ދުނިޔެއަށް ކުރިމަތި ވެފައިވާ ކޮވިޑްގެ ބޮޑު މުސީބާތަކީ ޤަލަމަކުން ދުލަކުން ބަޔާން ނުކުރެވޭ ވަރުގެ ބޮޑު މުޞީބާތްތަކާއި ގެއްލުންތަކެވެ. މިއަދާ ހަމައަށް މިވަނީ މުޅި ދުނިޔެއިން 179.3 މިލިޔަން މީހުން މިބަލީގެ ޝިކާރައަކަށް ވެފައެވެ. އަދި 3.89 މިލިޔަން މީހުން ވަނީ މިދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހިފައެވެ. އިޤްތިޞާދީ ގޮތުން ދުނިޔެ މިއޮތީ ބަނޑަށް ޖެހޭ ހިސާބަށް ގޮސްފައެވެ. ބޮޑެތި އެތަކެއް ކުންފުނިތަކެއް ބަނގުރޫޓު ވެއްޖެއެވެ. ދިވެހި ވިޔަފާރިވެރިން ވެސް އެތިއްބެވީ ގޮތް ހުސްވެފައެވެ. މުވައްޒަފުންނަށް މުސާރަ ދެވޭނެ ފެންވަރު ނެތިފައެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ބައިނަލް އަޤްވާމީ ގޮތުން އަޅަމުންދާ ފިޔަވަޅުތެރޭގައި އެންމެ މުހިންމު ފިޔަވަޅަކީ އެއްތަނަކަށް މީހުން ޖަމާ ނުވުމާއި ޖަމާވާ ޙާލަތެއްގައި ގައި ދުރުކޮށް ތިބުމަށެވެ. މިކަންކަމަށް ތަބާވުމަކީ ރައްޔިތުންގެ ޒިންމާއެކެވެ. ބަލިވާނީ ރައްޔިތުންނެވެ. މަރުވާނީ ވެސް ރައްޔިތުންނެވެ. ސަރުކާރު ބައްޔެއް ނުވާނެއެވެ. ސަރުކާރު މަރުވެސް ނުވާނެއެވެ. އެހެންކަމުން ކަމާބެހޭ ފަރާތުން އަންގާ އެންގުންތަކަށް އުފަލާއެކު ތަބާވާންޖެހެއެވެ. މިކަމަކީ އިންތިހާއަށް އުނދަގޫކަމެއްކަން ވެސް އަޅުގަނޑު ޤަބޫލު ކުރަމެވެ. އެހެންނަމަވެސް ބަސް ޤަބޫލު ކުރުމާއި ހެއުވިސްނުމުގެ ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަން ޖެހެއެވެ. ކޮންމެ ކަމެއް ސިޔާސީ ކަމެއްގެ ގޮތުގައި ބެލުމަކީ އިޚްލާޞްތެރިންގެ ސިފައެއް ނޫނެވެ.

ދުނިޔޭގައި ބަންދު ކުރަމުން ދަނީ ހަމައެކަނި މިސްކިތެއް ނޫނެވެ. މިއީ ބަޔަކު އަރުވާލައިގެން އުޅޭ އަޑެކެވެ. ފައްޅިތަކާއި މަންދިރުތަކާއި ޗާޗުތައް ވަނީ ބަންދުވެފައެވެ. ބައެއްފަހަރު ލުއިދީގެން ހުޅުވާލެވެއެވެ. ނަމަވެސް ހުޅުވާލެވޭ ވަގުތު ގައިދުރުކުރަން ޖެހެއެވެ. އެނގިވަޑައިގަންނަވަމު ތޯއެވެ؟ ބަންދު ކުރެވިފައިވާ ތަންތަނުގެ ތެރޭގައި ބައިނަލް އަޤްވާމީ ބޮޑެތި މެޗްތައް ބަލާ ސްޓޭޑިޔަމްތަކާއި ނައިޓް ކްލަބްތަކާއި ބާރތަކާއި ޖުވާކުޅޭ ތަންތަނާއި މިނޫނަސް އެއްފަހަރާ ހާހުން ލައްކައިން މީހުން އެއްވާ ތަންތަންވަނީ ބަންދު ކުރެވިފައެވެ. ބައެއްފަހަރު ހުޅުވާލާފައި އަނެއްކާ ބަންދު ކުރަންޖެހެއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއްވުން ކަމުގައިވާ ޙައްޖުގެ އަޅުކަން ދެއަހަރުން ފެށިގެން އެއޮތީ ހުއްޓިފައެވެ. މިއަހަރުވެސް ޙައްޖަށް ދިއުމަށް ހުއްދަ ލިބެނީ ސަޢޫދީ ޢަރަބިޔާގެ ތެރެއިން 60 ހާސް މީހުންނަށެވެ. ޗާޗުތައް ބަންދުވުމުން އެމީހުންނަށް އަޅުކަން ނުކުރެވޭނެއެވެ. ސްޓޭޑިޔަމް ބަންދު ވުމުގެ ސަބަބުން ކްލަބްތައް އިނދެޖެހިގެން ހިނގައްޖެއެވެ. އިފްލާސްވެ ދިޔައީ ކިތައް ކްލަބްތޯއެވެ؟ މިސްކިތް ބަންދު ވުމަކީ އަޅުގަނޑުމެން މުސްލިމުންނަށް ގެއްލުންވާނޭ ކަމެއް ނޫނެވެ. ނަމާދަކީ ކޮންމެ ތަނެއްގައިވެސް ކުރެވިދާނެ އަޅުކަމެކެވެ. ސަވާބުގެ ގޮތުން އެއްވެސް އުނިކަމެއް ނާންނާނެކަން ޔަޤީނެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި އިލްތިމާސަކީ ސަރުކާރުގެ ކަމާބެހޭ ފަރާތުން އަންގަވާ އެންގެވުމަށް ރުހުމާއެކު ތަބާވެވަޑައިގަތުމެވެ. ކެތްތެރިވެ ވަޑައިގަތުމެވެ. ގިނަގިނައިން ﷲގެ ޙަޟުރަތުގައި ދުޢާ ދެންނެވުމެވެ. މިސްކިތް ނުހުޅުވާނަމަ އެޝަކުވާ ނުކުރެއްވުމެވެ. އެކަމާ އިދިކީލަ ނުހެއްދެވުމެވެ. ހުޅުވުމަށް ހުއްދަ ދެއްވާއިރު އެކަމަށް ހުއްދަދެއްވާ އުޞޫލަށް ފުރިހަމައަށް ތަބާވެ ވަޑައިގަތުމެވެ. މުސްލިމުންގެ ސިފައަކީ ވެރިޔާއަށް ތަބާވުމެވެ. އަމުރު ކުރަށްވަނީ މުންކަރާތަކަށް ނޫނެވެ. އެންމެންގެ މަސްލަހަތާއި ލާބައާއި ފައިދާ އޭގައި ހުރި ކަމަކަށެވެ. ބަލިބޮޑަށް ފެތުރޭ ވަރަކަށް ގެއްލުންވާނީ އެންމެންނަށެވެ. ނިކަމެތި ވާނީވެސް އެންމެންނެވެ. މާތް ﷲ ވަޙީ ކުރަށްވާފައިވާ މިބަސްފުޅަށް ރަނގަޅަށް ވިސްނާލެއްވުން ވަރަށް މުހިންމެވެ. يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنكُمْ ۖ މާނައީ: އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބޯލަނބައި ކިޔަމަންވާށެވެ! އަދި އެއިލާހުގެ ރަސޫލާއަށާއި ތިޔަބައިމީހުންގެ މައްޗަށް އިސްވެތިބި ވެރިންނަށް ކިޔަމަންވާށެވެ! ލޮބުވެތި رَسُولُ اللَّهِ ޙަދީޘު ކުރައްވާފައިވާ ކަމުގައި އިމާމު ބުޚާރީއާއި މުސްލިމު ރިވާކުރައްވާފައި ވެއެވެ. السَّمْعُ وَالطَّاعَةُ عَلَى الْمَرْءِ الْمُسْلِمِ فِيمَا أَحَبَّ وَكَرِهَ مَا لَمْ يُؤْمَرْ بِمَعْصِيَةٍ މާނައީ: މުސްލިމަކަށް އޮންނަ މަސްއޫލިއްޔަތަކީ ވެރިޔާގެ ބަސް އަޑުއެހުމާއި ބަސް ޤަބޫލު ކުރުމެވެ. ތިމާ ރުހޭ ކަންކަމާއި ނުރުހޭ ކަންކަމުގައެވެ. އެއީ އުރެދުމަކަށް އަމުރު ނުކުރާހައި ހިނދެއްގައެވެ. މިއީއަކީ އުރެދުމެއް ނޫނެވެ. މަޞްލަޙަތާއި ފަރުވާއޮތްގޮތެވެ.

ދަންނަވަންތޯއެވެ؟ ފާޑު ކިއުމަކީ ފަސޭހަ ކަމެކެވެ. އަނެކާގެ ބޮލުގައި ޒިއްމާ އެޅުވުމުގެ ބަދަލުގައި ތިމާގެ ޒިއްމާ ތިމާއަށް އަދާކުރެވުނީ ކިހާ މިންވަރަކަށްތޯ ވިސްނާލުން މާމުހިންމެވެ. ތިމާއަށް ކަމުގެ ބޮޑުކަން އިހުސާސްވާނީ ތިމާގެ ބޮލުގައި ކަންއެޅުމުންނެވެ. ބަލި ތިމާއާއި ތިމާގެ ގާތްމީހުންނަށް ޖެހުމުންނެވެ. އެހެންކަމުން ހެއުބުއްދިން ވިސްނައި ވަޑައިގަތުމަށް އެންމެހައި ބޭފުޅުންނަށް އިލްތިމާސް ކުރަމެވެ. އެންމެން އެކުގައި މިމުޞީބާތުން މިންޖުވުމަށް މަސައްކަތް ކުރަމާ ހިނގާށެވެ.

މާތް ﷲ އަޅަމެން އެންމެނަށް ހެއުވިސްނުން ދެއްވާށިއެވެ. ހެއު ބަސް އަހައި ހެއުބަސް ޤަބޫލު ކުރުމުގެ ތައުފީޤު ދެއްވާށިއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މިބޮޑު މުސީބާތުން އަޅަމެން އެންމެން ސަލާމަތް ކުރަށްވާށިއެވެ.