މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދު ތިން ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވާ 21.1 ބިލިއަން ރުފިޔާގެ އާމްދަނީ އާއި ހިލޭ އެހީގެ ތެރެއިން މިއަހަރުގެ މިހާތަނަށް ލިބިފައި ވަނީ 8.2 ބިލިއަން ރުފިޔާއެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބުނު 6.4 ބިލިއަން ރުފިޔާ އާއ ޓެކްސް ނޫން ގޮތުގައި ލިބުނު 1.7 ބިލިއަން ރުފިޔާއެވެ.
ނަމަވެސް ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖުމްލަ ހޭދަ އުޅެނީ 12.4 ބިލިއަން ރުފިޔާގަ އެވެ.
ބަޖެޓުން މި މުއްދަތުގައި ހޭދަ ކޮށްފައިވާ ގޮތަށް ބަލާއިރު ޖުމްލަ ރިކަރަންޓް ހޭދައިގެ ގޮތުގައި މިހާތަނަށް 9.1 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.
އެހެންކަމުން މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއަށް ވުރެ އިތުރަށް 3.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.