އެމެރިކާގެ މަނަވަރުތަކުން ޓައިވާން ކަނޑު އޮޅީގައި އިއްޔެ ދަތުރުތައް ބާއްވައިފިއެވެ. މިއީ އެމެރިކާގެ ރައީސްކަމަށް ޖޯ ބައިޑެން އިންތިޚާބްވެ ވަޑައިގަތްފަހުން، ޗައިނާއާއި ޓައިވާނާ ދެމެދު އޮންނަ ކަނޑު އޮޅީގައި އެމެރިކާގެ މަނަވަރުތަކުން ބޭއްވި ހަވަނަ ދަތުރެވެ.

ޗައިނާ ސިފައިންގެ ތަރުޖަމާން މިއަދު ބުނެފައި ވަނީ އެމެރިކާގެ މަނަވަރުތަކުން ކުރި ދަތުރު ޗައިނާ ސިފައިން އިއްޔެ ރަނގަޅަށް މޮނީޓާ ކޮށްފައިވާނެ ކަމަށެވެ. ޗައިނާއިން ބުނިގޮތުގައި މިއީ ހަމަނުޖެހުން އުފެއްދުމަށް އެމެރިކާއިން ގެންގުޅޭ ޒަމާންވީ އުކުޅެއް ކަމަށެވެ.

އެމެރިކާއިން އިއްޔެ ބުނިގޮތުގައި ޕެސިފިކް ކަނޑު އެންމެނަށް ދަތުރަށް ހުޅުވިފައި އޮތުމަކީ އެމެރިކާގެ އަމާޒެކެވެ. އަދި ބައިނަލްއަގްވާމީ ގާނޫނު ހުއްދަ ކުރާ ކޮންމެ ތަނެއްގައިވެސް އެމެރިކާގެ މަނަވަރުތަކުން ދަތުރުކޮށް ހަދާނެ ކަމަށެވެ.

ޓައިވާން ކަނޑު އޮޅިއަކީ އެމެރިކާއާއި ޗައިނާއާ ދެމެދު ކުރިމަތިލުން ހިނގާފާނެ ކަމަށް ބެލެވޭ ސަރަހައްދެކެވެ. އެމެރިކާއިން ޓައިވާނާ މެދު ގެންގުޅޭ ސިޔާސަތު ހަރުދަނާ ކަން ދެއްކުމުގެ ގޮތުން އެމެރިކާއިން ވަނީ ޓައިވާނަށް 2.5 މިލިއަން ޑޯޒް ވެކްސިންވެސް ފޮނުވާފައެވެ.

ޓައިވާން ކަނޑު އޮޅިން ހުރަސް ކުރުމަށްފަހު އެމެރިކާގެ މަނަވަރުތަކުން ގޮސްފައި ވަނީ ދެކުނު ޗައިނާ ކަނޑަށެވެ. ދެކުނު ޗައިނާ ކަނޑުގެ ގިރިއާއި ތިލަ ފަޅުތަކަކީ ޗައިނާއިން އަމިއްލަ ތަންތަން ކަމަށް ދައުވާ ކުރާ ތަންތަނެވެ.

މިދިޔަ ހަފްތާގައި ޗައިނާއިން ވަނީ 28 މަތިން ދާބޯޓެއް، ޓައިވާންގެ ސަރަހައްދަށް ވައްދާފައެވެ. މީގެ ތެރޭގައި ނިއުކްލިއަރ މިސައިލް އުފުލާ ވައްތަރުގެ މަތިންދާ ބޯޓެއް ވެސް ހިމެނެއެވެ.