ޓައިވާންގެ ތާރީޚީ ފަސްމަންޒަރު:

ޗައިނާގެ ނުފޫޒުން ކޮރެއާ މިނިވަން ކުރުމަށް ޖަޕާނުން ފެށި ހަނގުރާމައިގައި ޗައިނާގެ ޝާހީ ޗިންގ ރަސްކަމަށް ބޮޑެތި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. ޖަޕާނަށް ބަދަލު ދޭން ޖެހުމުގެ އިތުރުން ބިމުގެ ސަރަހައްދުން ބޮޑު ބައެއްވެސް ޗައިނާއަށް ގެއްލިގެން ދިޔައެވެ. 17 އެޕްރީލް 1895ގައި ޖަޕާނާއި ޗައިނާއާ ދެމެދު ސޮއިކުރެވުނު ޝިމޯނޯސެކީ ސުލްހައިގެ މުއާހަދާގެ ދަށުން ޓައިވާން ޗައިނާއާ ޙަވާލު ކުރެވުނެވެ. މި މުއާހަދާއާ ޚިލާފަށް ޖަޕާނާ ދެކޮޅަށް ޓައިވާން ޖަޒީރާގައި، ހަނގުރާމަ ކުރަން ނިކުތް މީހުންނާ ދެކޮޅަށް ލަޝްކަރެއް ފޮނުވައިގެން ޖަޕާނުން އެމީހުންވެސް ބަލި ކުރިއެވެ.

ޗައިނާއިން އެއް ޗައިނާގެ ސިޔާސަތަށް ބާރުއަޅައި ވާހަކަ ދައްކާއިރު، ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ދައްކަނީ ޝިމޯނޯސެކީ މުއާހަދާގެ ވާހަކައެވެ. ހުޅަނގުން މިއަދާ ހަމައަށް ބަލާފައި ވަނީ މި މުއާހަދާއަކީ ސައްހަ މުއާހަދާއެއް ކަމަށެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުން އެމެރިކާއަށް އަމާން ދިނުމުން، ޓައިވާންގައި ރިޕަބްލިކް އޮފް ޗައިނާ ގާއިމްވެގެން ދިޔައީއެވެ.

**********

ޓައިވާނާ މެދު އެމެރިކާ އިން ގެންގުޅޭ ސިޔާސަތަށް ބަދަލު ގެނައުމުން ޗައިނާއަށް ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. އެމެރިކާއާއި ޗައިނާގެ ގުޅުން ބަދަހިކޮށް އިރު، އެމެރިކާއިން ޓައިވާނާއެކު ބާއްވަމުން ގެންދިޔައީ ނުސީދާ ގުޅުމެކެވެ. މިހާރު ޖޯ ބައިޑެންގެ ސަރުކާރުން ވަނީ ސީދާ ގުޅުމަކާ ދިމާއަށް މިސްރާބު ޖަހައިފައިވާކަން ދައްކަން މަސައްކަތް ފަށާފައެވެ. ޗައިނާއިން ބާރުއަޅަނީ ޓައިވާން އެކަހެރިކޮށް ބާއްވާށެވެ.

މިމަހުގެ 10ގައި ވޮޝިންޓަންއާއި ޓައިޕެއިއާ ދެމެދު ބާއްވާފައިވާ ވަރޗުއަލް މީޓިންގ ނުވަތަ މަޖާޒީ ބައްދަލުވުމުގައި އެމެރިކާއިން ވަނީ ބަދަހި އިގްތިސާދީ ގުޅުމެއް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ޓައިޕެއިއަށް ދީފައެވެ.

އެމެރިކާއަށް ޓައިވާން މުހިންމު ބައިވެރިއަކަށް ވަނީ ޓައިވާނަކީ ދުނިޔޭގެ ސަޕްލައި ޗެއިންގައި މުހިންމު ދައުރެއް އަދާ ކުރާ ގައުމަކަށް ވާތީއެވެ. ދުނިޔޭގެ އިލެކްތްރޯނިކް ޗިޕް އުފެއްދުމުގެ މައި މަރުކަޒެވެ.

އެމެރިކާ ގަދަ ނިދީގައިއާއި މެދުއިރުމަތީގައި ހަނގުރާމައިގައި ގެއްލިފައި ވަނިކޮށް، ޗައިނާއިން ވަނީ ބެލްޓް އެންޑް ރޯޑްގެ ޕްރޮޖެކްޓްތައް ހަދައި ދުނިޔޭގެ ސަޕްލައި ޗެއިންގެ ކޮންޓްރޯލް ނަގާފައެވެ. އެމެރިކާއާއި ބައިވެރިން ބާރު އަޅަމުން ދަނީ ދުނިޔޭގެ ސަޕްލައި ޗެއިން ޑިމޮކްރެޓިކްވާން ޖެހޭނެ ކަމަށެވެ.

ބައިނަލްއަގްވާމީ ސަޕްލައި ޗެއިން ޑިމޮކްރެޓިކް ކޮށް މިނިވަން ކޮށް ބޭއްވުމުގެ މާނައިގައި ހިމެނެނީ، ދުނިޔޭގެ ރޯ މާއްދާތަކާއި އެމާއްދާތައް އުފެއްދުމާއި އެމާއްދާތަކުން އުފައްދާފައިވާ މުދާތައް ސަޕްލައި ކޮށްދިނުމާއި އޭގެ ވިޔަފާރި ކުރުމުގައި އެންމެނަށް ފުރުސަތު އޮންނަ ގޮތަށް ބޭއްވުމެވެ.

ޗައިނާއަކީ ދުނިޔޭގެ ގިނަ ރޯ މާއްދާތަކާއި މައުދަންތައް ނަގާ ގައުމެކެވެ. އަދި މީގެ އިތުރުން ޗައިނާއިން ދަނީ އެފްރިކާއާއި ދެކުނު އެމެރިކާގައި މިފަދަ މާއްދާތައް ނަގާ ތަންތަންވެސް ޗައިނާގެ އަތް ދަށުލަމުންނެވެ. ޖާއިޒް ވިޔަފާރި އެއްގެ ތެރެއިންނެވެ.

ޗައިނާއިން މި މާއްދާތައް އަތް ދަށު ލުމަށްފަހު، ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުގެ ދަށުން ދުނިޔޭގެ ރޯ މާއްދާތައް މިހާރު ވަނީ އަގުހުރި ހަރު މުދަލަކަށް ވެގެން ގޮސްފައެވެ. މޮޅެތި ތިންކް ޓޭކްންތައް ދިރާސާހަދާ އެމެރިކާއަށް މިކަން އިޙުސާސް ކުރެވުނީ މާފަހުންނެވެ.

އެމެރިކާއިން އިންޑިއާ ކަނޑާއި ޕެސިފިކްގައި ޖަޕާނާއި އޮސްޓްރޭލިއާ ބައިވެރިކޮށްފައިވަނީ ސަޕްލައި ޗެއިން ޗައިނާގެ އަތްދަށުން މިނިވަން ކުރުމުގެ މަގްސަދުގައެވެ. މިނިވަންކަމާއެކު މި ދެކަނޑުން ވިޔަފާރި ދަތުރުފަތުރުތައް ކުރުމަށް ފުރުތަސު ހުޅުވާފައި ބޭއްވުމަށެވެ. ޓައިވާނުން ސަޕްލައި ޗެއިންގައި ބައިވެރިކޮށްފިނަމަ އެކަން ވެގެންދާނީ ޗައިނާއަށް ކުރިމަތި ކުރެވޭ ބޮޑު ގޮން ޖެހުމަކަށެވެ.

އެމެރިކާއިން އިންޑިއާއާއި އޮސްޓްރޭލިއާ އަދި ޖަޕާނާއެކު ހަދާފައިވާ ހަތަރު ގައުމު ބައިވެރިވާ ކުއޯޑް، ނުރަސްމީ ޖަމާއަތަށް އިތުރު ބައިވެރިން ވެއްދުމަށް އެމެރިކާ މަސައްކަތް ކުރެއެވެ.

ސަޕްލައި ޗެއިން އާއި ކުއޯޑްގެ ތެރެއަށް ޓައިވާން ވެއްދުމަށް މަސައްކަތް ކުރެވޭ ކަމަށް ބުނެފައި ވަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ޚަބަރު ގެނެސްދޭ ގްލޯބަލް ޓައިމްސްގައި މިދިޔަ އޮކްޓޯބަރުގައެވެ. "ޗައިނާ ރުޅިއަރުވައި ލުމަށް ޓައިވާންގެ މައްސަލަ އެމެރިކާއިން އަބަދުވެސް ކުރިމަތި ކުރެއެވެ." ގްލޯބަލް ޓައިމްސްގައި ލިޔުނެވެ.

ބައިޑެންގެ ސަރުކާރުން ޓައިވާނާ ބެހޭ ރަސްމީ ސިޔާސަތެއް އިޢްލާން ކުރީ މިއަހަރުގެ އެޕްރީލް މަހުގައެވެ.

"ޓައިވާނާއެކު ބަދަހި ނުރަސްމީ ގުޅުމެއް ގާއިމް ކުރުމަށެވެ. އެއީ، ހަރަކާތްތެރި ޑިމޮކްރެސީއެކެވެ. އަދި އިގްތިސާދީ ގޮތުންނާއި ސަލާމަތީ ގޮތުން ބައިވެރިއެކެވެ. އަދި ޓައިވާނަކީ ބައިނަލްއަގްވާމީ މުޖުތަމައަށް އޮތް ލާބައެއްވެސް މެއެވެ." އެމެރިކާގެ ޓައިވާން ޕޮލިސީ ކަރުދާހުގައި ބުނެފައި އޮތެވެ.

އެމެރިކާގެ ޓައިވާން ޕޮލިސީއަކީ ނިކަން މޫސުމީ އެއްޗެކެވެ. ބައެއް ފަހަރަށް ނިކަން ހޫނުވެފައި އަނެއް ބައިފަހަރަށް ނިކަން ވަޅޯ އަދި އަނެއްބައި ފަހަރަށް ތާފަނާ އެއްޗެއްވެސް މެއެވެ.

އެމެރިކާގެ ރައީސް ހެރީ ޓްރޫމަންގެ ވެރިކަމުގައި ޗައިނާއިން ޓައިވާން ހިފާނެހެން ހީވި އިރެއްގައި، 1950ގެ ތެރޭގައި އެމެރިކާގެ މަނަވަރުތައް ފޮނުވިއެވެ.

އެމެރިކާގެ ރައީސް ނިކްސަންގެ ވެރިކަމުގައި 1972ގައި ޓައިވާން އެހެލާފައި، އެމެރިކާއިން ޗައިނާއާ ގުޅުން ބަދަހި ކުރިއެވެ. ޓައިވާން ސިޔާސީ ގޮތުން މުޅި ދުނިޔޭގައި އެކަހެރި ވެގެން ދިޔައެވެ.

ޖިމީ ކާޓަރގެ ވެރިކަމުގައި ޓައިވާނާއެކު އެއްކޮށް ގުޅުން ކަނޑާލާ ހިސާބަށްވެސް ކަންތައް ދިޔައެވެ.

އަނެއްކާވެސް ތައިވާނާ އެއްކޮޅަށް އެމެރިކާގެ ސޭލާ ބަރުވާން ފެށީ 1996 ގައެވެ. ޗައިނާއިން ޓައިވާންގެ ދެ ބަނދަރަކަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލުމުން އެމެރިކާގެ ރައީސް ބިލް ކްލިންޓަން، ޓައިވާން ކަނޑު އޮޅިއަށް އެމެރިކާގެ މަނަވަރުތައް ފޮނުއްވިއެވެ.

އެއަށްފަހު ވަޅޯކޮށް އޮތް ދުވަސްތަކެއް ދިއުމަށްފަހު، ޓްރަމްޕްގެ ސަރުކާރުން ޓައިވާނަށް 10 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް 2019ގައި ނިންމިއެވެ. ޗައިނާއިން ބުނީ މިއީ އެއްޗައިނާ ސިޔާސަތާ ދެކޮޅަށް އެމެރިކާއިން ނިންމި ނިންމުމެއް ކަމަށެވެ. ޓްރަމްޕް ވިއްކަން ނިންމި ތަކެތީގެ ތެރޭގައި އެފް16ގެ މަތިންދާ ބޯޓާއި މިސައިލްއާއި ޓޭންކް ހިމެނެއެވެ.

ބައިޑެންގެ ސަރުކާރުން ވަނީ މި ތަކެތި ވިއްކުމަށް ތާއީދުކޮށް އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑު މިނިވަންކޮށް ހުޅުވިފައި އޮންނަން ވާނެ ކަމަށް ބުނެ ސިޔާސަތެއް ކަނޑައަޅާފައެވެ.

ޗައިނާއަކީ ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުގައި އަސްކަރީ ހަރަކާތްތައް ގިނައިން ހިންގާ ގައުމެކެވެ. ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކަކީ، ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުން ޕެސިފިކް އަދި އިންޑިއާ ކަނޑާ ދެމެދުގައި ހަދާފައިވާ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ބަނދަރުތަކުން ކޮންޓްރޯލް ކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ.

މިދިޔަ މެއި މަހުވެސް ޓައިވާން ކަނޑު އޮޅިއަށް އެމެރިކާއިން މަނަވަރުތައް ފޮނުވިއެވެ. އެމެރިކާގެ މަގްސަދަކީ މިނިވަން ކޮށް ދަތުރުފަތުރުކޮށް އުޅެވިދާނެ ކަމުގެ ޔަގީންކަން ސާބިތުކޮށް ދިނުމެވެ.

ޖޫން މަހު އެމެރިކާގެ ތިން ސެނެޓަރުން ވަނީ އަސްކަތީ މަތިންދާ ބޯޓެއްގައި ތައިވާނަށް ވަޑައިގެންފައެވެ. ޗައިނާ ސިފަ ކުރަނީ މިއަމަލުތަކަކީ ޗައިނާ ރުޅި އެރުވުމަށް ހިންގާ އަމަލުތަކެއް ކަމަށެވެ.