ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ ތިން މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 17 ނަން ދިރާސާ ކުރުމަށްފަހު 7 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

އެ މަގާމަށް ކޮމިޓީން ރުހުންދިން ފަރާތްތަކުގެ ތެރޭގައި ހައިލީ ރިކޮމެންޑެޑްގެ ގޮތުގައި ދެ ނަމެއް ވަނީ ފާހަގަކޮށްފައެވެ. އެއީ އާމިނަތު ޝާދިޔާ އަދި އާމިނަތު ޝިއުނާގެ ނަމެވެ. އަދި ރިކޮމެންޑެޑް ގޮތުގައިވެސް ދެ ނަމެއް ފާހަގަކޮށްފައިވެއެވެ. އެއީ އަލީ މުހައްމަދު މަނިކާއި ޝުއައިބް އަބްދުއްރަހްމާންގެ ނަން ހިމެނެއެވެ. ދެން މި ލިސްޓުގައި ހިމެނެނީ ޑރ. އިބްރާހިމް ޝިޔާމް އާއި ހަދީޖާ ނައީމްގެ ނަމުގެ އިތުރުން އަލީ ނިޒާމްގެ ނަމެވެ.

އެންއައިސީން ތިން މަގާމެއް ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެމްބަރުން ކަމަށްވާ ކޮމިޝަންގެ ނައިބް ރައީސް ހައްސާން ހަމީދު، މެމްބަރު ހަދީޖާ އަބްދުﷲ ގެ އިތުރުން ކޮމިޝަންގެ މެމްބަރު އަހުމަދު އަމީން އިސްތިއުފާ ދެއްވުމުންނެވެ.

މި މެމްބަރުން އިސްތިއުފާދެއްވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މި ތިން މެމްބަރުންގެ އިތުރުން އެ ކޮމިޝަންގެ ރައިސް އަހްމަދު ސުލައިމާނު ވަކި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާއެރުވުމަށް ނިންމާފައި ވަނިކޮށެވެ.