ޣައްޒާ އަލުން އާރާސްތުކުރުމަށް އެހީތެރިވުމަށް 500 މިލިއަން ޑޮލަރު ދިނުމަށް ގަތަރު ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ ގަތަރުގެ ފޮރިން މިނިސްޓަރ ޝައިޚް މުހަންމަދު ބިން އަބްދުއްރަހްމާން އައްޘާނީ ކުރެއްވި ޓްވީޓެއްގައެވެ.

"ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތަށް އެހީއެއްގެގޮތުން 500 މިލިއަން ޑޮލަރު ދިނުމަށް ގަތަރު ސަރުކާރުންވަނީ ނިންމާފަ" ފޮރިން މިނިސްޓަރ

ގަތަރުގެ ފޮރިން މިނިސްޓަރުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި އަދުލުވެރި އަދި ދާއިމީ ހައްލެއް ހޯދެންދެން ގަތަރުން ފަލަސްތީނުގެ އަޚުންނަށް އެހީތެރިކަން ފޯރުކޮށްދިނުންމަތީ ދެމިއޮންނާނެ ކަމަށެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު މީގެކުރިން ހިންގާފައިވާ ކުރިމަތިލުންތަކާއި، ބަދަލުކުރި ހަމަލާތަކާއި ހަނގުރާމަތައް ހުއްޓުވަން ގަތަރުން މެދުވެރިއެއްގެ ދައުރު އަދާކޮށްފައި ވެއެވެ.

އަދި މިފަހަރުގެ ހަނގުރާމަ ހުއްޓާލުމަށްވެސް އިސްރާއީލާއި ހަމާސް އެއްބަސްވުމަކަށް ގެނައުމުގައި މިސްރާއެކު މަސައްކަތް ކުރީ ގަތަރުންނެވެ.

މީގެ ކުރިން ހިނގާފައިވާ ހަނގުރާމަތައް ހުއްޓުވުމަށް ފަހުވެސް، ގަތަރުންވަނީ، އިންސާނީ އެހީގެގޮތުގައާއި، ޣައްޒާ އަލުން އާރާސްތުކުރުމަށް އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްފައެވެ.

ގަތަރުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ، މިފަހަރު ގަތަރުން ދިނުމަށް ހަމަޖެއްސި 500 މިލިއަން ޑޮލަރު ހޭދަކުރާނީ، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުނު ޣައްޒާގެ ރައްޔިތުންނަށާއި، ހަލާކުވި ގެދޮރުތައް އަލުން ބިނާކުރުމަށާއި، ޣައްޒާގެ އަސާސީ ޚިދުމަތްތައް އަލުން ގާއިމްކުރުމަށް ކަމަށެވެ.

ޣައްޒާ އަލުން އާރާސްތު ކުރުމަށް 500 މިލިއަން ޑޮލަރު ދިނުމަށް ނިންމައި، މިދިޔަ ހަފްތާގައި މިސްރުންވެސް އިއުލާން ކޮށްފައި ވެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އަންގާރަ ދުވަހު ފަލަސްތީނަށް ވަޑައިގެންވަނީ، ފަލަސްތީނަށް 75 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ.

މީގެ ބޭރުން، ޣައްޒާއަށް ކުއްލި އެހީގެގޮތުގައި 5.5 މިލިއަން ޑޮލަރު އަދި ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީއަށް 32 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށްވެސް ބްލިންކެން ހާމަކުރެއްވިއެވެ.