އެމެރިކާއިން ކުރިއަށް އޮތް ވިހި ދުވަސް ތެރޭގައި އަފްޣާނިސްތާންގެ ބަގްރާމް އެއަރބޭސް ސަރުކާރާ ހަވާލުކުރާނެ ކަމަށް ބުނެއެވެ. ފްރާންސް ނިއުސް އެޖެންސީން ބުނިގޮތުގައި އެމެރިކާއިން ވަނީ އަފްޣާނިސްތާންގެ ޑިފެންސް މިނިސްޓްރީއާވެސް މި މަޢްލޫމާތު ޙިއްސާ ކޮށްފައެވެ.

ވިހި އަހަރު ވަންދެން އެމެރިކާއިން ވަނީ އަފްޣާނިސްތާންގައި ހިންގި އޮޕަރޭޝަން މި މަރުކަޒުން ކުރިއަށް ގެންގޮސްފައެވެ. މި މަރުކަޒަކީ އަފްޣާނިސްތާނަށް އަރައިގަތް ރޫސީވިލާތު ސިފައިން ބިނާ ކުރި މަރުކަޒެކެވެ. އެއަށްފަހު ތާލިބާނުން މިތަން ބަލަހައްޓަމުން ދަނިކޮށް އެމެރިކާ ސިފައިން މިތަން އަތުލީއެވެ.

ބަގްރާމް އެއަރބޭސް ފިޔަވައި އަފްޣާނިސްތާންގައި ދެން ހުރި އެންމެ ބޮޑު އެއަރބޭސްއަކީ ކަންދަހާރް އެއަރބޭސް އެތަންއެވެ. އެމެރިކާ ސިފައިން ވަނީ މިދިޔަ މަހު ކަންދަހާރް އެއަރބޭސް ހުސްކޮށްފައެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިގެން ދިއުމުގެ ތައްޔާރީތައް ވަމުންދާއިރު ތާލިބާނުން ވަނީ އަފްޣާނިސްތާން ސިފައިންނާ ދެކޮޅަށް އިތުރަށް ހަމަލަތައް ވަރުގަދަ ކޮށްފައެވެ. މިދިޔަ ސެޕްޓެމްބަރު މަހު ޤަތަރުގައި ބާއްވާފައިވާ ސުލްހައިގެ ވާހަކަތަކަށްފަހުވެސް ތާލިބާނުން މައިތިރިއެއް ނުވެ އެވެ. ތާލިބާނުން ބޭނުން ވަނީ އެމީހުންގެ ބަސްވިކޭ ގޮތަށް ސަރުކާރު ބައްޓަން ވާށެވެ. އަފްޣާނިސްތާންގެ ރައީސް އަޝްރަފް އަބްދުލް ޣަނީ ވިދާޅުވަނީ ވޯޓް ފޮށިން ރައްޔިތުން ވެރިކަން މަތިކޮށްފައި ނުވާ ބަޔަކާ ވެރިކަން ޙިއްސާ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.