ޕާކިސްތާން ބޮޑު ވަޒީރު އިމްރާން ޚާން އަންހެނުން ރޭޕް ކުރުމާ ބެހޭ ގޮތުން އެޗްބީއޯއަށް ދެއްވި އިންޓަރވިއުއަށް ޕާކިސްތާން ސިވިލް ސޮސައިޓީން ފާޑު ކިޔައިފިއެވެ. ޕާކިސްތާންގައި އަންހެނުންގެ އިއްފަތް ފޭރިގަތުމުގެ މައްސަލަތައް ގިނަ ކަމަށާއި އަދި އެކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި އެކަމަށް އޮތް ހައްލަކީ ގާނޫނުތައް ފާސްކުރުން ކަމުގައި ޚާން ވިދާޅުވިއެވެ. ކުރިން ޚާން ވިދާޅުވެފައިވާ ވާހަކައަށް އިޝާރާތް ކުރަމުން އިންޓަރވިއުކުރި މީހާ މިފަދައިން ސުއާލު ދެންނެވިއެވެ.

"ފިރިހެނުންގެ ހިތް ކިޔުމުން ދުރުހެލިވުމަށް އަންހެނުން ބުރުގާ އަޅަން ޖެހޭ ކަމަށާއި ކޮންމެ ފިރިހެނަކީ، އަމިއްލަ ނަފްސަށް އެހާ ބޮޑު ކޮންޓްރޯލެއް އޮންނަ މީހެއް ނޫން ކަމުގައި ވިދާޅުވީމެއް ނޫންތޯ؟ އަދި ފާޙިޝް ކަންތައްތައް ގިނަ ވުމަކީވެސް ސަބަބެއް ކަމަށާއި އަދި ރޭޕްގެ ޝިކާރައަކަށްވާ މީހާ ބަދުނާމު ކުރެއްވިކަމަށްވެސް މީހުން ދެކޭ. މިވާހަކައަށް ވިދާޅުވާނީ ކީކޭތޯ؟

މި ސުއާލަށް އިމްރާން ޚާން ޖަވާބުދެއްވިއެވެ. "އެއީ ބޭކާރު ވާހަކައެއް. އަޅުގަނޑު ބުރުގާއެކޭ ދުވަހަކުވެސް ނުބުނަން. އަޅުގަނޑު ބުނީ މޫނު ނިވާކުރާ ޕަރުދާއާ ބެހޭ ގޮތުން އެއީ، ރަނގަޅު ކަމެކޭ. ޕަރްދާ އަޅައި މޫނު ނިވާކުރުމުން މީހުންގެ ހިތް ކިޔުމުން ސަލާމަތް ވާނެއޭ. އަޅުގަނޑުމެންގެ މި ގައުމުގައި ޑިސްކޯތަކެއް ނުހުރޭ، ނައިޓް ކްލަބްތަކެއް ނުހުރޭ. މިއީ މުޅިންވެސް ތަފާތު މުޖުތަމައެއް. މިތާގެ ދިރިއުޅުންވެސް ތަފާތު. މުޖުތަމައުގައި މީހުން ހިތްކިޔާ ގޮތަށް ކަންކަން އޮންނަނަމަ، މިހިރަ އުޅޭ ފިރިހެން ސޮރުންތައް ދާނެ ތަނެއް ނޯންނާނެ. އޭގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރު ކުރާނެ."

"އަންހެނަކު ކުރުކޮށް ހެދުން އަޅާނަމަ، އެއިން ނަތީޖާއެއް ނިކުންނާނެ. އެއިން ފިރިހެނުންނަށް އަސަރު ކުރާނެ. އެމީހުން އެއީ ރޮބޮޓުންތަކެއް ނަމަ އަސަރެއް ނުކޮށްފާނެ. އަޅުގަނޑު މިދަންނަވަނީ މިއީ ހަމަ ބުއްދިއަށް ވިސްނެން ހުންނަ ވާހަކަތަކެއް" ޚާން ވިދާޅުވިއެވެ.

އިންޓަރވިއު ކުރި މީހާ، އިމްރާން ޚާން ކްރިކެޓް ކުޅުއްވަން އުޅުއްވި ދުވަސްވަރު ގަމީސް ނުލައި ނަގާފައިވާ ފޮޓޯތަކާއި އެދުވަސްވަރު އޭނާއަކީ ޕްލޭބޯއިއެއް ކަމަށް މީހުން ސިފަކޮށް އުޅުނު ވާހަކަ ދެންނެވުމުން ވިދާޅުވީ "މިއީކީ އަޅުގަނޑާ ބެހޭ ގޮތުން ދައްކާ ވާހަކައެއް ނޫން" ކަމަށެވެ.

ރޭޕްއާއި އަންހެނުންނާ ބެހޭ ގޮތުން އިމްރާން ޚާން، ވާހަކަ ދައްކަވައިފިނަމަ، ޕާކިސްތާން މީހުން އެއާދެކޮޅަށް މީސްމީޑިއާގައި އުތުރިއަރައެވެ.

ޕާކިސްތާންގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ބޮޑުވަޒީރުގެ ވާހަކަފުޅަކީ ވަރަށް ޒިންމާދާރު ކުޑަކޮށް ވިދާޅުވެފައިވާ ވާހަފުޅުތަކެއް ކަމަށެވެ.

ބައެއް ނޫސްވެރިން ބުނެފައި ވަނީ ޚާންގެ ވާހަކަފުޅުތަކަކީ ވަރަށް ފޫހި ތާކުންތާކު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. އަދި އެހެން ނޫސްވެރިއަކު ބުނެފައިވަނީ ޕާކިސްތާންގައި ރޭޕްކޮށްފައިވާ ކޮންމެ އަންހެނަކުވެސް އެ ޖަރީމާގެ ޝިކާރައަކަށްވި އިރު ލައިގެން ހުރީ ޚާން އެ ވިދާޅުވާ ފަދަ ނިވާކަން ބޮޑު ހެދުމެއް ކަމަށެވެ.