ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު އިސްލާހު ކުރަން (ބަރުލަމާނީއަށް) ބޭނުންވާ ކަމަށާއި، ނަމަވެސް މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެންވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް، ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅިގެންނެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާނަން ވެރިކަމުގެ ނިޒާމަށް އިސްލާހެއް ގެނައުމަކީ އިއްޒަތްތެރި މެންބަރުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދައްކާ ވާހަކައެއްކަން، އެހެން ނަމަވެސް އެއްގޮތަކަށްވެސް އޮޅޭކަށް އަޅުގަނޑެއް ނޭދެން މީޔަކީއެއް، ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައި އެވަނީއަކީއެއް ކުޑަކޮށްވެސް އެ ބާވަތުގެ އިސްލާހެއް ނޫން އަދި އެމަގަށް ދިއުމަށް ބަހުސެއް ފަށަން ވީ ވަގުތެއް ކަމަށްވެސް އަޅުގަނޑު ނުދެކެން މިވަގުތަކީއެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަތްވަނީ ބަނދެވިފައި ކަމަށާ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން އެމަނިކުފާނު އަމަލުކުރަންޖެހޭ ކަމަށާއި އެހެން ކަމުން ބިލް ކިޔުމާ އިބްތިދާއީ ބަހުސެއް ހިނގާނެ ކަމަށާ ބިލާމެދު ގޮތެއް ނިންމަވާނީ މެމްބަރުން ކަމަށެވެ.
"ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެކަމެއް ކަމަށް ނުވާތީ އާއި އަދި ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެގެންދާނެތީ އާއި ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހެއް ވެސް އޮންނާނެތީ އާއި ގާނޫނުއަސާސީއަށް މިދެންނެވި އިސްލާހު ގެނައުމަކީ ގާނޫނުއަސާސީ އާއި ތައާރަޒުވާނެ ކަމަށް ނުބެލެވޭ،" ބިލުުގައި ބުނެފައި ވެއެވެ.