ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ހަމައެކަނި ޕްރޮގްރެސިވް ކޯލިޝަނާއެކު ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިޔާސީ މަސައްކަތް ކުރައްވާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކުގައި ކަމަށެވެ.

ރައީސް ޔާމީން ގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ތަފާތު ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ބައިވެރި ނުވުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ކޯލިޝަނުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތް އެހެން އެއްވެސް ޕާޓީއަކާއިއެކު ނުވަތަ އެހެން ބަޔަކާއެކު ނުކުރައްވާނެ ކަމަށާއި އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.

އެހެންކަމުން، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅު ބޭނުންކޮށްގެން، އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި މި 2 ޕާޓިއާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެފަދަ ފަރާތްތަކާއި ބައިވެރި ނުވުމަށް ނަސޭހަތްތެރިވެ، އިލްތިމާސް ކުރާ ކަމަށް ވެސް އެ ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.