ހދ. ވައިކަރަދޫގެ ކަނޑޫފަލުން ކަނޑޫގަސް ކެނޑުމާއި ކަނޑޫ ހޮވުން މަނާކޮށްފިއެވެ.

މިކަން އިއުލާނުކޮށް ވައިކަރަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް ކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑާކަން ފާހަގަކުރެވިފައިވާ ކަމަށާ ދުވަސްވަރަކީ ކަނޑޫފަލުން އަދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ކަނޑޫގަސް މަރުވަމުންދާ ދުވަސްވަރެއް ކަމުން މިފަދަ ދުވަސް ވަރެއްގައި ރޯ ނުވަތަ ހިކި ކަނޑޫ ގަސް ވިޔަސް ކެނޑުމަކީ އެކަމުގެ ސަބަބުން، 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ބެލެވޭ ކަނޑޫ ފަލަށް ލިބިގެންދާނެ އިތުރު ގެއްލުމެއް ކަމަށެވެ.

އެހެންކަމުން 11 އޮކްޓޯބަރ 2020 ވަނަ ދުވަހުން ފެށިގެން، ވަކިގޮތެއް އަންގަންދެން، ކައުންސިލްގެ ހުއްދަނެތި ކަނޑޫފަލުން އެއްވެސް ބާވަތެއްގެ ގަހެއް ކެނޑުމާއި، ކަނޑޫ ހޮވުމަކީ މަނާކަމެއް ކަމަށް ކައުންސިލުން ބުނެއެވެ.

ތިލަދުންމަތީ ރަށްތަކުގެ ކަނޑޫފާތަކުގެ ބައެއް ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ގަސް މަރުވެ ނެތި ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އިވާއިރު، ވައިކަރަދޫ ކަނޑޫފަލުގެ 75 އިންސައްތަ ވަނީ މަރުވެފައި ކަމަށް އީޕީއޭއިން ބުނެއެވެ.

މި މައްސަލަ މިހާރު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ސަމާލު ކަމަށް ގެނެސްފައިވާއިރު، ކަނޑޫފާތަކަށް ދިމާވާ މައްސަލަތައް ހޯދުމުގެ މަސައްކަތް އީޕީއޭއިން ވަނީ ފަށާފައެވެ.