއާއެކު ގޭގައި ނިދަން ތިއްބައި ގެއަށް ބޮންއަޅައި ގޮއްވާލުމުގެ ސަބަބުންނެވެ.

ހަމަ އެއާއެކު، ދުވާލުގެ ވަގުތުތަކުގައި ދެވުނު ހަމަލާތައް އަމާޒުވެގެންވެސް އެތައް ކުޑަކުދީންނެއް ޝަހީދުވިއެވެ. ދެއަހަރުން ދަށުގެ ތުއްތު ކުދިންވެސް އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ލާއިންސާނީ ހަމަލާތަކުގައި ޝަހީދުވިއެވެ.

މިހަމަލާތަކުގައި 67 ކުޑަކުދިން ޝަހީދުވިއިރު، 39 އަންހެނުންނައި، އާންމު އެހެން މީހުންނާއެކު ޖުމްލަ 248 މީހުން ޝަހީދުވިއެވެ. އަދި 1،900 އަށްވުރެ ގިނަމީހުން ޒަޚަމްވިއެވެ.

މީގެއިތުރުން، މި ހަމަލާތަކުގައި ޣައްޒާގައި ހުރި 5 އުސް އިމާރާތާއި، ސަރުކާރުގެ 74 އޮފީސް އިމާރާތަކާއި، 33 މީޑިއާ އޮފީސް އަދި އާންމުންގެ 1،800 ގެދޮރު ހަލާކުކޮށްލިއެވެ.

އިސްރާއީލުގެ އުދުވާނާ ދެކޮޅަށް ޔޫރަޕާއި، އެފްރިކާއާއި، މެދުއިރުމައްޗާއި، އޭޝިޔާގެ އެތައް ގައުމެއްގައި، އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެ އަދިވެސް ގެންދަނީ މުޒާހަރާތައްކޮށް އަޑުއުފުލަމުންނެވެ.

އާންމުންނާއި، ކުޑަކުދިންގެ ބޮލަށް ބޮންއަޅައި ޝަހީދުކުރި ކުރުން، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ އެތައް ޖަމްއިއްޔާ ޖަމާއަތްތަކުން ކުށްވެރި ކޮށްފައި ވެއެވެ. އަދި އިސްރާއީލާ ދެކޮޅަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގުމަށްވެސް ގެންދަނީ ގޮވާލަމުންނެވެ.

ނަމަވެސް، އެންމެ ހައިރާންވާންޖެހޭ ކަމަކީ، ދުނިޔޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކުރަން ގޮވާލަމުންދާ އެމެރިކާފަދަ ގައުމުތައް އޮތީ އިސްރާއީލުގެ ހިމާޔަތުގައެވެ. ފަލަސްތީނުގެ ކުޑަކުދިންނާއި، އާންމުންގެ ލޭ އޮހޮރުވުން އެއްވެސް ކަމަކަށް ނުވިއެވެ. އެކަމާ ބަހެއްވެސް ނުބުނެއެވެ.