މިސްކިތްތަކުގެ ހުރުމަތް ކަނޑާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މި މައްސަލަ ހުށަހެޅުއްވަމުން ވިދާޅުވީ ކޮވިޑާ ގުޅިގެން ބައެއް މިސްކިތްތައް ބަންދުކޮށްފައި ވަނިކޮށް ބައެއް ފަރާތްތަކުން މިސްކިތުގެ ގަދަރާ ހުރުމަތް ކެނޑޭފަދަ ވިޔާނުދާ ދީނާ ހިލާފު އަމަލުތައް ހިންގަމުން ދާ ކަމަށެވެ. އަދި މިސްކިތުގައި މަސްތުވާތަކެތި ވިއްކުމާ އެތަކެތި ބޭނުން ކުރުމުގެ އިތުރުން އެފަދަ ފަރާތްތަކުން މިސްކިތުގައި ނިދުމާއި ފެންވެރުމާއި ކައިބޮއެ ހެދުމުގެ ކަންކަން ކުރަމުންދާ ކަމަށެވެ.

މިފަދަ ކަންކަމަކީ އިސްލާމީ މުޖުތަމައުއެއްގައި އެއްވެސް ގޮތަކަށް ހިނގިޔަދީގެން ނުވާނެ ކަންކަމަށް ވާތީއާ އެފަދަ ކަންކަމަކީ އިސްލާމީ ރިވެތި އުސޫލު ނެތިކޮށްލާފަދަ ކަމެއްކަމަށްވެސް ކުއްލި މައްސަލައިގައި ޝަރީފް ފާހަގަ ކުރައްވާފައި ވެއެވެ.

"މިސްކިތްތަކަކީ ބިންމަތީގައި ހުރުމަތްތެރިވެގެން ވާ ގަދަރު އުފުލިގެންވާ ﷲ ގެ ގެފުޅުމަކުގައި ވީ ހިނދު މިސްކިތްތަކުގެ ހުރުމަތް ދަމަހައްޓާ އެތަނުގެ ރައްކާތެރިކަން އިތުރުކޮށް މިހާރަށްވުރެ ހަރުދަނާކޮށް މިސްކިތްތައް ބެލެހެއްޓުމަށް ގޮވާލަން." އާދަމް ޝަރީފް ވިދާޅުވި އެވެ.