އެސްޓީއޯގެ އީ ސްޓޯރުން ބޭނުން ކޮންމެ ގަޑިއެއްގައި މިހާުރު ވިޔަފާރި ކޮށްލެވޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރައްވަފިއެވެ. ރައްޔިތުންނަށް ވިޔާފަރި ކުރުމަށް ފަސޭހަވާނޭ ގޮތް ހެއްދެވުމަށް ޓަކައި އީ ސްޓޯރުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ހުޅުވާ ލެއްވީ މި ދަނޑިވަޅުގައި ބާޒާރު ކުރުމަށް ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުންނެެވެ.
ކޮވިޑް 19 ގެ މިހާލަތުގައި ގިނަ މީހުން ބާޒާރު ކުރުމަށް ބޭރަށް ނުކުމެ އުޅުން ހުއްޓުވުމަށް މި އެޅުއްވި ފިޔަވަޅުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ލުއި ފަސޭހަކަމެއް ލިބިގެން ދާނެއެވެ. މިގޮތުން އެސްޓީއޯގެ ސުޕަރމާކެޓުން ލިބެން ހުރި ހުރިހާ ތަކެއްޗަކާއި އަދި ހޯމް އިމްޕްރުވްމެންޓްގެ އިތުރަށް އެސްޓީއޯގެ ގުދަނުން ވިއްކާ ހުރިހާ ސާމާނެއް ވެސް އޮންލައިންކޮށް ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯއިން ބުނީ އޮންލައިންކޮށް ގަންނަ ތަކެތި ގްރޭޓަރ މާލޭގެ ކޮންމެ ސަރަހައްދަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރަށް އޮންލައިންކޮށް ރަށްރަށުން ތަކެތި ބައްލަވައި ގަންނަވާ ފަރާތްތަކަށް ވެސް މި ފުރުޞަތު ލިބިފައިވާ ކަމަށް އެކުން ފުނިން ހާމަކުރެއްވިއެވެ. އެގޮތުން ރަށްރަށުން ކުރައްވާ އޯޑަރުތައް އެފަރާތްތަކުން ބުނާ ބޯޓަކާ ހަމަޔަށް ގެންގޮސްދެއްވާނެ ކަމަށް އެސްޓީއޯ އިން ހާމަ ކުރެއްވިއެވެ.
އެސްޓީއޯގެ އީ ސްޓޯރުން ވިޔަފާރި ކުރައްވާއިރު ރަޖިސްޓްރީ ވާކަށް ނުޖެހެއެވެ. ވެބްސައިޓަށް ވަދެ ބޭނުންވާ ތަކެއްޗަށް އޯޑަރުދީ ވިޔަފާރި ކޮށްލެވޭނެއެވެ. އެ ކުންފުންޏަކީ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ސާމާނާއި ބައެއް އެހެނިހެން ސާމާނު ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ކުންފުންޏެކެެވެ. އެސްޓީއޯއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެކެވެ.