ދިވެހިރާއްޖެއަކީ ޤުދުރަތީ ހުރިހާ ރީތިކަމެއް ލިބިފައިވާ ޤައުމަކަށްވެފައި ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ތަނެއް ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަރވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ގުޅިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން ނެވެ.

ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހިންގޭ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަސައްކަތް ހަރުދަނާކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވާ އެންވަޔަރްމެންޓް މިނިސްޓަރ ވިދާޅުވީ ހިމާޔަތްކުރެވޭ ތަންތަނުގެ ތެރޭގައި، މަޝްހޫރު ޑައިވް ސައިޓްތަކާއި، ކުޅި، ފާ، ޗަސްބިންތަކާއި ކަނޑޫފާ އަދި ޝިޕްރެކްތަކާއި ފިނޮޅުތައް ހިމެނޭ ކަމަށެވެ. އަދި ބ. އަތޮޅުގައި އޮންނަ ހަނިފަރު ބޭ އާއި އަރިއަތޮޅުގައި ހުންނަ ސައުތް އަރި މެރިން ޕާކަކީ އެ ތަންތަނަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި މަޤުބޫލު ތަންތަން ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފި އެވެ.

މިނިސްޓަރ ވިދާޅުވީ ހިމާޔަތްކޮށްފައިވާ ބައެއް ތަންތަނުގައި ވިޒިޓަރ ސެންޓަރތަކާއި އެ ޕާކުތައް މެނޭޖުކުރަން ޚާއްޞަ މުވައްޒަފުން ތިބޭނެ ކަމަށާއި މިހާތަނަށް ހިމާޔަތްކޮށްފައިވާ 73 ސަރަޙައްދާއި ކުރިއަށްއޮތްތަނުގައި ހިމާޔަތްކުރެވިގެންދާނެ ސަރަޙައްދުތައް މެނޭޖުކުރަން ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ.

"ބ. އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ އަކީ ތަނެއް ހިމާޔަތްކުރެވި، އަދި މެނޭޖްކޮށް އަދި އޭގެއިން އިޤްތިޞާދީ ގޮތުން ފައިދާ ލިބޭނެކަން ދައްކުވައިދޭ ތަންތަން. 2025 އަންނަން ވާއިރަށް ކޮންމެ އަތޮޅެއްގެ ފަރުތަކުގެ 10 އިންސައްތައާއި، ކަނޑޫ، ފާ ޗަސްބިންތަކުގެ 20 އިންސައްތަ އަދި ކޮންމެ އަތޮޅަކުން ފިނޮޅަކާއި މީހުން ދިރިނޫޅޭ އެއް ރަށް ހިމާޔަތްކުރުމަށް ސްޓްރޭޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައިވާނެ." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ހިމާޔަތްކުރެވޭ ތަންތަނަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ޤުދުރަތީގޮތުން މުއްސަނދި ތަންތަން ކަމަށާއި މިތަންތަން ރައްކާތެރިކޮށް ބަލަހައްޓާ ދެން އަންނަން އޮތް ޖީލަށްވެސް މިތަންތަން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ހިމާޔަތްކުރެވިފައިވާ ތަންތަނަކީ އެ ތަންތަނުގައި އުޅޭ ރައްޔިތުންނަށް އިޤްތިޞާދީ މަންފާ ލިބޭނެ ތަންތަން ކަމުގައި ހެދުމަށްޓަކައި، އީކޯޓޫރިޒަމް ފެސިލިޓީތަކާއި، ގައިޑްލަންތައް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިމަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ކައުންސިލްތަކާއި ހިމާޔަތްކުރެވިފައިވާ ސަރަޙައްދު ބެލެހެއްޓުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުންނާއި ޖަމްޢިއްޔާތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ވަނީ ބައިވެރިވެފައެވެ.