ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ މޮޑާނާ ވެކްސިން އަދި ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ދީފި އެވެ.
އެމްއެފްޑީއޭ އިން ބުނީ ސްޕެއިންގެ މޮޑާނާ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަންގައި ދީފައިވާ ކަމަށެވެ. އެ ވެކްސިނަށް މިއަދު ހުއްދަ ދިނީ އުމުރުން 18 އަހަރުން މައްޗަށެވެ.
މޮޑާނާ ބަޔޯޓެކް ސްޕެއިންގައި އުފައްދާ އެ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމެނިފައިވާ އަދި 49 ގައުމެއްގައި އިމަޖެންސީ ޔޫސް އެޕްރޫވަލް ލިބި ބޭނުން ކުރަމުންދާ ވެކްސިނެއް ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ. އޭގެ ތެރޭ އެމެރިކާ އާއި ކެނެޑާ، ސްވިޒަލޭންޑް އަދި އީޔޫގެ ގައުމުތައް ހިމެނޭ ކަމަށްވެސް އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ މޮޑާނާ ވެކްސިނަކީ 25- ޑިގްރީ އާއި 15- ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނެއްގައި ބަލަހައްޓަން ޖެހޭ ވެކްސިނެއް ކަމަށެވެ. އަދި އެ ވެކްސިން އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ވެކްސިން އެތެރެކުރުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ވެކްސިން އެތެރެކުރުމަށްފަހު އަދި އެ ހިފާގެންގުޅުމުގެ ހުރިހާ މަރުހަލާއެއްގައިވެސް ކޯލްޑް ޗެއިން ބެލެހެއްޓުމަށް ޝަރުތުކޮށްފައި ކަމަށް ބުންޏެވެ.