ބަނގްލަދޭޝްގެ ރައްޔިތުން އިސްރާއީލަށް ދަތުރުކުރުން މަނާކަމަށް ކަނޑައަޅައި، އެގައުމުގެ ޕާސްޕޯޓްގައި ހިމަނާފައިވާ ނުކުތާ ޕާސްޕޯޓުން އުނިކޮށްފިއެވެ.

އެގޮތުން، ބަލގްލަދޭޝްގެ އީ-ޕާސްޕޯޓްގައި ލިޔެފައިވާ "އިސްރާއީލު ފިޔަވައި" އިބާރާތް ސަރުކާރުން މިހާރުވަނީ އުނިކޮށްފައެވެ.

މުސްކުޅި ޕާސްޕޯޓްގައި ލިޔެފައިވަނީ "މި ޕާސްޕޯޓަކީ އިސްރާއީލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ދަތުރުކުރުމަށް ވެލިޑް ޕާސްޕޯޓެއް" ކަމަށެވެ.

ކުރީގެ ޕާސްޕޯޓްގެ ބަދަލުގައި ބަނގްލަދޭޝްއިން އީ-ޕާސްޕޯޓް ދޫކުރަންފެށީ މީގެ ހަމަސްކުރިންނެވެ. އެކަމަކު، ކުއްލިއަކަށް، އީ-ޕާސްޕޯޓުން "އިސްރާއީލު ފިޔަވައި" އޮތް އިބާރާތްވަނީ އުނިކޮށްފައެވެ.

ސަރުކާރުން މިކަން ކޮށްފައިވަނީ، އާންމު އެއްވެސް އެންގުމަކާ ނުލައިކަމަށް ވެއެވެ.

މިކަން އާންމުންގެ ސަމާލުކަމަށް އައީ، ބަނގްލަދޭޝްގެ ރައްޔިތުން އިސްރާއީލަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން، ބަނގްލަދޭޝް ސަރުކާރުން އުވާލައިފި ކަމަށް ބުނެ އިސްރާއީލުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ފޮރ އެޝިޔާ އެންޑް ދަ ޕެފިސިކް، ގިލާޑް ކޮހެން ޓްވީޓްކުރުމުންނެވެ.

މިކަމާ ގުޅިގެން، ބަނގްލަދޭޝްއިން އިސްރާއީލާއެކު އާދައިގެ ގުޅުމެއް ގާއިމްކުރަން އުޅޭކަމުގެ އަޑުތައް އެގައުމުގައި މިހާރުވަނީ ގަދަވެގެން ގޮސްފައެވެ.

160 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަނގްލަދޭޝްއަކީ އިސްލާމީ ގައުމެކެވެ.

އެހެންކަމުން، އެގައުމުގެ ރައްޔިތުން އިސްރާއީލަށް ދަތުރުކުރުން ޒަމާނުސުރެ މަނާކޮށް ޕާސްޕޯޓްގައި ހިމަނާފައިވާ ނުކުރާ އުނިކުރުމުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަދި އިސްރާއީލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ޣައްޒާގެ އާންމުންގެ ބޮލަށް ބޮންއަޅައި ކުޑަކުދީންނާއި އެތައްބަޔަކު ޝަހީދުކޮށް، ޣައްޒާއަށް ބޮޑެތި ގެއްލުންތައް ދިނުމާ ގުޅިގެން މުޅި އިސްލާމީ އުންމަތުން އިސްރާއީލު ކުށްވެރި ކުރަމުންދާ މި ދަނޑިވަޅުގައި ބަނގްލަދޭޝްއިން މިފަދަ ފިޔަވަޅެއް އެޅުމުން ގިނަ ބަޔަކު ސުވާލުވެސް ކުރަމުން އެބަގެންދެއެވެ.

ބަނގްލަދޭޝްއިން އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކުރަން އުޅޭކަމަށް ވާހަކަ ދެކެވޭން ފެށުމުން ސަރުކަރުންވަނީ އެކަން ދޮގު ކޮށްފައެވެ.

ބަނގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭކޭ އަބްދުލް މުމީން ވިދާޅުވީ، އިސްރާއީލާމެދު ބަނގްލަދޭޝްގެ މަގާމަށް ބަދަލެއް ނާންނަ ކަމަށެވެ.

އޭނާ ވިދާޅުވީ، ބަނގްލަދޭޝްގެ އެއްވެސް މީހަކަށް އިސްރާއީލަށް ދަތުރު ނުކުރެވޭނޭ ކަމަށާއި، ދަތުރުކޮށްފިނަމަ އެމީހަކާމެދު ގާނޫނީ ފިޔަވަޅު އަޅާނޭ ކަމަށެވެ.

މި ފަހަކާ ޖެހެންދެން އަރަބި އެންމެ ދެގައުމުން ފިޔަވައި، އަރަބި އަދި އިސްލާމީ އެއްވެސް ގައުމަކުން އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލެއް ނުކުރެއެވެ.

އިސްރާއީލަކީ ދައުލަތެއް ކަމަށް ގަބޫލުކޮށް އިސްރާއީލާ އެންމެ ފުރަތަމަ ގުޅުން ގާއިމްކުރީ މިސްރާއި އުރުދުނުންނެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހުކޮޅު، ބަދަލުގައި ފައިސާއާއި، ހަތިޔާރާއި، އެނޫންވެސް އެހީތައް ދޭން ވައުދުވެގެން ޔޫއޭއީ، ބަހްރެއިން، އޮމާން އަދި ސޫދާނުންވަނީ އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް ނިންމައި އެކަން ކޮށްފައެވެ.

މިގައުމުތަކުގެ ނިންމުން ފަލަސްތީނުން ސިފަކުރީ، ފަލަސްތީނު ރައްޔިތުންގެ ވޭނާއި ކެކުޅުންތަކަށް "ޣައްދާރުވުން" ކަމަށެވެ.