ހަމަނުޖެހުން އުފައްދަން އުޅުނުކަމުގެ ތުހުމަތުގައި އިންޑިއާގައި އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ. ބުރާސްފަތި ދުވަހު މަތީ ކޯޓުން ކުރި ޙުކުމަކީ، އިންޑިއާގައި ހަނިވަމުންދާ ޚިޔާލުފާޅުކުރުގެ ހައްގަށް ލިބިގެން ދިޔަ އައު ދިރުމެކެވެ.

ތަޖުރިބާކާރު ނޫސްވެރިޔާ ވިނޯދު ދުއާގެ މައްސަލާގައި ކޮށްފައިވާ ޙުކުމަކީ، ހިމާޗަލް ޕްރަދޭޝްގެ ފުލުހުން، ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްގެން ގެން ގުޅުނު މައްސަލާގައި ކޮށްފައިވާ ޙުކުމެކެވެ.

އިންޑިއާގައި މިދިޔަ އަހަރު ކޮވިޑް19ގެ ފުރަ ބަންދުގެ ތެރޭގައި ހާލުގައި ޖެހުނު ބޭރު ސްޓޭޓްތަކުން އެހެން ސްޓޭޓްތަކަށް ވަދެފައިވާ މީހުންގެ ހާލަތު އާންމުންގެ ސަމާލުކަމަށް ގެނައުމަށް، ވިނޯދު ދުއާ ވީޑިއޯ ޑޮކިއުމެންޓްރީއެއް ތައްޔާރު ކުރިއެވެ. ފުލުހުން، މި ޑޮކިއުމެންތްރީއާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ޑިޒާސްޓަރ މެނޭޖްމަންޓްގެ ގާނޫނާއި އިންޑިއާގެ ގާނޫނުލްއުގޫބާތުގެ ދަށުން ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތުގައެވެ.

ސުޕްރީމް ކޯޓުން 117 ސަފްޙާގެ ޙުކުމްގައި ދުއާގެ ޑޮކިއުމެންޓްރީ ބަލާފައި ބުނެފައި ވަނީ އެ ވީޑިއޯ ޑޮކިއުމެންޓްރީގައި ހަމަނުޖެހުން އުފެއްދުމަށް ގޮވާލާފަދަ އެއްވެސް ކަމެއް ފެންނާން ނެތް ކަމަށެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން 1962 ގައި ކޮށްފައިވާ ޙުކުމަކާ ޙަވާލާ ދީ މި ޙުކްމްގައި ބުނެފައި ވަނީ ސަރުކާރުގެ އަމަލަކާ ގުޅޭ ގޮތުން ފާޑުކިޔައި، ގޮތް ކިޔައި ހެދުމަކީ ގައުމުގެ ކޮންމެ ރައްޔިތަކަށް ލިބިގެންވާ މިނިވަން ހައްގެއް ކަމަށެވެ. އެހެންވެ، ސަރުކާރަށް ނުވަތަ ވެރިކަން ކުރާ ފަރާތްތަކަށް ނުވަތަ ސަރުކާރުގެ މަސްއޫލުވެރިންނަށް ފާޑުކިޔައިގެން އެއްވެސް މީހަކު ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ. އަދި ކޮންމެ ނޫސްވެރިއަކަށްވެސް އޭނާގެ ވަޒީފާއަދާ ކުރުމުގެ މިނިވަންކަން އޮތް ކަމަށާއި އޭނާ ފާޅު ކުރާ ޚިޔާލަކަށް ހަމަނުޖެހުން އުފެއްދުމުގެ ތުހުމަތުގައި ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ.

މި ޙުކުމްގައި ވިނޯދް ދުއާގެ ވަކީލުން ގެ އެދުކަމަށް ޝަރީއަތުން އިޖާބަ ދީފައެއް ނުވެއެވެ. އެހެންވެ، މަތީ ކޯޓުން ވަނީ ނޫސްވެރިންނާއި ޑޮކްޓަރުން ތަފާތުކޮށްފައެވެ. ދުއާގެ ވަކީލުން ބޭނުންވީ ނޫސްވެރިން ތަހުގީގަކާ ނުލައި ހައްޔަރު ނުކުރެވޭނެކަމަށް ކޯޓުން ބުނެދިނުމަށެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމެއްގައި ބުނެފައިވަނީ ޑޮކްޓަރެއް އޭނާގެ ސިއްޙީ ފަރުވާގެ ޒިންމާ އަދާކުރުމުގައި އިހުމާލު ވެއްޖެނަމަ، އޭނާ ހައްޔަރު ކުރެވޭނީ އޭނާގެ މައްސަލަ ތަހުގީގު ކުރުމުގެ ގާބިލްކަން ގާނޫނުން މަތިކޮށްފައިވާ އިދާރާއަކުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހުގައެވެ.