13 އަހަރުގެ ކުއްޖާ ރަހީނުކޮށް، މަރާލި މައްސަލަ "އަވަސް" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޖެންޑަރ އިން އަވަސް ނޫސް ޖޫރިމަނާ ކުރުމުން މީޑިއާގެ ދިފާޢު ގައި މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) ތެދުވެއްޖެ އެވެ.

އެމްއެމްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލާއި، އެފަދަ ޝާއިއުކުރުންތަކާ ގުޅިގެން މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެގޮތް ބަޔާންކުރާ އުސޫލު އެކުލަވާލުމުގެ ބާރު ލިބިދީފައިވަނީ އެ ކައުންސިލަށް ކަމަށެވެ.

13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ ރިޕޯޓުކުރި ގޮތް ގޯސް ކަމަށް ބުނެ އޮންލައިން ނޫސް “އަވަސް” ޖޫރިމަނާ ކުރި މައްސަލައިގައި ނެރުނު ނޫސް ބަޔާނުގައި އެމްއެމްސީ އިން އިތުރަށް ބުނީ އެއްވެސް މަޝްވަރާކުރުމެއް ނެތި ދައުލަތުގެ ވުޒާރާއަކުން ނޫސްތައް ޖޫރިމަނާކުރުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި މީޑިއާގައި ޝާއިއުކުރާ ޝާއިއުކުރުންތަކުގެ މައްސަލަ ބެލުމުގެ ގާނޫނީ އިޚްތިސާސް ލިބިގެންވަނީ މޯލްޑިވްސް މީޑިއާ ކައުންސިލަށް ކަމަށެވެ.

މީގެ އިތުރުން މި މައްސަލަ ޗައިލްޑް ޕްރޮޓެކްޝަން ސަރވިސަސް އިން ބަލާ، ހައްލަކީ ޖޫރިމަނާ ކަމަށް ނުދެކޭ ކަމަށާއި ގާނޫނާ ޚިލާފުވާ މީޑިއާތަކުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަކީ، އެ ކައުންސިލުން ކުރަންޖެހޭކަމެއްކަމުގައި ދެކޭ ކަމަށެވެ. އަދި އަވަސް ޖޫރިމަނާ ކޮށްފައިވަނީ ނަސޭހަތް ދިނުމެއް ނެތި ކަމަށް އެމްއެމްސީން ގަބޫލު ކުރާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ކަމުން އެއީ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމެއްނެތި އިޖުރާއަތުން ބޭރުން، އެހެން ވުޒާރާއަކުން ނުވަތަ މުއައްސަސާތަކުން ކުރެވިދާނެކަމެއްކަމުގައި ގަބޫލު ނުކުރާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އެމްއެމްސީން ބުނީ މިބީދައިން މީޑިއާތައް ޖޫރިމަނާކޮށް އަދަބު ދިނުމަކީ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ފަހަކަށް އައިސް ކުރިއެރުންތަކެއް ހާސިލުކުރަމުންދަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަމުގައި އެތައް ދަރަޖައެއް ފަހަތަށް ހިނގައިދާނެކަމެއް ކަމަށެވެ.

އެކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ކައުންސިލުން ޚަބަރުތައް މޮނީޓަރ ކުރަމުންދިޔަ ކަމަށާއި އެ ޚަބަރުތަކުގައި ހިމެނޭ ގާނޫނުތަކާއި އުސޫލުތަކާއި ޚިލާފަށް ހުރި ކަންކަން ދެނެގަތުމަށް އެސެސްމެންޓެއް ހެދުމަށް ނިންމައި އެ މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެފައި ވެއެވެ.

މީގެ އިތުރުން މީޑިއާތަކަށް ބިރު ދެއްކުން ހުއްޓާލުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ ގޮވާލާފަ އެވެ.

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި ޚަބަރާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ވަނީ “އަދަދު”، “ވަން”، އަދި “ވަގުތު” ނޫހަށް ނަސޭހަތްތެރިވެފަ އެވެ.