އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވުމުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ޝާހިދު މި އިންތިހާބު ކާމިޔާބު ކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލް އާއި ވާދަކޮށެވެ.
އެގޮތުން ރޭ ބޭއްވި އިންތިހާބުގައި ޝާހިދު އިންތިހާބު ކާމިޔާބު ކުރެއްވީ 143 ވޯޓާއެކުއެވެ. ޑރ.ރަލްމައި ރަސޫލް އަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.
އެމްޑީޕީން ބުނީ މި ކާމިޔާބަކީ މިނިސްޓަރ ޝާހިދަށާއި، ދިވެހި ސަރުކާރަށާއި، ޕާޓީއަށާއި، އަދި މުޅި ދިވެހިރާއްޖެއަށް ލިބިގެންދިއަ ބޮޑު ޝަރަފަކާއި ޢިއްޒަތެއް ކަމަށެވެ. އަދި މިއީ ދުނިޔޭގެ މިހާ އިސް މަޤާމެއް ފުރުމަށް ރާއްޖޭގެ ރައްޔިތަކު އިންތިޚާބުކުރެވުނު ފުރަތަމަ ފަހަރުކަން އެޕާޓީން ވަނީ ފާހަގަކޮށްފަ އެވެ.
އެމްޑީޕީން ބުނީ މިނިސްޓަރ ޝާހިދަކީ ޚާރިޖީ ދާއިރާގައާއި ސިޔާސީ ދާއިރާގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކުރެއްވި ތަޖްރިބާކާރެއް ކަމަށެވެ. އަދި އެމަނިކުފާނު މި ފަހަރު ހޮވިވަޑައިގެންފައިވާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ ޙައިޞިއްޔަތުން ދިވެހިރާއްޖެއާ ގުޅުންހުރި ކަންކަމުގައާއި މުޅި ދުނިއެއަށް ފައިދާވަނިވި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އެޕާޓީން ބުންޏެވެ.
އެމްޑީޕީން ވަނީ މިނިސްޓަރ ޝާހިދުގެ މަސައްކަތްޕުޅުތަކަކީ ކާމިޔާބު މަސައްކަތްޕުޅުތަކަކަށްވުމަށް އެދޭކަމަށް ބުނެފަ އެވެ.