މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާޙިދު، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫ.އެސް.އޭ.އައި.ޑީ)ގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރ އާއި ބައްދަލުކުރައްވައިފި އެވެ.

ވަރޗުއަލްކޮށް އިއްޔެ ހަވީރު މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ކޮވިޑް-19 އާއި ބެހޭ ގޮތުންނާއި، ތިމާވެށި ހިމާޔަތްކުރުމާ، ދިވެހިރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ހަރުދަނާކުރުމާ އަދި މާލީ ހިންގުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިނިސްޓަރ ޝާހިދު ވަނީ މެދުކެނޑުމެއް ނެތި އެމެރިކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، އެމެރިކާއިން ކޮވިޑް-19 ވެކްސިން އެންމެ ފުރަތަމަ ފޯރުކޮށްދޭނެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭ ހިމެނޭކަން ފާހަގަކުރައްވާ އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

އެމެރިކާއަކީ ދިވެހިރާއްޖެއަށް ބޭނުން ޖެހިއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދޭ، އިތުބާރު ހުރި ރަހުމަތްތެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ވެސް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ޔޫ.އެސް.އޭ.އައި.ޑީ މެދުވެރިކޮށް އެމެރިކާއިން ވެންޓިލޭޓަރ އަދި ޕީޕީއީ ހަދިޔާކޮށްފައިވެއެވެ. ސަމަންތާ ޕަވަރ އަކީ ޔޫ.އެސް.އޭ.އައި.ޑީ ގެ 19 ވަނަ އެޑްމިނިސްޓްރޭޓަރ އެވެ.