ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމަށް ކޮރަޕްޝަން ބޭނުންކުރާކަމަށްބުނެ ޕީޕީއެމްގެ ނުރުހުން ސަރުކާރަށް އަމާޒުކޮށްފި އެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، މިސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުންދާ ކަމުގެ ޝަކުވާތައް އެ ކޯލިޝަނަށް ދަނީ ލިބެމުން ކަމަށެވެ.

މިއީ ކަނޑައެޅިގެން ކޮރަޕްޝަންގެ ޢަމަލެއްކަން ފާހަގަކޮށް މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށާއި ކައުންސިލްތަކުގެ ހިންގުމުގެ އިދާރީ ވެރިން ޢައްޔަންކުރަންވާނީ އިންސާފުވެރި ކަމާއެކު ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ވީމާ ސަރުކާރުން ބޭނުންވާ ބަޔަކު ޢައްޔަންކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނަށް ގޮވާލާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސުންގަޑި ހަމަވުމަށްފަހު އިތުރު ފަރާތްތަކަށް ހުޅުވާލާނަމަ އެކަންކުރަންވާނީ ހާމަކަންބޮޑުގޮތެއްގައި އެކަން އިއުލާން ކުރެވިގެން ކަމުގައިވެސް އެ ކޯލިޝަނުން ދެކޭ ކަމަށް ވަނީ ބުނެފަ އެވެ.