އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުންހުރި 7،000އަށްވުރެ ގިނަ މެސެޖު ލިބިވަޑައިގެންފައި ވާކަމަށާ އެމެސެޖްތައް ޢާންމުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި މެމްބަރުން ދެއްކި ވާހަކަތަކާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނުހައްޤު މުއްސަދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި ޤާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާޙުގެބިލުގެ ބަޙުސްގެ މަރުޙަލާގައި ގިނަ މެމްބަރުންތަކެއް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރަނީ ކުދި ކުދި މައްސަލަތައް ކަމަށާއި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ފަދަ ބޮޑެތި މައްސަލަތައް ކުރިއަށް ނުގެންދެވޭކަމަށް ބުނެ، މެމްބަރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.

މި ގޮތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެންޓިކޮރަޕްޝަން ކޮމިޝަން ވަރަށް ނާގާބިލް ކަމަށާ އަދި އޭސީސީއަށް ތަހުގީގުތައް ފުރިހަމަ ނުކުރެވިގެން އުޅެނީ ގާނޫނުލްއުގޫބާތުގައި ވަކި ކުށެއް ނުހިމެނިގެން ނޫން ކަމަށެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ވެރިކަމާއި، މަޖިލީހުގެ ސާފު އަގުލަބިއްޔަތު ލިބިފައިވީ ނަމަވެސް، ބޮޑު ހިޔާނާތުގައި ރައްޔިތުންނަށް އިންސާފު ހޯދައި ނުދެވިގެން އުޅޭ އިރު ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދައްކަން މިހާރު ލަދުގަންނަ ކަމަށެވެ.

މިވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތުކުރެވޭ މީހުން ވަރަށް ސާފުކޮށް އެނގެންއޮތް އިރު، އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ފުލުހުން ވެސް ޕްރޮސެކިޔުޓާ ޖެނެރަލް ވެސް އެއްވެސް ދައުވާއެއް ނުއުފުލާ ތިއްބަވާ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

އަދި ކުރީގެ ނައިބްރައީސް އަދީބްގެ ފޯނާއި ކުރީގެ ނައިބުރައީސް އަދީބް އެކި ފަރާތްތަކާ ކޮށްފައިވާ މުއާމަލާތްތައް ހިމެނޭހެން 70،000 ޓެކްސް މެސެޖް އޭސީސީއަށް ހުށަހަޅާފައިވާނެ ކަމަށާއި މެސެޖްތައް އާންމުކުރައްވާނެ ކަަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ކުރިގެ ނައިބު ރައީސް އަހުމަދު އަދީބްވަނީ ދައުލަތުން އުފުލާފައިވަ ހިޔާނާތުގެ ހަތް ދައުވާ އަށް އިއުތިރާފްވެ ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ. އަދި މި ސަރުކާރަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ގާބިލްކަން ލިބިފައިވާ ކަމަށާ އެ ހިޔާނާތުގެ ބައެއް ވާހަކަ ތަކަކީ އޭނާ ހާމަ ނުކޮށްފިނަމަ ނޭނގޭނެ ވާހަކަތައް ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލަނީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ. އެ ދައުވާތައް އަދީބުގެ މައްޗަށް ސާބިތުވެ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 20 އަހަރަށް ޖަލަށް ލާން މިހާރު ވަނީ ހުކުމްކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވާ ކަމަށް ތަހުޤީގަށް ވަނީ ހާމަވެފައެވެ. އަދި މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނޭ ކަަމަށް އެ މައްސަލަ ތަހުޤީގު ކުރާ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ޝަރީއަތް ހިންގައި ހުކުމްކުރެވިފައިވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ މައްޗަށް އެކަނި ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުން ވަނީ ބުނެފައެވެ.