މުލަކަތޮޅުގެ ހުރިހާރަށަކަށް މިއަދު އުދަ އަރައިފި ކަމަށް އެ އަތޮޅު ކައުންސިލުން މައުލޫމާތު ދެއްވައިފިއެވެ.

އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލް ވިދާޅުވީ ހުރިހާ ރަށަކަށް އުދައެރިޔަސް ފާހަގަކޮށްލެވޭހާ ބޮޑަށް އަރައިފައިވަނީ ބައެއް ރަށްރަށަށް ކަމަށެވެ.

އެންމެ ބޮޑަށް އުދަ އަރަމުން ދަނީ ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް އަދި މުއްޔަށް ކަމަށް މުޙައްމަދު ނިމާލު ވިދާޅު ވިއެވެ. އޭގެ ތެރެއިން ވެސް އެންމެބޮޑަށް އުދަ އަރައިފައިވަނީ މަޑުއްވަރިއަށެވެ. އެރަށަކީ މީގެ ކުރިން ވެސް އިރުވައި މޫސުމުގައި އާންމުކޮށް އުދަ އަރާ ރަށެކެވެ. ނަމަވެސް މިފަހަރު މާ ބޮޑަށް ވަނީ އުދަ އަރައިފައެވެ.

އެރަށުގެ 70 ވަރަކަށް ޕަސެންޓަށް ވަނީ އުދަ އަރައިފައެވެ. އިއްޔެ ވެސް އެރަށަށް ވަނީ އުދަ އަރައިފައެވެ. ނަމަވެސް މިއަދު މާބޮޑަށް އުދަ އަރައި ގިނަ ގޭގޭގެ ގޯތި ތެރެއަށް ލޮނު ވަދެފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ. ގޯތިތަކުގެ ތެރެއަށް ލޮނު ވައްދައި ގޯތި ތެރޭގައި ހައްދާފައިވާ ރުށްގަހާއި ގެއްސަށް ވަނީ ވަރަށް ބޮޑަށް ލޮނުގެ އަސަރު ކޮށްފައެވެ.

މަޑުއްވަރި އަކީ ބޭރު ތޮށި ނެތް ރަށަކަށް ވާތީ ވާޓަރުގައި ޖަހާފައިވާ 600 އެއްހައި ގައު ހަލާކުވެ، މުޅި ރަށުތެރޭއަށް ލޮނު ވަދެ ދޮޅު ފޫޓާއި 2 ފޫޓަށް ލޮގަނޑުވަނީ ބޮޑުވެފައެވެ. އަދި ގޭގޭގެ ގޯތި ތެރޭގައިވެސް 1 ފޫޓްގެ އުސްމިނުގައި ފެން ހެދިފައިވާ ކަމަށް މަޑުއްވަރީ ކައުންސިލް ގެ މެންބަރު ނިޝާމް މައުލޫމާތު ދެއްވިއެވެ.

މިހާރު ކައުންސިލާއި ފުލުހުން ގުޅިގެން ގެންދަނީ ރަށުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ރައްޔިތުންގެ ގެންދަނީ ވެލި ބަސްތާ ޖަހައި ގޭގައަށް ލޮނު ވަނުން ހުއްޓުވުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް ކައުންސިލުން ވިދާޅުވިއެވެ.

މުލަކު އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ފެން ހިންދުމަށް ޕަންޕެން ނެތުމުން މުލީގައިވެސް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިއަދު ދިޔަބޮޑުވި ވަގުތު ރާއްޖޭގެ ބައެއް އެހެން އަތޮޅުތަކުގެ ރަށްރަށަށް ވެސް ވަނީ އުދަ އަރައިފައެވެ. އެގޮތުން ކ. ދިއްފުށްޓަށް ވެސް ވަނީ ވަރަށް ބޮޑަށް އުދަ އަރައިފައެވެ.