ޗައިނާގެ ދިފާއީ ދާއިރާއާއި ޖާސޫސީ ދާއިރާއާ ގުޅުން ހުރި ކުންފުނިތަކެއް ކަމަށް ފާހަގަކޮށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ރިއާސީ ގަރާރަކުން ޗައިނާގެ ބައެއް ކުންފުނިތަކުގައި އެމެރިކާއިން އިންވެސްޓް ކުރުން މަނާކޮށްފައެވެ.

ބައިޑެންގެ ރިއާސީ ގަރާރުން އަލަށް އެމެރިކާގެ ޚަޒާނާ ބަލަހައްޓާ އިދާރާ ޓްރެޜަރީން ލިސްޓް ކޮށްފައި ވަނީ ޗައިނާގެ 59 ކުންފުންޏެކެވެ. އެންމެ ފަހުން އެމެރިކާއިން މި ގޮތަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގްލޯބަލް ޓައިމްސްއިން ބުނެފައި ވަނީ އެމެރިކާއިން އަޅާ ފިޔަވަޅަކުން މަދިރިއެއް ހެފީހެންވެސް ޗައިނާއަށް އިހުސާސް ނުކުރެވޭނެ ކަމަށެވެ.

އެމެރިކާ އަކީ ޗައިނާގެ ކުންފުނިތަކުގައި އިންވެސްޓް ކުރާ އަދި ޗައިނާގެ ކުންފުނިތައް އެމެރިކާގެ ހިއްސާގެ ބާޒާރުގައި ހިމަނައިގެން ވިޔަފާރި މަސްލަހަތު މައްސުނި ކޮށްފައިވާ ގައުމެކެވެ.

ކޮވިޑް19 ވައިރަސްއަކީވެސް އެމެރިކާގެ ވައިރޮލޮޖިސްޓް ޕީޓަރ ޑާޒާކް ގެ ނިއުޔޯރކްގެ އީކޯ ހެލްތު ލެބަށް އެމެރިކާ ސަރުކާރުން ދިން ކޮންޓްރެކްޓް، އެކުންފުނިން ވޫހާން ލެބަށް ފަންޑުކޮށްގެން އިންސާނާގެ ފުއްޕާމޭގެ ޓިޝޫގައި ތައްލަވާ ގޮތަށް ވައިރަސްއަށް ބަދަލުގެނައުމަށް ކުރި ދިރާސާގެ ނަތީޖާއެކެވެ. (ޑަބްލިއުއެޗްއޯގެ ރިޕޯޓްވެސް ވަކި ނަތީޖާއަކަށް ނައައިސް ނިމިފައި ވަނީ ވޫހާނަށް ދިޔަ ޑަބްލިއުއެޗްއޯގެ ކޮމިޝަންގައި ޕީޓާ ޑާޒާކް ހިމެނުމުންނެވެ.)

ޕީޓާ ޑާޒާކް

ބައިޑެންގެ ގަރާރުގައި ބުނެފައިވަނީ ޗައިނާގެ ފާރަވެރި ޓެކްނޮލޮޖީތަކުން މީހުންނަށް ފާރަވެރިވެ، ހެދުމުގެ ސަބަބުން މީހުންގެ އިންސާނީ ހައްގުތައް ނިގުޅައި ގަނެވޭކަމަށެވެ.

ޗައިނާގެ ފާރަވެރި ޓެކްނޮލޮޖީކަމަށް އެމެރިކާ ބުނާ ޓެކްނޮލޮޖީއަކީ ޚުދު އެމެރިކާއިންވެސް ކަޅު ނަސްލަށް ފާރަވެރިވުމަށް ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ.

މި މިހަފްތާގައި ނިއުޔޯރކް ޕޯސްޓުން ވަނީ އެމްނެސްޓީ އިންޓަނޭޝަނަލްއާ ޙަވާލާދީ، ނިއު ޔޯރކް ފުލުހުން އެ ސިޓީގެ ފަސް އަވަށުގެ ތެރޭން އާދައިގެ މީހުން ދިރިއުޅޭ ތިން އަވަށެއްގައި މީހާގެ މޫނު ދަނެގަނެ، އޭނާއަށް ފާރަވެރިވާ ޓެކްނޮލޮޖީ ބޭނުންކުރާ ހާހަކަށް ވުރެން ގިނަ ކެމެރާ ބޭނުން ކުރަމުންދާ ކަމަށް ރިޕޯޓްކޮށްފައެވެ. މިއީ ޗައިނާއިން ޝިންޖިއާންގައި މުސްލިމުންނާ ދެކޮޅަށް ބޭނުން ކުރާކަމަށް އެމެރިކާއިން ތުހުމަތުކުރާ ޓެކްނޮލޮޖީއެވެ.

އެމެރިކާއިން އެންމެފަހުން ލިސްޓްކޮށްފައިވާ ޗައިނާ ބައެއް ކުންފުނިތަކަކީ ޗައިނާ އެވިއޭޝަންގައި އުޅޭ ކުންފުނިތަކާއި ރާއްޖޭގައި ވިއްކާ ސެކިއުރިޓީ ކެމެރާ އުފައްދާ ހައިކްވިޜަން ކެމެރާ އުފައްދާ ހެންގްޒޫ ހައިކްވިޜަން ޑިޖިޓަލް ޓެކްނޮލޮޖީއާއި ވާވޭއާއި ޗައިނާގެ އަމިއްލައަށް ޗިޕް އުފައްދާ ސްމިކްއާއި ޗައިނާ ނޭޝަނަލް އޮފްޝޯ އޮއިލް ކޯޕަރޭޝަންއާއި ޗައިނާ މޮބައިލް ކޮމިއުނިކޭޝަން ގްރޫޕްއެވެ.

ޗައިނާއަށް މިދެއަހަރެއްހާ ދުވަސް ތެރޭގައި ކޮމްޕިއުޓަރ ޗިޕް ހޯދުން ވަނީ ވޭންދެނިވި ކަމަށް ވެފައެވެ. މިއާއެކު ސްމިކްއަށް އެމެރިކާއިން މި އެޅި ދަތިކުރުމުގެ ސަބަބުން އެގައުމުގެ އިލެކްޓްރޯނިކް ދާއިރާއަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ.

މިއިން ބައެއް ކުންފުނިތައް އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާނެ ތީ އިންވެސްޓަރުންނަށް ހިއްސާތައް ދޫކޮށްލަން 365 ދުވަސް ލިބޭނެއެވެ. ޗައިނާގެ ބައެއް ކުންފުނިތަކުން ބުނީ ބައިޑެންގެ ފިޔަވަޅުތަކުން ހާހެއް ނެތް ކަމަށެވެ. ހުކުރުދުވަހުވެސް ބައެއް ކުންފުނިތަކުގެ ހިއްސާގެ އަގުތައް އުޅުނީ މަތީ ގައެވެ.